ޚަބަރު

ފޭދޫފިނޮޅު ކައިރިން ދިޔަވަމުން ދިޔަ ބާޖަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

މަރިޔަމް ޝަހުދާ

ކ.ފޭދޫފިނޮޅު ކައިރިން ދިޔަވަމުން ދިޔަ ޓަގް ބޯޓަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ''މެރިން ޕަވާ 2318'' ނަމަށް ކިޔާ މި ޓަގް ބޯޓުގައި 10 ބިދޭސީ ފަޅުވެރިން ތިއްބެވެ. އަދި މި 10 ފަޅިވެރިންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މިއަދު ހެނދުނު 10:16ގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް މިމައުލޫމާތު ލިބުމާއެކީ މާލެ އޭރިއާގެ ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ބާޖު ފުންކުރުމަށް އެސަރަހައްދަށް ގޮސް މަސައްކަތް ފަށައިފައެވެ.

ބާޖުގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ބާޖު ދިޔަވެފައިވަނީ ބާޖުގެ ބަލާސްޓް ޓޭންކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ބާޖުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށާއި ބާޖުގެ އެއްވެސް ދިމާއެއް ފަޅާއިގެން ގޮސްފައިވޭތޯ އެމްއެންޑީއެފްގެ ޑައިވަރުން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިބާޖުގައި އެއްވެސް މުދަލެއް ނެތް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އަދި މި ބޯޓަކީ މިއަދު ހެނދުނު އިންޑިއާއިން ރާއްޖެ އައި ބޯޓެއްކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.