ހުތުބާ

އިސްލާމްދީން ގޮވައިލަނީ ތެދުމަގަށް ސީދާވުމަށް، ފިތުނައިގެ ތެރެއަށް ނުވަނުމަށް: ހުތުބާ

އިސްލާމްދީން ގޮވައިލަނީ ތެދުމަގަށް ސީދާވުމަށް ކަމަށާއި ފިތުނައިގެ ތެރެއަށް ނުވަނުމަށް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނަ ކަމަށާއި އެ ފިތުނައަކީ އޭނާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެއްވުމަށްޓަކައި ކުރިމަތިކުރައްވާ ފިތުނައެއް ކަމަށެވެ.

"އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނައެވެ. އެ ފިތުނައަކީ އޭނާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެއްވުމަށްޓަކައި ކުރިމަތިކުރައްވާ ފިތުނައެވެ. މި އިމްތިހާނުގައި ނާކާމިޔާބުވާ މީހުން މަގުގެއްލި ފުރެދުމުގެ ތެރެއަށް ވެއްޓިގެންދެއެވެ. އިސްލާމްދީން ގޮވައިލަނީ ތެދުމަގަށް ސީދާވުމަށެވެ. ފިތުނައިގެ ތެރެއަށް ނުވަނުމަށެވެ...،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ދުނިޔަވީ ހަޔާތަކީ އިމްތިހާނުގެ ގޮވަތި ކަމަށާއި އެ އިމްތިހާނުގެ މައިދާނުގައި އެއްވެސް އިސްތިސްނާވެގެން ނުވާ ކަމަށެވެ. އަދި އިންސާނާއަށް އޭނާގެ ވަޠަނުގައި އުފަލާއި ހިތްހަމަޖެހުމާއެކު އުޅެވުމަކީ ﷲ ގެ ވަރަށް ބޮޑު ނިއުމަތެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އިންސާނާއަށް އޭނާގެ ވަޠަނުގައި އުފަލާއި ހިތްހަމަޖެހުމާއެކު އުޅެވުމަކީ ﷲ ގެ ވަރަށް ބޮޑު ނިއުމަތެކެވެ. އެކަމުގެ ސަބަބުން ބިރެއް ނެތި ﷲ އަށް އަޅުކަން ކުރެވޭތީއެވެ. އެކަމުގެ ސަބަބުން ﷲ ގެ ޝިއާރުތައް އުފުލޭތީއެވެ. އެކަމުގެ ސަބަބުން އޭނާ މުޖުތަމައުގައި އަމާންކަމާއެކު ދިރިއުޅެވޭތީއެވެ. މި ނިއުމަތްތަކަށްޓަކައި އަޅަމެން، އަޅަމެންގެ ވެރި ރަސްކަލާނގެއަށް އަބަދާ އަބަދު ޝުކުރުކުރަން ޖެހެއެވެ. ފިތުނަވެރިކަމުންނާއި ދުޝްމަނުންގެ ނުބައި ނިޔަތްތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި އެކަލާނގެ ހަޟްރަތުން އަބަދުގެ އަބަދަށް ދެއަތް އުފުލައި ދުއާ ދަންނަވަން ޖެހޭނެއެވެ...،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ފިތުނައަކީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތަކަށް ވާތީ، ފިތުނައިގެ ސަބަބުން ކެތްތެރި މީހާވެސް އާވާރާވެ، މަގުއޮޅިގެންދާ ކަމަށެވެ.