އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރު މިބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރެއްވީ ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމަށް ރާއްޖެއިން ވެފައިވާ ތައްޔާރީތައް ނައިބު ރައީސްއާ ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސްވެރިންނަށް ރާއްޖެއިން ވިދާޅުވި މަރުހަބާއަށް އެބޭފުޅުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ނައިބު ރައީސް މި ބައްދަލުވުމުގެ ތެރެއިން ސަރުކާރުން ކުޅިވަރަށް ދެއްވާ އަހައްމިއްޔަތުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރު ތަރައްގީ ކުރުމުގެ އިތުރުން ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.