ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސީރިއާގައި ތިބި ދިވެހީން ރާއްޖެ ގެންނާނަން، މުޖުތަމައަށް ދޫކުރާނީ ފަރުވާ ދިނުމަށް ފަހު: ރައީސް

އިބްރާހިމް ޒަކީ

ސީރީއާގައި ތިބި ދިވެހީންގެ ތެރޭގައި މަޖުބޫރީ ހާލަތުގައި ތިބި އަންހެނުންނާއި ކުޑަކުދީން ވެސް އެބަ ތިބި ކަމަށާއި އދ. އާއި އެނޫން ވެސް ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާތަކާ ބައްދަލުކުރައްވައި އެމަނިކުފާނު މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރީންގެ ބައްދަލުވުމުގަ އެެވެ.

ރައީސް ސޯލިހު ވިދާޅުވީ ސީރިއާގައި ހަނގުރާމަކުރަމުންދާ ދިވެހީންނާ މުއާމަލާތް ކުރެވޭތޯ އެކި ގޮތްގޮތުން ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.

"އެ މީހުންނާ ގުޅޭތޯ ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެވުނު. އެކަމަކު ނުގުޅޭ. އެހެންނަމަވެސް ބައެއް އާއިލާތަކާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން މައުލޫމާތުތަކެއް ލިބިފަ އެބަހުރި. ސީދާ އަދަދެއް އަދިވެސް ނޭނގެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ ތެރެއިން މަޖުބޫރީ ހާލަތުގައި ތިބި އަދި އެނބުރި ރާއްޖެއަށް އަންނާން ބޭނުންވާ މީހުން ރާއްޖެއަށް ގެންނާން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި ބައިނަލް އަގުވާމީ ހުރިހާ ފަރާތްތަކުން ވެސް ލަފާދީފައި ވަނީ އެމީހުން ގެންނަގޮތަށް މުޖުތަމައަށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށް ކަމަށެވެ.

"އެއީ އެފަދަ މާހައުލެއްގައި އުޅެފަ އަންނަ އިރު އެ މީހުންނަށް ބޭނުންވާ ފަރުވާ ދޭން ޖެހޭނެ ކަމަށް. އެހެންވީމަ އެކަމަށް ސަރުކާރުން މި އަންނަނީ ތައްޔާރުވަމުން. އެ މީހުން މުޖުތަމައަށް ނެރޭނީ ބޭނުންވާ ފަރުވާވެސް ދީފަ." ރައީސް ވިދާޅުވި އެވެ.