ކޮލަމް

އިސްލާމީ މުޖްތަމައެއް އުފައްދަވައި އާރާސްތުކުރެއްވުން : 3

އަބްދުﷲ ފާރޫގް ހަސަން

އިންސާނާއަކީ ފިޠުރީގޮތުންވެސް އަޅެކެވެ. މާތްﷲގެ އަޅެކެވެ. އެކަލާނގެ ރަސްކަންފުޅަށް ކިޔަމަންވެ އަޅުވެތިވުމަކީ އޭނާގެ ފިޠުރަތުގައި އެކުލެވިގެންވާކަމެކެވެ. އިންސާނާ އޭނާގެ ވެރި ﷲ މައުރިފާ ކުރުމަށް ޝައުޤުވެރިވަނީ އެހެންވެގެންނެވެ. އޭނާގެ ހިތްފަހިވެ އޭނާއަށް ހަމަޖެހުންލިބެނީ އެކަލާނގެ ރަސްކަންފުޅު މައުރިފާވުމުންނެވެ. އޭނާގެ އަދުލުވެރިކަމާއި، އިހްސާންތެރިކަމާއި ޙައްޤަށް ތަބާވުމާއި ތެދުޤަބޫލުކުރުމުގެ މަންބަޢަކަށްވަނީ އެކަންތަކެވެ. އެކަންކަމާ ނުލައި އޭނާގެ ޠަބީޢަތުގައި ހުންނަނީ ހިތްހަރުކަމެވެ. ރަހުމު ކުޑަކަމެވެ. އިންސާނާ އަނިޔާވެރި ޖާހިލު މުޖްރިމަކަށް ހަދަނީ ހިތްހަރުކަމާއި ރަހުމުކުޑަކަމެވެ.

އިންސާނާ ހަރަކާތްތެރިކުރުވައި ހީވާގިކުރުވާ ބާރަކީ ތަޤްވާއެވެ. މާތްﷲގެ ރަސްކަންފުޅު ދެކެވާ ލޯތްބެވެ. އެލޯބި ޢިޝްޤުގެ ދަރަޖަޔަށް ތަރައްޤީވެއެވެ. އިންސާނާ މުއުމިނަކަށް ހަދަނީވެސް މުޖާހިދަކަށް ހަދަނީވެސް ތަޤްވާއެވެ. ސީރަތާއި އަޚްލާޤު ރަނގަޅު ހެޔޮލަފާ މީހަކަށް ހަދަނީވެސް ތަޤްވާއެވެ. އިސްލާމްދީނުގެ ނަޒަރުގައި އިންސާނާ ކާމިޔާބު މީހަކަށް ވަނީ ރަހްމާނުވަންތަ ﷲގެ އަޅެއްކަމުގައްޔާއި، ރައްބާނީމީހަކު ކަމުގައިވުމުންނެވެ. ކައުސާހިބާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ މުހިންމަތުގެ ޙަޤީޤީ މަޤްސަދަކީ މިދެންނެވި ފަދަ ރައްބާނީ އިންސާނުން ތައްޔާރުކުރެއްވުމެވެ. މާތް ﷲގެ ވަލީން އުފެއްދެވުމެވެ. ތަޤްވާއަކީ ރީތި އަޚްލާޤުގެ މަންބަޢެވެ. އިންސާނާގެ ކިބައިގައި ރައްބާނީ ސިފަތައް އުފައްދައި އޭނާގެ އަމިއްލަވަންތަ ކަމުގައި ރައްބާނީ ކުލައިން ކުލަޖައްސަނީ ތަޤްވާއެވެ. މިގޮތުން ބަލާއިރު ތަޤްވާ އާއި ރީތި އަޚްލާޤަކީ އެއްކަމެއް އަނެއްކަމަކާގުޅި ލައިމެހިފައިވާ ދެކަންތަކެވެ. އެކަމުން އަޅުގަނޑުމެންނަށް އެނގިބަޔާންވަނީ އިސްލާމީ މުޖްތަމައެއްގެ އުސޫލުތަކުގެ އަސްލަކީ ތަޤްވާކަމުގައި ވެފައިވަނީ ކީއްވެގެންކަމެވެ.

ހަމައެފަދައިން ތަޤްވާއާއި އީމާންކަމާވެސްވަނީ އެއްކަމެއް އަނެއްކަމަކާ އެކުވެފައެވެ. ލައިމެހިފައެވެ. އީމާންވާންޖެހެނީ އެކަމަށް ހައްޤުވެގެންވާ ގޮތުގައެވެ. އިސްލާމީ ޢަޤީދާތަކަކީ އިންސާނާގެ ފިކުރީ ދުނިޔެއާއި އަމަލީ ދުނިޔޭގައިވެސް ނަފީނުކުރެވޭނެ ބަޔަކަށްވަނީ އީމާނުގެ ސަބަބުންނެވެ. އީމާނާއި، ޙިކްމަތްތެރިކަމާއި، މަތިވެރި މަޤްސަދުތަކަށްޓަކައި ވިސްނައި ފިކުރުކުރުން ސިލްސިލާވެކުރިއަރައިދަނީ ލޯތްބާއި، ރަހުމާއި، އަދުލުވެރިކަމާއި، އިހްސާންތެރިކަމާއި، ޞާލިޙު އަމަލުތަކުގެ ސަބަބުންނެވެ.

އިންސާނާގެ ހަށިގަނޑެކޭ އެއްފަދައިން އޭނާގެ ހިތްވެސް ތަފާތު ބަލިމަޑުކަމަށް ހުށަހެޅެއެވެ. އެހެންކަމުން އޭނާގެ ހިތަށްވެސް މެދުކެނޑުމެއްނެތި ފަރުވާދޭންޖެހެއެވެ. ނަމާދުކުރުމާއި، ޤުރްއާންކިޔެވުމާއި، ޒިކުރުކުރުމާއި، ރޯދަހިފުމާއި، ކުޅަދާނަކަން ލިބިއްޖެނަމަ ހައްޖުވުމާއި، އުމްރާވުމާއި، ޒަކާތްދިނުމާއި، މާތްﷲ ގެ މަގުގައި ހޭދަކުރުމުގެ ޒަރީއާއިންނެވެ. ހަމައެފަދައިން ހެޔޮކަމުގެ އަހްލުވެރިޔަކަށްވެ ސާފުހިތެއް ލިބިގަތުމަށްޓަކައި ދުރުވާންޖެހޭ ކަންތައްތަކެއްވެސްވެއެވެ. ޝަރީކު ކުރުމެވެ. އަނިޔާވެރިވުމެވެ. އަރަހުށި މާތްﷲ އެދިވޮޑިގެންވާގޮތާފޭއަށް ދިޔުމެވެ. ތިމާގެ ސަލާމަތް ފިތުރަތު އެދޭގޮތާ ދުރުހެލިވުމެވެ. އެހެންކަމުން ދެފުށްދެގޮތްކަމާއި، ދަހިވެތިކަމާއި، ހަރާމްގޮތްގޮތުން އާމްދަނީ ހޯދުމާއި، ފަސާދަ އުފެއްދުމާއި، ދަހިވެތިކަމާއެކު މުދާ ޚަޒާނާކުރުމާއި، ރިބާކެއުމާއި، ހުއްދަނޫން މަންފާތައް ހޯދުމާއި، ވިޔަފާރިީގައި މަކަރާ ހީލަތް ހެދުމާއި، ޙިޔާނަތްތެރިވުމާއި، ދޮގުހެދުމާއި، ޣީބަބުނުމާއި، މަސްތުވާތަކެތި ބޭނުންކުރުމަކީވެސް އިންސާނާ އެއްކިބާވާންޖެހޭ ކަންކަމެވެ. އަޅުގަނޑުމެންގެ ހަށިތައް ބަލިތަކުން ރައްކާތެރިކޮށް ދުޅަހެޔޮކަމާއި ބުންވަރާއި ހިތްވަރާއި ފަންވަރު އުފެއްދުމަށްޓަކައި ސާފުތާހިރުކަން ބޭނުއްވާ ފަދައިން އަޅުގަނޑުމެންގެ ހިތްތައް ދީނީ އަޚްލާޤީ ބަލިމަޑުކަމުން ސަލާމަތް ކުރުމަށްޓަކައިވެސް ފާފަތަކުން ރައްކާތެރިވާންޖެހެއެވެ. ތަޤްވާވެރިވާންޖެހެއެވެ. ތިމާގެ ބޭރުވެއްޓާއި އެތެރެވެށި ސާފުތާހިރުކޮށް ކިލަނބުކަން ފިލުވައިލާން ޖެހެއެވެ. މިތާނގައި ބޭރުވެށީގެ މުރާދަކީ ހަށިގަނޑާއި، ފޭރާމާއި، އުޅޭތަނާއި، މަސައްކަތުގެ މާހޫލާއި، ހިނގައިބިނގައި އުޅޭތަނާއި، ތިމާ އުޅޭ ޖައްވެވެ. އެތެރެވެއްޓޭ މިދެންނެވީ އިންސާނާގެ ފިކުރާއި، ޚިޔާލާއި، ޖަޒުބާތާއި، ހިތުގެ ޝުއޫރުތަކާއި ލޮލާއި ކަންފަތް ރައްކާތެރިކުރުމުގެ ވާހަކައެވެ. ލަދުވެތިކަމަކީ ތަޤްވާގެ މޭވާއެވެ. ހިތުގެ ފާރަވެރިޔާއެވެ. ލޮލުންކުރެވޭ ފާފަތަކުން ރައްކާތެރިވުމުގެ އެންމެބޮޑު އެހީތެރިޔާއެވެ. އެންމެ އިތުބާރުހުރި ދިފާއީ އައްޑަނައެވެ.

މަސްތުވާތަކެއްޗަކީ އިންސާނާގެ ހޭބުއްދި ފިލުވައިލާ އެއްޗެކެވެ. އޭގެސަބަބުން އޭނާގެ ފިކުރާއި، ބުއްދިނުތާހިރުވެއެވެ. ޒަމީރުގެ އަޑު މަޑުވެއެވެ. ހެޔޮކަމާއި ރަނގަޅުކަމަށް ލޯބިކުރުމުގެ ހިއްސު ވާވެއެވެ. އެހެންކަމުން މަސްތުވާތަކެއްޗަކީ ނުރުހެވޭ އެއްޗެއްސެވެ. ހަޑިހުތުރު ހަރާމް ތަކެއްޗެވެ. ނޫނެކޭ ބުނާން ލާޒިމުއެއްޗެއްސެވެ.

ށ. އިޖްތިމާޢީ ދިރިއުޅުމުގެ އުސޫލުތައް

1. ހެޔޮއަމަލު ނުވަތަ ސާލިޙު އަމަލަކީ އިޖްތިމާއީ ދިރިއުޅުމުގެ އުސޫލުތަކުގެ އަސްލެވެ.

2. ފަރުދަކީ މުޖްތަމައުގެ އަސާސީ އެކައެވެ. އޭނާއަކީ މުޖްތަމައުގެ މުހިންމު މީހެކެވެ. އިހްތިރާމުކުރެވޭ އަދި ޒިންމާދާރު ބައިވެރިޔެކެވެ. އެހެންކަމުން އިންސާނިއްޔަތަށް އިހްތިރާމުކުރުމަކީ ކޮންމެ މީހަކަށްވެސް ލާޒިމުކަމެކެވެ.

3. އެންމެހައި އިންސާނުންނަކީ އެއް ނަސްލެއްގެ މީހުންނެވެ. އެހެންކަމުން ކުލަޔަށާއި، ބަހުރުވައަށާއި، ދިރިއުޅޭ ސަރަހައްދަށާއި، ދަރިކޮޅަށާއި އަދި މިނޫންވެސް މިޒާތުގެ ކަންކަމަށް ބަލައިގެން އިމްތިޔާޒީ ބައިތަކަށް އިންސާނުން ބެހުމަކީ ފިޠުރަތާ ޚިލާފުކަމެކެވެ. އަރަހުށިމާތްﷲ ރުހިވޮޑިނުގަންނަވާ ކަމެކެވެ. މަގުފުރެދުމެކެވެ.

4. އާއިލާތަކަކީ މުޖްތަމައުގެ އަސާސެވެ. އާއިލާތަކުގެ ބިންގަލަކީ ކާވެންޏެވެ. އެހެންކަމުން ކާވެނީގެ ބޭރުން އަނބިފިރިކަމުގެ ގުޅުން އުފައްދައި ނަސްލު އާލާކުރުމަކީ ބާޠިލުކަމެކެވެ.

5. އިންސާނީ ދަރިފަސްކޮޅަކީ އަރަހުށިމާތްﷲ ހައްދަވައިފައިވާބައެކެވެ. އެކަލާނގެ އަޅުންނެވެ. އެހެންކަމުން އެކަލާނގެ ޙައްޤު ފުޅުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ލާޒިމުކަމެކެވެ.

6. މީހަކު މެރުމަކީ މުޅި އިންސާނިއްޔަތު ގަތުލުކުރުން ފަދަ ކަމެކެވެ. ހަމައެފަދައިން އެންމެ މީހެއްގެވެސް ފުރާނަ ސަލާމަތް ކުރުމަކީ މުޅި އިންސާނީ ނައުއުގެ ފުރާނަ ސަލާމަތްކޮށްދިނުންފަދަ އައިތަވެރި އަމަލެކެވެ.

7. މުޖުތަމައުގެ އަމަން އަމާންކަމާއި ސުލްޙަމަސަލަސްކަން ނަގައިލުމަކީ އެންމެ ބޮޑެތިފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

8. މުޖްތަމައުގެ އަމަން އަމާންކަމަކީ އިސްލާމްދީނުގެ އެންމެ އިސް މަޤްޞަދުއަކުގެތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މުޖްތަމައުގައި ފިތުނަ ފަސާދަ އުފެއްދުމަކީ މީހުން މެރުމަށްވުރެވެސް ނުބައިކަންބޮޑު ފާފައެކެވެ.

9. އިސްލާމީ މުޖްތަމައުގެ އަފުރާދުންނަކީ އާދެ މުއުމިނުންނާއި މުސްލިމުންނަކީ އަޚުން ތަކެކެވެ. އެއުރެންގެ އަސްލުތިބީންނަކީ އެއްބަޔެކެވެ. އެކަކު އަނެކެއްގެ ފުރާނަޔާއި މުދަލާއި އަބުރާއި އިއްޒަތަށްއަރައިގަތުމަކީ އެކަކު އަނެކެއްގެ މައްޗަށް ހަރާމް ކަމެކެވެ.

10. ފަރުދުންވެސް މުޖްތަމައުންވެސް އަނެކުންގެ ޝަހްސީ މިނިވަންކަމަށާއި ޙައްޤުތަކަށް އިހްތިރާމު ކުރުމަކީ ލާޒިމު ކަމެކެވެ.

11. ހެކިބަސް ދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ހެކިބަސްވާންޖެހޭނީ ހުރިހައި ހާލަތެއްގައިވެސް ތެދުއެއްޗެއްކަމުގައެވެ. ތިމާގެ އަމިއްލަޒާތާއި، އާއިލާއާއި، ޤައުމާ ދެކޮޅަށް ހެކިބަސްދާންޖެހުނުކަމުގައި ވިޔަސްވެހެވެ. ހައްޤު ވަންހަނާކުރުމާއި، ހެކިދިނުމުން އެއްކިބާވެގެގަތުމަކީ ހުއްދަކަމެއް ނޫނެވެ.

ނުނިމޭ