ބޮލީވުޑް

ޒައިރާ ބޮލީވުޑުން ވަކިވީ ހައްދުފަހަނައެޅި ދީނީ ޖަމާއަތަކުން ބިރުދައްކައިގެން ކަމަށް ތުހުމަތުކޮށްފި

ސުޕާ ހިޓް ފިލްމުތަކެއް ކުޅެފައިވާ ޒުވާން ތަރި ޒައިރާ ވަސީމް ވަނީ އާދިއްތަ ދުވަހު މީސް މީޑިއާގައި ބޮލީވުޑުން އޭނާ ވަކިވި ވާހަކަ އިއުލާންކޮށްފައެވެ.

ޒައިރާގެ މި ނިންމުމާ ގުޅިގެން އެކިކަހަލަ ވާހަކަތައް ފެތުރި އެ ނިންމުން އަނބުރާ ގެންދަން އެއްބަޔަކު ގޮވަމުން އަންނަ އިރު، އަނެއް ބަޔަކު ބުނަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ޓައިމްސް ނައުއިން ހޯމަ ދުވަހު މިވަނީ ޒައިރާ ބޮލީވުޑުން ވަކިވީ ގަދަކަމުން ކަމަށް ބުނެ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި ބުނާ ގޮތުގައި ޒައިރާ އަދި ކިކްބޮކްސިންގެ ވޯލްޑްކަޕްގައި އިންޑިއާ ތަމްސީލު ކުރި ތަޖަމުލް އިސްލާމް އަށް ވަނީ އަބިދް ސަލަފީ ނަމަކަށް ކިޔާ ހައްދުފަހަނައެޅި ޖަމާއަތެއްގެ މީހެއްގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެ ގޮތުން ބޮލީވުޑުގައި މަސައްކަތް ކުރުން ހުއްޓައިލާން ޕްރެޝަރުކޮށް، ދިރިއުޅުމަށް ވަނީ އުނދަގޫކޮށްފަ އެވެ.

އަބިދް ވަނީ ޒައިރާ އަދި ތަޖަމުލް ދީނާ އެއްގޮތަށް ނޫޅޭކަމަށް ބުނެ އެމީހުންގެ އީމާން ކަމާމެދުވެސް ސުވާލު އުފައްދައިފައެވެ. އަދި އެމީހުންނަކީ ކަޝްމީރަށް ހުރި ލަދެއްކަމުގައި ވެސް ވަނީ ބުނެފައެވެ. އަންހެން ކުދިން ފިލްމުތަކުގައި މަސައްކަތް ކުރުމަކީ ދީނާ ހިލާފު ކަމެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އެމީހުންގެ އާއިލާތަކަށްވެސް ވަނީ ގޯނާކޮށް އެކަމާހެދި އެތައް އުނދަގޫތަކެއްކޮށްފަ އެވެ.

ޓައިމްސް ނައުގެ ރިޕޯޓްގައި ޒައިރާ ފިލްމު ކުޅޭތީ އޭނާގެ އާއިލާގެ ފަރާތުން މި ކަމުގައި ކުރިމަތިވި ގޮންޖެހުންތައް ވެސް ކިޔައިދީފައިވެ އެވެ. ޒައިރާގެ ބައްޕަ އޭނާ ޖައްމުއަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރިކަމަށާއި ނަމަވެސް ގަވަރުނަރުގެ ގާނޫނުގެ ދަށުން އެކަންވެސް ނުވީ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

ޓައިމްސް ގެ މި ރިޕޯޓާ ގުޅޭ ގޮތުން ޒައިރާ އަދި އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.