ޚަބަރު

ގައުމީ ވޮލީ ބޯޅަ ޓީމާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

ގައުމީ ވޮލީބޯޅަ ޓީމުގެ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް އިތުރު ތަމްރީނު ހޯދުމަށް މިރޭ ސާބިއާއަށް ދަތުރު ކުރަން ހަމަޖެހިފައިވާ ގައުމީ ވޮލީ ބޯޅަ ޓީމުގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވާފައިވަނީ މިރޭ މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ތަމްރީނުތަކަށް ރާއްޖޭގެ ވޮލީ ޓީމް ޔޫރަޕްގެ ގައުމަކަށްދާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރައީސް ކުޅުންތެރިންނަށް ނަސޭހަތްތެރިވިއެވެ. އަދި ކުޅިވަރުގައި އެކި ކާމިޔާބީތައް ހޯދާފައިވާ ސާބިއާގައި ކުރިއަށްދާ މި ތަމްރީނުތަކަށްފަހު އައިއޯއައިޖީ އިން ގައުމީ ޓީމް ރަން މެޑައްޔެއް ހާސިލްކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ގައުމީ ވޮލީ ޓީމުގެ ކޯޗު ވަނީ ސާބިއާ އަކީ ވޮލީގެ ދުނިޔޭގެ ރޭންކުން 10 ވަނައިގައި އޮތް ގައުމުކަން ފާހަގަކުރައްވައި، މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނެކަމަށް ވިދާޅުވެފައެވެ. އަދި އައިއޯއައިޖީގައި ވޮލީ ޓީމުން ރަނގަޅު ކާމީޔާބީއެއް ހޯދާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހުއަށް ކޯޗު އެރުވިއެވެ.