ދުނިޔެ

ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް އަދި މެސެންޖާ ހުއްޓުމަކަށް!

މަރިޔަމް ޝަހުދާ

ފޭސްބުކް ކުންފުންޏަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެކުންފުނީގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް އަދި މެސެންޖާ ހުއްޓުމަކަށް އައިސްފިއެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންވަނީ މި ހަތަރު އެޕްލިކޭޝަން ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ރިޕޯޓުކޮށްފައެވެ. ބައެއް ސަރަހައްދުތަކުގެ މީހުންނަށް މި ހަތަރު އެޕްލިކޭޝަން އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ އިރު، ގިނަ ބަޔަކު އަންނަނީ މި އެޕްލިކޭޝަންތަކުން މެސެޖު އަދި ފޮޓޯ ލޯޑް ނުވާ ކަމުގެ ޝަކުވާ ކުރަމުންނެވެ.

މިކަމާ ގުޅިގެން ފޭސްބުކުން ޓުވިޓާ މެދުވެރިކޮށް ވަނީ މި ހަތަރު އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ. އަދި ފޮޓޯ، ވީޑިއޯ އަދި ފައިލް އަޕްލޯޑުކޮށް، ފޮނުވުމުގައި ދަތިތަކެއް ދިމާވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ފޭސްބުކުން ބުނެއެވެ. އަދި އެ ކުންފުނިން މިކަން ވީހާވެސް އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޭސްބުކުން ބުނެފައިވެއެވެ.

ބިޒްނަސް އިންސައިޑާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފޭސްބުކަށް މި މައްސަލަ ދިމާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ހެނދުނު 11:00 އާ ހަމައަށް 7000 އަށް ވުރެ ގިނަ މީހުން ފޭސްބުކްގެ އެޕްލިކޭޝަންތަކާ ގުޅިގެން ޝަކުވާ ހުށަހަޅާފައިވާކަމަށް ބިޒްނަސް އިންސައިޑާ އިން ރިޕޯޓު ކުރިއެވެ.

މިދިޔަ މަހުވެސް ފޭސްބުކްގެ ބައެއް އެޕްލިކޭޝަންތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައި ވެއެވެ.