ދުނިޔެ

ބިލްގޭޓްސް އަދި މެލިންޑާ: ކައިވެންޏަށް 25 އަހަރު، ކޮންމެ ރެޔަކު ކޭތަށިތައް ދޮންނަނީ އެކީގައި

1

ދުނިޔޭގެ ހުރި އެންމެ މުއްސަނދި މީހާއާ ކައިވެނި ކޮށްގެން އުޅޭއިރު ދިރިއުޅުން ވަރަށް ފަސޭހަ ވާނެއެވެ. ހާއްސަކޮށް ގޭގެ އެއްވެސް ކަމަކާ ވިސްނަން ނުޖެހޭނެ ކަމަށް ހީކޮށްފާނެ އެވެ. ކޮންމެ އިނގިއްޔަކަށް 10 ނޯކަރުން ވެސް ބޭތިއްބިދާނެ އެވެ.

ނަމަވެސް ދުނިޔޭގެ ހުރި އެންމެ މުއްސަނދި މީހާ، ބިލިޔަނަރު ބިލް ގޭޓްސް އަދި އޭނާގެ އަންހެނުން މެލިންޑާ ގޭޓްސް އެ ވިސްނުމާ މުޅިން ތަފާތެވެ. މިދެމަފިރިން ވަގުތު ހޭދަކުރަނީ އެކީގައި ރޭގަނޑު ބަދިގޭގައެވެ. ރޭގަނޑު އެންމެން ކެއުމުން އެ ތަށިތައް ދޮންނަން އެކީ ހޭދަ ކުރާ ވަގުތަކީ ދެމަފިރިންނަށްވެސް ހާއްސަ ވަގުތެކެވެ. މިއީ އެތައް އަހަރެއް ވާންދެން ބިލް އާއި މެލިންޑާ ކުރާ ކަމެއް ކަމުން މިހާރު އެކަން ވަނީ އެއާއިލާގެ ސަގާފަތަކަށް ވެފައެވެ. އަދި އެމީހުން ބުނާ ގޮތުގައި އެއީ އެ ބަަދަހި ގުޅުމުގެ އެއް ސިއްރުވެސް މެއެވެ.

ބިޒްނަސް އިންސައިޑާ އަށް ދިން އިންޓަވިއެއްގައި މިލިންޑާ ބުނި ގޮތުގައި، އޭނާ އާއި ބިލް ދިމާވީ 1987 ގައި މައިކްރޯސޮފްޓްގައި އޭނާ ވަޒީފާ އަދާކުރަން އުޅުނު އިރު އެވެ. ލޯބީގެ ގޮތުން ދެމީހުން ގުޅި މާގިނަ ދުވަހެއް ނުވެ ކައިވެނި ކުރެވިގެން ދިޔައެވެ. އެ ކައިވެންޏަށް މިހާރު 25 އަހަރު ވެފައިވާއިރު ތިން ކުދިންވެސް ވަނީ ލިބިފައެވެ. ބިލް އަދި މެލިންޑާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޗެރިޓީ އޯގަނައިޒޭޝަން ކަމުގައިވާ "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން" ގެ ވެސް ވެރީންނެވެ.

މެލިންޑާ ބުނި ގޮތުގައި ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު އިރު ވަރަށް އެކަނިވެރި ދުވަސްތައް ހޭދަކުރަން ޖެހުނެވެ. ބިލް އެދުވަސްވަރު މައިކްރޯސޮފްޓްގެ ސީއީއޯގެ ހައިސިއްޔަތުން އުޅުނީ ވަރަށް ބިޒީކޮށްކަމުން މެލިންޑާ ގިނަ ވަގުތު ހޭދަކުރަންޖެހުނީ އެކަންޏެވެ.

ނަމަވެސް ދެމީހުނަށް ދިމާވާ ކަންކަން އެކަކު އަނެކަކާ ހިއްސާކޮށް ވާހަކަދައްކަން ފެށުމުން ގިނަ މައްސަލަތަކަށް ހައްލު ލިބެން ފެށި ކަމަށް މެލިންޑާ ބުންޏެވެ. މިއީ އެކީގައި ތަށި ދޮންނަން ވެސް ފެށުނު ގޮތެވެ.

މެލިންޑާ ކިޔައިދިން ގޮތުގައި ކޮންމެ ރެޔަކު އެންމެން ކައިގެން ދިޔުމުން އޭނާ އެކަނި 15 ވަރަކަށް މިނެޓް ބަދިގޭގައި ތަށިދޮވެ ސާފު ކުރުމަށް ހޭދަކުރެއެވެ. އެހެން އެންމެން އަރާމު ކުރަން ދާއިރު އޭނާ ހުންނަން ޖެހެނީ އެކަނި މާއެކަނި މަސައްކަތުގައެވެ. އެހެން ކަމުން އެއްރޭ އޭނާ ބަދިގެއިން ނުދަނީސް އެހެން އެކަކަށްވެސް ނުދެވޭނެ ކަމަށް އޭނާ އަމުރު ކުރިއެވެ.

މެލިންޑާ ބުނި ގޮތުގައި ގޭތެރޭގެ ކުދި ކުދި ކަންކަން ދެމަފިރިންގެ މެދުގައި ބަހާލުމަކީ ދެމީހުންގެ ގުޅުން ބަދަހިވެ އުފާވެރިވާ ކަމެކެވެ.

އެދުވަހު ބިލް އޭނާ އެންގި އެންގުމަށް ބަދިގޭގައި މަޑުކޮށް އޭނާއަށް ބަދިގޭގައި އެހީވެދޭން ފެށިފެށުން އަދި އަދާ ހަމައަށްވެސް ކުރިއަށް ދާކަމަށް މެލިންޑާ ބުންޏެވެ. އަދި އޭނާގެ އުންމީދަކީ ކުރިއަށް އޮތް ތާނގައިވެސް އެގުޅުން އެގޮތުގައި ދެމި އޮތުމެވެ.