އެމްއެމްއޭ

ބޮޑު ޚިޔާނާތުގެ މައުލޫމާތު އާތިފް ޝުކޫރު އަޒީމާއާ ހިއްސާކުރި، އެއްވެސް ފިޔަވަޅެއް ނޭޅުއްވި: އޭސީސީ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި، އެސްއޯއެފް ކުންފުނިން އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރަމުން ދިޔަކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޭރުގެ ގަވަރުނަރު އަޒީމާ އާދަމްގެ ސަމާލުކަމަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް ކުރީން ހުންނެވި އާތިފު ޝުކޫރު ގެންނެވިކަން އޭސީސީން މިއަދު އާންމުކުރި ރިޕޯޓުން ހާމަވެއްޖެ އެވެ.

އެފްއައިޔޫ އަށް ލިބިފައިވާ އެސް.ޓީ.އާރ އެނަލައިޒު ކުރިއިރު ފާހަގަކުރެވުނު ކަންތައްތައް ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވާ މައްސަލައިގައި އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ބުނީ އޭސީސީން ބުނީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު އެފް.އައި.ޔޫ އިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓް، އެފް.އައި.ޔޫގެ އޭރުގެ ވެރިޔާ (އާތިފް ޝުކޫރު) ގެ ޖީމެއިލް އެކައުންޓުން އޭރުގެ ގަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް އަމަލު ކުރަން އެފް.އައި.ޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އޭސީސީން ނެރުނު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ގަވަރުނަރު އަޒީމާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އޭރުވެސް ވަނީ ކުރެވިފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ އިހުމާލެއް ނެތީތޯ ނުވަތަ ޒިންމާވާން ނުޖެހޭނެތޯ ބުނެ މީޑިއާތަކުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މައުލޫމާތު، އޭރުގެ އެފްއައިޔޫގެ ހެޑް، އޭރުގެ ގަވަރުނަރު އަޒީމާއަށް ފޮނުއްވިކަން އޭސީސީން މިއަދު ނެރުނު ރިޕޯޓުން ހާމަވި އިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޒީމާ އެއްވެސް އިރަކު އަޅުއްވައިފައެއް ނުވެ އެވެ.