ދިވެހި ބަހުގެ އެކަޑެމީ

ގައުމީ އަދަބީ އީދު މިއަހަރު ނ. މަނަދޫގައި

މުހައްމަދު އައުޒަމް

ގައުމީ ފެންވަރުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ އީދު މިއަހަރު މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބާއްވާ ގޮތަށް ދިވެހިބަހުގެ އެކެޑަމީން ނިންމައިފިއެވެ.

މިގޮތަށް ދިވެހިބަހުގެ އެކެޑަމީން ނިންމެވީ ނ. އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގެ ނާޒިރުންނާ މިއަދު އެކެޑަމީގެ އިސްވެރީން ފޯނު ކޮންފަރެންސެއްގައި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ފަހުއެވެ. މި މަޝްވަރާގައި އެ އަތޮޅުގެ ހުރިހައި ރަށެއްގެ ސްކޫލުތަކުގެ ނާޒިރުން ވެސް ބައިވެރިވެވަޑައިގަތެވެ.

އަދަބީ އީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި އެ ކަންކަމަށް އޮންނަ ޝައުގާއި ލޯބި އިތުރުކުރުމުގެ މަގުސަދުގައި އެކެޑަމީން ބާއްވަމުން އަންނަ އަދަބީ ހަރަކާތެކެވެ. މިއީ އަތޮޅުގެ ހުރިހައި ރަށެއްގެ ސްކޫލުތަކުގެ ދަރިވަރުން ބައިވަރިވާ ގޮތަށް ހަމަޖައްސާފައިވާ ގައުމީ ހަރަކާތެއް ކަމުގައި އެކެޑަމީން މައުލުމާތުދެއެވެ.

އަދަބީ އީދުގައި ދަރިވަރުންނަށާއި އާންމު ފަރާތްތަކަށް އަދަބީ އެކިއެކި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ އިތުރަށް، ޅެން ހަދަން ދަސްކޮށްދިނުމާއި ވާހަކަދެއްކުންތެރިކަން ދަސްކޮށް ދިނުމާއި ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށް ދިނުން ފަދަ ހަރަކާތްތަކާއި ކުރު މުއްދަތުގެ ކޯސްތައް އެކެޑަމީން ކުރިއަށް ގެންދެއެވެ. ވާދަވެރިކޮށް ކުރިއަށްގެންދާ މުބާރާތްތަކުގެ ތެރޭގައި އައު ލަފުޒު މުބާރާތާއި ރައިވަރު ކިޔުމާއި ޅެން ހުށަހެޅުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި ވާހަކަ ހުށަހެޅުން ފަދަ އަދަބީ މުބާރާތްތައް ހިމެނެއެވެ. މިފަދަ އީދުތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އަދަބީ އަދި ގައުމީ ރޫހު އާލާވުމާއި އެކުވެރިކަން އާލާވުން ފަދަ އިޖުތިމާއީ ރަނގަޅު އާދަތަކާއި އަދަބުތައް ދަސްވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެއެވެ.

މީގެ ކުރިން ވެސް ދިވެހިބަހުގެ އެކެޑަމީން ވަނީ އަދަބީ އީދު އެކިއެކި އަތޮޅުތަކުގައި ބާއްވައިފައެވެ. އެގޮތުން ހުވަދޫ އަދަބީ އީދުގެ ނަމުގައި 2014 ވަނަ އަހަރު ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީގައި އަދަބީ އީދެއް ބާއްވާފައިވެއެވެ. 2015 ވަނަ އަހަރު ހުވަދު އަތޮޅު އުތުރުބުރީ ތިނަދޫގައި ވެސް އަދަބީ އީދެއް ބާއްވާފައިވެއެވެ. 2016 ވަނަ އަހަރު އަދަބީ އީދު ބާއްވާފައިވަނީ ފާދިއްޕޮޅު ނައިފަރުގައެވެ. 2017 ވަނަ އަހަރު އަދަބީ އީދު ބާއްވާފައިވަނީ މުލަކަތޮޅު އަދަބީ އީދުގެ ނަމުގައި މުލަކަތޮޅު މުލީގައެވެ. މީގެ އިތުރަށް ފާއިތުވި ދެ އަހަރު އޮޅުދޫކަރައިގެ ވެރިރަށް ކޮޅުނބުގައި ވެސް ވަނީ އަދަބީ އީދުގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް އެތާނގައި ހުންނަ ދިވެހި ސަގާފީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވައިފައެވެ.