ބޮލީވުޑް

ލަވް އާޖް ކަލްގެ ސީކުއިލް ރިލީސް ކުރަނީ 14 ފެބްރުއަރީގައި

ސައިފް އަލީ ޚާންގެ މަގުބޫލު ފިލްމު ލަވް އާޖް ކަލްގެ ސީކުއިލްގެ ޝޫޓިން ނިންމާލައިފިއެވެ.

ސައިފްގެ ދަރިފުޅު، ސާރާ އަލީ ޚާން އަދި ކާތިކް އާރްޔަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ޑައިރެކްޓް ކުރަނީ އިމްތިޔާޒް އަލީއެވެ. ފިލްމުގައި މުހިންމު ރޯލުން ރަންދީޕް ހޫޑާވެސް ފެނިގެންދާނެއެވެ.

ބަތަލު ރަންދީޕް މީސް މީޑިއާގައި އިއްޔެ ހިއްސާކުރި ގޮތުގައި 66 ދުވަހުން ފިލްމުގެ ޝޫޓިން ވަނީ ނިމިފަ އެވެ. ފިލްމުގެ ޝޫޓިން އެންމެ ފަހުން ކޮށްފައިވަނީ ހިމާޗަލް ޕްރަދޭޝްގައެވެ. ފިލްމު ރިލީސް ކުރަނީ ފެބްރުއަރީ 14ގައި ކަންވެސް ރަންދީޕް ވަނީ ހިއްސާކޮށްފައެވެ. 

ސާރާވެސް ވަނީ މީސް މީޑިއާގައި ފިލްމުގެ ޝޫޓިން ނިންމާލާފައިވާކަން ހިއްސާކޮށްފައެވެ. ފިލްމުގައި އޭނާގެ ބައިވެރިޔާ ގޮތުގައި ފެނިގެންދާ ތަރި ކާތިކް އަދި ޑައިރެކްޓަރު އިމްތިޔާޒްއަށް އެ ޕޯސްޓުގައި ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވެއެވެ.

ފިލްމުގައި ކާތިކް ފެންނާނީ ތަފާތު ލުކް އެއްގައި ކަމަށްވެއެވެ. މީގެ ކުރިން ސާރާ ވަނީ ކާތިކް އަކީ އޭނާގެ ކްރަޝްއެއް ކަމަށް ބުނެފައެވެ.

2009 ވަނަ އަހަރު ނެރުނު ފިލްމު ލަވް އާޖް ކަލް ގައި ލީޑް ރޯލުގައި ސައިފް އާއެކު ފެނިގެން ދިޔައީ ދީޕިކާ ޕަޑުކޯންއެވެ.