މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 17

އަބްދުﷲ ފާރޫގް ހަސަން

1

(29 ޖޫން ގެ އަދަދާ ގުޅޭ)

މަލިކުމީހުންގެ ގެދޮރު

މަޣުރިބުކަރައިގެ ދަތުރުވެރިޔާ އަދި މުސްލިމުންގެ މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ ދިވެހީންގެ ގެދޮރާ ބެހޭގޮތުން، ލިޔުއްވައިފައިވާ ގޮތުގައި ދިވެހީން ގޯތިގެދޮރު ބިނާކޮށް އުޅެނީ ދިވެހި ރުކުގެ ވަކަރުންނެވެ. އެދުވަސްވަރު ދިވެހީން ގެދޮރުއަޅާ ގޮތަކީ، ދިވެހިރާއްޖޭގެ ގައު، ދެމުށް ތިންމުށުގެ ދިގުމިނުގައި ކޮށައިގެން ގެއަޅާނެ ބޮޑުމިނުގައި ގަލުގެ ދެބައިންބައި ބިމުގައި ވަޅުލައި ބަހައްޓައިފައި އޭގެ މަތީގައި ވަކަރުއަޅައި އެވަކަރުގައި ކޮޅަށް ވަކަރުޖަހައިފައި މަތީވަޑާންގަނޑާއި ފުރާޅު ހަދައިފައި ބިތްގަތަނީއެވެ. މިގޮތަށް ގެދޮރު އެޅުމުގައި ދިވެހީންނަކީ ހައިރާންވާ ފަދަ ކުޅަދާނަ، ފާޑުވެރި ބަޔެއް ކަމުގައި އިބްނުބަޠޫޠާ ބަޔާން ކުރައްވައެވެ. އެޒަމާނުގައި ދިވެހީން ގެ ހިޔާކޮށް އުޅުނީ ދިވެހި ރުކުގެ ފަނުންނެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ނަސްލުން އައިސްފައިވާ މަލިކުމީހުންވެސް އިހުގައި ގެދޮރުއަޅައި އުޅުނީ ހަމަ އިބްނުބަޠޫޠާ ބަޔާން ކުރައްވައިފައިވާ ފަދައިންނެވެ. ދިވެހިރާއްޖޭގައިވެސް ގެ އަޅާއިރު ގާފޮޅު ބަނދެ އުޅުނު ފަދައިން (ދެމުށް ތިންމުށުގެ ދިގުމިނަށް ގާ ކޮށައިގެން ގެއަޅާނެ ބޮޑުމިނުގައި ދެބައިންބައި މައްޗަށް ހުންނަގޮތަށް ވަޅުލައި ހެދި ފަދައިން) މަލިކުގައިވެސް އެންމެ އިހުގައި ގެ އަޅައިއުޅުނީ ގާފޮޅު ބަނދެގެން ގާފޮޅުގެ މަތީގައެވެ. ރާއްޖޭގައިވެސް ގާފޮޅު ރޭނުމުގެ ދައުރު އައުމާއެކު މަލިކަށްވެސް އެދައުރު އަތުވެއްޖެއެވެ. ހަމަ އެފަދައިން ބިތްގެތުމުގެ ބަދަލުގައި ފިލައިން ބިތް ހެދުމާއި ދަމާދޮރު ބޭނުންކުރުމަކީވެސް ދެތާނގެ މީހުން މުޅީން އެއްގޮތަކަށް ކުރަމުން އައި ކަންކަމެވެ. ގެދޮރުއެޅުމަށް އެ ތަރައްޤީ ފުރަތަމަ އައިކަމަށް ފެންނަނީ މަލިކު ކަންނަންނޫރުގެ ދަށަށް ދިޔުމުގެ ކުރިންނެވެ.

ގޭގެ ރޭނުމުގެ ދައުރު މަލިކަށް އައީ ރާއްޖެއަށްވުރެ ފަހުންނެވެ. އެއީ މަލިކުމީހުން އެމީހުންގެ އަމިއްލަ ރާއްޖެއާ އެއްބަނޑުއެއްބަފާ އަޚުން އުޚުތުންނާ ވަކިވެ ޢަލީރާޖާގެ އަޅުވެތިކަމުގެ ދަށަށް ދިއުމުގެ ސަބަބުން އެމީހުންގެ ތަރައްޤީއަށް އައި ހުއްޓުމެއް ކަމުގައި ނޫނީ ނުވާނެއެވެ.

އާދެ، އެހެންކަމާއެކު މިހާރުވެސް މަލިކުގައި ގިނައިން ހުރީ ދިވެހިގޮތަށް ގާފޮޅު ރާނައިފައި އޭގެ މަތީގައި ފިލައިން ބިތް ހަދައިފައިހުރި ގޭގެއެވެ. ގޭގެ ހިޔާކޮށްފައި ހުންނަނީ އީޓު ނުވަތަ ޓިނު ޖަހައިގެންނެވެ. ރާއްޖެއާއި މަލިކުގައި ޓިނާއި އީޓު ބޭނުންކުރަން ފަށައިފައިވަނީވެސް އެކުއެކީގައެވެ. އޭރުވެސް ދިވެހިކާބަފައިންގެ ނަސްލުގެ މިދެގޮފި އޮތީ އެއްގޮތްޕެއްގެ ގޮތުގައެވެ. އެހެންކަމުން އަޞްލު ދިވެހިގޮތަށް އަޅައިފައިހުރި ގޭގެ (އެސްޖެހިގެފަދަގޭގެ) މިހާރު ރާއްޖެއަށްވުރެން ގިނައިން ފެންނަން ހުރީ މަލިކުންނެވެ.

މަލިކުގައިވެސް ޢާންމުކޮށް ގޭގެ ބައިކޮށްފައި ހުންނަނީ ދެބަޔަކަށެވެ. ދިވެހިރާއްޖޭގައިވެސް ގޭގެ ބައިކޮށް އުޅުނު ފަދައިންނެވެ. އަޅުގަނޑުމެންނެކޭ އެއްގޮތަށް މަލިކު މީހުންވެސް ގޭގެ ދެބަޔަށް ކިޔައިއުޅެނީ ދެބުރިއެވެ. އެމީހުން އެތެރެގެއަށް ކިޔަނީ ގޭ އަޑިބުރިއެވެ. މަލިކުގައި "އަޑި" މިބަސް (އުތުރުގެ ބައެއް ރަށްރަށެކޭ އެއްފަދައިން) ބޭނުންކުރެވޭ އެއްމާނައަކީ އެތެރެއެވެ. މިސާލަކަށް، ކޮޓަރީތެރޭގައޭ ބުނުމުގެ ބަދަލުގައި ކޮޓަރި އަޑީގައޭ މިހާރުވެސް ބުނެއުޅެއެވެ. މިހަމައިން ބަލާއިރު ގޭ އަޑިބުރިޔަކީ ހަމަ އެތެރެގޭ ބުރިއެވެ. އަޅުގަނޑުމެން މިކިޔާ ބޭރުގެ ނުވަތަ ބޭރުގޭބުރިއަށް މަލިކުގައި ކިޔަނީ ގޭދޮރުބުރިއެވެ. ގޭގެ ދެފަރާތުގައި ދެފެންޑާ (ބައެއް ގޭގޭގައި އެއްފެންޑާ) އޮވެއެވެ. ބައެއްގޭގެ ފެންޑާގައި ނުވަތަ ފެންޑާއާއި އެތެރެގޭގައި ނުވަތަ ބޭރުގޭގައި ގުދަނެއް (މަލިކުގައި ކިޔާގޮތުންނަމަ އެތެރެގެ) ހުރެއެވެ. މަޝްހޫރު ދިވެހިގަނޑުވަރުގައި ގޭގެ ތެރޭގައި ހުންނަ ގުދަން (މިޒަމާނުގެ ގޮތަށް ދަންނަވާނަމަ ސްޓޯރރޫމް) ހުންނަނީ ބޭރުގެ ބުރީގައެވެ.

އަޅުގަނޑުމެންގެ ތެރޭގައިވެސް އެތެރެގެ އަންހެނުންނަށް، ބޭރުގެ ފިރިހެނުންނަށް ޚާއްޞަވެފައި އޮންނަ ފަދައިން މަލިކުގައިވެސް އެކަން އޮންނަނީ ހަމަ އެގޮތަށެވެ. ރާއްޖޭގައި މިހާރު އެކަން މާބޮޑަށް ވީއްލިފައި އޮތްނަމަވެސް މަލިކުގައި މިހާރުވެސް އެކަން އޮތީ އިހުގެ ދިވެހި ގޮތަށެވެ. ބަދަލެއް ނައިހެވެ.

މަލިކުގައި ބޭރުގެތެރޭގައި (ގޭދޮރު ބުރީގައި) ގޭގެ ހުރަހަށް އެއްކޮޅުން އަނެއްކޮޅަށް ހުންނަ ބޮޑުއަށްޓަކާއި، ކުޑައަށްޓަކާއި އުނދޯއްޔެއް ހުރެއެވެ. ބޮޑުއަށި ހުންނަނީ ދިވެހިގޮތަށް ކުނާ އަޅައިފިއެވެ. އަށީގެ ބިތްދޮށުގައި ފާރުކައިރީގައި ބަރިޔަކަށް ފޮށިތައް އަތުރައިފައި ހުރެއެވެ. އަޅުގަނޑުމެން މިކިޔާ ބަންގާޅުފޮށިތަކެވެ. އެމަންޒަރު ފެނުމުން އަޅުގަނޑުގެ ހަނދާނަށް އައީ އަޅުގަނޑުގެ ޢުމުރުގެ އެންމެ އުފާވެރި ދައުރެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތި މަންމައާއި ބައްޕައާއި މާފައާއި މާމަގެ ހިޔާވަހިކަމުގައި، ފުވައްމުލަކުގެ ހައްދުންމަތީގޭގައި އުޅުނު ދައުރެވެ. އަޅުގަނޑުގެ މާމަގޭގެ ބޭރުގޭ ބޮޑުއަށްޓެވެ. އެއަށިމަތީގައި ހުންނަ މާމަގެފޮށި ހުޅުވާލާ ކޮންމެ ފަހަރަކު އަޅުގަނޑު މާމައަތުން ނަބާޒުހަކުރު އަތުލާ ހަނދާނެވެ.

މަލިކުގައި ބޮޑުއަށީގައި ހުންނަ ފޮށިފޮށީގައި ހުންނަ އެންމެޚާއްޞަ އެއްޗަކީ އަންނައުނެވެ. އަލަށް ހުންނަ އަންނައުނެވެ. ބޭނުންކުރާ އަންނައުނު ހުންނަނީ އުނދޯލި ދަނޑީގައެވެ. (އުނދޯލީގެ ވަލުގައި ދެކޮޅު ހަރުކޮށްފައިވާ ދަނޑިއެއް) ނުވަތަ އެނދުގައި މަދިރިގެ ދަމަން ޖަހައިފައި ހުންނަ ދަނޑީގައި ދަމާފައިވާ ރޯނު ނުވަތަ އޭގައި އަޅައިފައިވާ ދަނޑީގައެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށިއިރު އަޅުގަނޑުމެންގެ ރަށްރަށުގައިވެސް އެކަން އޮންނަނީ އެގޮތަށެވެ. ޢީސަދަރި މަރުބަލީގައި ހާލުބޮޑުވެފައިވަނިކޮށް މީހަކު ރައިވަރެއްކިޔާލަބަލާށޭ ބުނުމުން ކީރައިވަރެއްކަމުގައި ބުނެއެވެ. ރައިވަރެއްގައިވެސް މިފަދައިން އަންނައުނު އަޅާ ދަނޑީގެ ވާހަކަ އާދެއެވެ. އޭނާ ކިޔައިފައިވަނީ "ބޭރުންއައިސް ވަންނައިރު، ގޭދަނޑިމަތީ ހުންނަ ރުމާ، ހޭހުރުމާ ނުހުރުމާ" މިފަދައިންނެވެ. މިއީ އޭރުގެ ދިވެހިގޮތެވެ.

ބޭރުގޭ ކުޑައަށި (މަލިކު ބަހުރުވައިގައި ކުޑައަރިފަތް) ބޭނުންކުރަނީ ނިދާ އެނދަކަށެވެ. އެތާނގައި ހަތަރުފަސް ގޮދަޑި މަތިމައްޗަށް އަރުވައި ވަރަށް ރީތިކޮށް ފަލަނގުފޭލި އަޅައި ތަންމަތި އަޅައިފައި ހުރެއެވެ. އެއެނދުގެ ދެކޮޅާއި ބިއްދޮށާއި މިއިން ކޮންމެ ފަރާތެއްގައި ދިގުކަންނޭލުގެ ތިންކަންނެޔޮ އޮވެއެވެ. ކޮންމެ ފަރާތެއްގައި ބާލީހެއް ލައްކޮށްލާފައި ހުރެއެވެ. އަޅުގަނޑު ކުޑައިރު އަޅުގަނޑުގެ މާމަގޭގެ ބޭރުގޭ ދިމާއެނދުވެސް ހުންނަނީ ތުނޑުކުނާ އަޅާފައި ހަމަ މިޢަދަދަށް ކަންނެޔޮއަޅައި ބާލީސް ޖަހައިފައެވެ. އެ އެނދުގައި ނިދަނީ އަޅުގަނޑުގެ ދޮންބޭބެ އިބްރާހީމް ރާޝިދެވެ. މާފައާއި މާމަގެ "ރަންދަރިފުޅެވެ." ބޭރުގެ (ގޭދޮރުބަރި) އުނދޯލީގައި ކޮންމެ ފަރާތެއްގައި ތިންކަންނޭލުގެ ބަދަލުގައި އޮންނަނީ ދެކަންނޭލެވެ. އުނދޯލީގެ މަތީގައި ހުންނަނީ ސަނދުވާ ދަމާފައެވެ. މަލިކުމީހުން އެސަނދުވާއަށް ކިޔަނީ ފޭލިގަނޑެވެ.

އެތެރެގޭގައި ހުންނަނީ އުނދޯއްޔަކާއި އެނދުތަކެކެވެ. ގޭގައި އުޅޭ މީހުން ގިނަވިވަރަކަށް ގިނައެނދު ހުރެއެވެ. އެތެރެގެއާ ބޭރުގެއާ ގުޅޭ މެދުދޮރު ކައިރީގައި މައިއެނދޭ ކިޔާ އެނދެއް ހުރެއެވެ. އެތެރެގޭ އުނދޯލިވެސް ހުންނަނީ ބޭރުގޭ އުނދޯއްޔެކޭ އެއްގޮތަށެވެ. ކޮންމެ އެނދެއްގައި އެއްގޮދަޑި ނުވަތަ ދެގޮދަޑި އޮވެއެވެ.

ބައެއް ގޭގޭގައި ގެއާ ގުޅިގެން ބޭރުގެއެއް ހުރެއެވެ. އެތާނގައިވެސް އުނދޯއްޔަކާއި އަށްޓެއް ހުރެއެވެ. ބައެއް ގޭގޭގައި އުނދޯއްޔަކާއި އަށްޓެއްގެ އިތުރަށް އެނދެއްވެސް ހުރެއެވެ. މަލިކުމީހުން ބޭރުގެއޭކިޔާ ތަން އަޅުގަނޑަށް އެންމެވައްތަރީ އުނދޯލިގެއަކާއެވެ. އަޅުގަނޑު ކުޑައިރު އަޅުގަނޑުމެންގެ ހިސާބުގަނޑުގެ ބައެއްގޭގޭގައި އެގޮތަށް ގޭގެ ފެންޑާއާ ގުޅައިގެން އުނދޯލިގެ އަޅައިފައި ހުއްޓައި ދެކެމެވެ.

މަލިކުގޭގޭގެ ކޮންމެ ބުރިއެއްގައި ދެދޮރު ހުރެއެވެ. ގިފިއްޔަށް ވަންނަ ދޮރަކާއި ބޭރުން އައިސް ގެއަށް ވަންނަ ދޮރެކެވެ. އިހުގައި ރާއްޖޭގައިވެސް ހުންނަ ފަދައިން ގިނަގޭގޭގައި މެދުގޯތި ތެރޭގައި ފެންވަޅެއް ހުރެއެވެ.

މިހާރަކަށް އައިސް މަލިކުގައިވެސް އިހުގެ ގޮތަށް އަޅައިފައިހުރި ގެތައް ދަނީ މަދުވަމުންނެވެ. އަލަށް އަޅާ ގޭގެ އަޅަނީ މިޒަމާނުގެ ގޮތަށް ކޮޓަރިކޮޓަރި ލައިފައެވެ. ގެރޭނުމުގައިވެސް އުވައަށްވުރެ ގިނައިން ބޭނުންކުރަނީ ސިމެންތިއެވެ. މަދުމަދުން ނަމަވެސް ދެބުރިގޭގެވެސް އަޅަމުން އެބަގެންދެއެވެ.

މަލިކުގެ ގޭގެއާ ބެހޭގޮތުން ވާހަކަ ދައްކާއިރު ފާހަގަކުރެވޭ ޚާއްޞަކަމެއް އެބައޮތެވެ. އެއީ މިހާރު މަލިކުގައި ފަނުން ހިޔާކޮށްފައިހުރި ގެއެއް ނެތްކަމެވެ. ބިތުގައި ފަންލައިފައިހުރި ގެއެއްވެސް ނެތެވެ. ހުރިހާ ގޭގެވެސް ހުންނަނީ ބިތުގައި ފިލާޖަހައިފައި ނުވަތަ ރާނައިފައެވެ. ޓިނުން ނުވަތަ އީޓުން ހިޔާކޮށްފައެވެ. މަލިކުމީހުން ޓިނަށް ކިޔަނީ ތައްތަފަތެވެ. އީޓަށް ކިޔަނީ މުށްޓެވެ.