ފުރާނަދަންދެން

ފުރާނަދަންދެން - 23

2

ހޮސްޕިޓަލުގައި ދެފައި ޖެހުމާއެކު އޭނާ އެންމެ ފުރަތަމަވެސް ބެލީ އެއްވެސް ވޯޑެއްގައި އަޒްކާ އެޑްމިޓް ކުރެވިފައި ވޭތޯއެވެ. އޭނާ ހިތު ހިސާބެއް ހަދާލިއިރު ޔަޤީނުންވެސް އަޒްކާ ވިހާ ދުވަސް ފަހަނައަޅާ ގޮށްސިއެވެ. އޭނާ ވަކިވަކިން ހުރިހާ ވޯޑެއް ޗެކް ކުރިއެވެ. ފާއިތުވެދިޔަ ދެމަސް ދުވަހެއްހާ ދުވަހު އަޒްކާ ކިޔާ އެއްވެސް ކުއްޖެއްގެ ރެކޯޑެއް އޮތްތޯ ބެލިއެވެ. ނަމަވެސް އަޒްކާގެ އެއްވެސް މައުލޫމާތެއް ނުލިބުނެވެ. އަޒްކާގެ މޯބައިލް ފޯނަށް އެތައް ފަހަރަކު ގުޅިއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ މާޔޫސްވިއެވެ. ޑިޔުޓީ ނިމުނު ވަގުތު އޭނާ ކެންޓީނާއި ދިމާލަށް ދިޔައީ މާބޮޑަށް ބަނޑުހައިވެފައި ހުރުމުގެ ސަބަބުން އެއްޗެއް ކާލުމަށެވެ. މޭޒު ކައިރީގައި އިށީނދެފައިވެސް އޭނާ ކާހިތެއް ނުވިއެވެ. އަޒްކާ މަތިން ހަނދާންވެ މާޔޫސް ވަނީއެވެ. އަޒްކާގެ ހަބަރެއް އިނގޭނެ މީހެއް އޭނާގެ ހިތަށް އެރީ ކުއްލިއަކަށެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ހިނގައިގަތެވެ. މަގުމައްޗަށް ނިކުމެފައި ރާއިދުއަށް ގުޅުމުގެ ބަދަލުގައި މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވައިގެން އެއަށް އެރިއެވެ.

ކެތްމަދުވެފައިވާ ހާލު ނަޝްވާ އުޅޭ ގޭ ބެލް އަޅަން ފެށިއެވެ. ހުޅުވިގެން ދިޔަ ދޮރާއެކު ކުރިމަތީގައި ހުރި ބޭރު އަންހެން މީހާ ފެނި ނަތާޝާ ހައިރާންވިއެވެ. އެމީހާއަށް ނަތާޝާ ބަލައިލީ ދެލޯ ވަށްކޮށްލަމުންނެވެ. އެ އަންހެންމީހާއަށް ނަތާޝާއަކީ ކާކުކަން ނޭނގުމުން އެއްޗެއް އަހާލަން އުޅުނު ވަގުތު ނަތާޝާ އެތެރެއަށް ވަނެވެ. އޭނާ ބަދިގެއާއި ދިމާލަށް ދިޔައީ އަޅައިގެން ހުރި ހޭންޑްބޭގް ސޯފާމައްޗަށް އެއްލާފައެވެ.

"އަނހަ ނަތާ...! ކޮންއިރަކު އައީ...؟" ކޮޓަރިން ނިކުމެގެން އައި ނަޝްވާއަށް ބަދިގެ ތެރެއިން ނަތާޝާ ފެނުމާއެކު އަހައިލިއެވެ.

"ދޮންތާ....! ކޮބާ ޙައްވައްތަ.... ކޮޓަރީގަތަ...؟" ނަޝްވާ ބުނި އެއްޗަކަށް ޖަވާބެއް ނުދީ ނަތާޝާ ސުވާލެއް ކޮށްލިއެވެ. ނަޝްވާ ޖަވާބެއް ދިނުމުގެ ކުރިން ނަތާޝާ ގޮސް ޙައްވަ ކޮޓަރީ ތަޅުގައި ހިފާ ހުޅުވާލިއެވެ. އޭނާ އެކޮޓަރި ތެރެއިން ފެނުނީ ގޭ ދޮރު ހުޅުވާލި ބޭރު މީހާއެވެ.

"ނަތާ...!!! ވަޓްސް ރޯންގް ބޭބީ..." ނަތާޝާ އުޅުނު ގޮތުން ކަންބޮޑުވެފައި ހުރި ނަޝްވާ ނަތާޝާގެ ދެކޮނޑުގައި ހިފައިލަމުން އަހައިލިއެވެ.

"ޙައްވައްތަ ގޭގައި ނެތީތަ...؟ މިހާރުން މިހާރަށް ޙައްވައްތައާއި ވާހަކަދައްކަން ބޭނުން..." ނަތާޝައަށް ރޮވުނެވެ. އޭނާގެ އަޑު އައީ ކުރެހެމުންނެވެ.

"އާދެބަލަ އިހަށް އިށީނދެލަން.... ރިލޭކްސް... ކިހިނެއްވެގެންތަ މިއުޅެނީ..." ނަޝްވާ އަހައިލިއެވެ.

"އަޒްކީ ވީތަނެއް އިނގޭނީ ޙައްވައްތައަށް. އެއްދުވަހު އަޒްކީ ބުނީ ޙައްވައްތަ ވަރަށް ރަނގަޅޭ... މިހާރު އަޒްކީ ވިހައިވެސްފާނެ. ބޭނުން އަޒްކީއާއި ބޭބީގެ ހާލު ބަލައިލާން" ނަތާޝާ ވާހަކަދެއްކިއެވެ.

"ޙައްވައްތަ ތިމާގެ ކުއްޖަކު ވަރަށް ބޮޑަށް ބަލިވެގެން ރަށަށް ދިޔައީ. ފަހުން ގުޅާފައި ބުނީ ޙައްވައްތައަށް މަޢާފްކުރާށޭ. ޙައްވައްތައަށް ދެން މަސައްކަތްކުރަން ނެތޭ ދެވޭކަށް. ވަރަށް ބައްޔޭ...." ނަޝްވާ އޮޅުންފިލުވައިދިނެވެ.

"ޙައްވައްތައަށް ގުޅައިދީބަލަ... ޕްލީޒް ދޮންތާ..." ނަޝްވާ އިރުކޮޅަކު ނަތާޝާއަށް ބަލަން އިނެވެ. އޭނާ ގުޅަން ފަސްޖެހުނެވެ. އަޒްކާގެ އެއްވެސް ކަމެއްގައި އުޅެން އޭނާ ބޭނުމެއްނުވެއެވެ. ނުޝައިބާގެ އަމުރަށް ކިޔަމަންވާން އޭނާ ބޭނުންވެއެވެ. ނަމަވެސް ކުރިމަތީގައި ރޮވިފައި އިން ކޮއްކޮގެ ކަރުނަތަކުގައި ކޮޅުންފައިން ޖަހަންވެސް އޭނާއަށް ނުކެރުނެވެ.

"އޯކޭ... ނަތާއަށްޓަކައި މިގުޅައިދެނީ...." ނަޝްވާ ކޮޓަރިއަށް ގޮސް އޭނާގެ ފޯނު ހިފައިގެން އައިސް ޙައްވައްގެ ނަންބަރަށް ގުޅައިލިއެވެ. މާގިނަ އިރު ރިންގުނުވެ އެންމެ ދެ ރިންގުން ޙައްވަ ފޯނު ނެގިއެވެ.

"ހަލޯ ޙައްވައްތާ... މީ ނަތާ އިނގޭ... ޙައްވައްތަ ދޮގުނަހަދައްޗެ އިނގޭ... އަޒްކީ ހުންނަނީ ޙައްވައްތަ ކައިރީގަތަ...؟" ނަޝްވާ އަތުން ފޯނު އަތުލާފައި ނަތާޝާ އަހައިލިއެވެ.

"ހަލޯ....ޙައްވައްތާ...! ކީއްވެ އެއްޗެއް ނުބުނީ...." ޙައްވަ ޖަވާބެއް ނުދިނުމުން ނަތާޝާ ދެވަނަ ފަހަރަށްވެސް ސުވާލު ކުރިއެވެ.

"ޔަޤީންތަ...؟" އެކޮޅުން ޙައްވަ ބުނި އެއްޗަކާއި ވިއްދާފައި ނަތާޝާ ބުނެލިއެވެ. އޭނާ ފޯނު ކަންފަތާއި ދުރުކޮށްލާފައި މާޔޫސް ކަމާއެކު ނަޝްވާއަތަށް ފޯނު ދިނެވެ.

"ކީކޭ ބުނީ...؟" ފޯނުގައި ހިފަމުން ނަޝްވާ އަހައިލިއެވެ.

"ބުނީ ޙައްވައްތަ ކައިރީގައި އަޒްކީ ހުންނަންވީ ކީއްވެގެންހޭ. ޙައްވައްތަ މިއުޅެނީ އަމިއްލަ ހާލައިގެން ނޫޅެވިގެންނޭ...ދޮންތާ...! އަޒްކީ ހޯދަން ދެން ނަތާ ކިހިނެއް ހަދަންވީ...؟" އަނެއްކާވެސް އެންމެފަހު ވަގުތު ނަތާޝާއަށް ރޮވުނެވެ.

"ދެން ދެރަނުވޭ. އަދި ﷲ އިރާދަކުރެއްވިއްޔާ ދިމާވާނެ. ނަމާދަށް އަރާފައި ގިނަގިނައިން ދުޢާކުރޭ" ނަތާޝާގެ ދެލޯ ކައިރި ފޮހެލަމުން ނަޝްވާ ބުނެލިއެވެ.

************************

ކައިވެންޏާއި ބެހޭގޮތުން ސަލްމާ ބުރުހާނުއްދީނާއި ސުވާލުކުރީ އޭނާ ކައިވެނިކުރަން އުޅޭ ވާހަކަ ބުނިތާ ހަފްތާއެއް ވާން އުޅެނިކޮށެވެ. ރޭގަނޑު ކެއުމުގައި ސަލްމާ އެވާހަކަ ފެށުމުން އެންމެ ބޮޑު ޚައިރާންކަމެއް ލިބުނީ މާހިލްއަށެވެ. އޭނާ ބުރުހާނުއްދީންގެ މޫނަށް ބަލައިލީ ޚައިރާނުން ފުރިގެންވީ ބެލުމަކުންނެވެ. އެކަން ބުރުހާނުއްދީނަށް ފާހަގަވިއެވެ.

"ކީކޭ...؟ ބައްޕަ މެރީކުރަނީއޭ..." މާހިލް އަހައިލިއެވެ.

"އާނ... މާހިލްއަކަށް ހިއެއް ނުވޭތަ މާހިލްގެ ބައްޕައަށް ހަޔާތުގެ ބައިވެރިއެއް ބޭނުންވާހެނެއް...؟" ސަލްމާ ބުނެލިއެވެ.

"ބައްޕަ ބޭނުންވިއްޔާ ކައިވެނި ކުރަންވީ... އެކަމަކު ސްޓެޕްމަމް ޖެހޭނެ އަޅުގަނޑަށް ރަނގަޅުވާން. އެހެންނޫނީ އަޅުގަނޑާއި މެޗެއް ނުވާނެ" މާހިލް ވާހަކަދެއްކިއެވެ.

"އެއީ ހުރިހާ ކުދިންނާވެސް މެޗުވާ ކުއްޖެއް" ބުރުހާނުއްދީން ބުނެލިއެވެ.

"ޔަންގް ކުއްޖަކާތަ...؟" މާހިލް އަހައިލިއެވެ.

"ބައްޕައާއި އެއް އޭޖެއް... ދަރިފުޅަށް ވަރަށް ކަމުދާނެ" ބުރުހާނުއްދީން ބުނެލިއެވެ. މާހިލް ހީލިއެވެ.

"ދައްތަ މާދަމާ ކޮންމެސް ގަޑިއެއްގަ ވާނެ އެގެއަށް ދާން. އަހަރެން ދޭނަން އެޑްރެސް... ދައްތަ ފެނުނީމަ އޭނަ ހިތްހަމަވެސްޖެހޭނެ. ބުނާނީ އަހަރެން މިހާރު ވަރަށް ބަދަލުވެއްޖޭ" ބުރުހާނުއްދީން ބުނެލިއެވެ. ސަލްމާ ބޯޖަހާލިއެވެ.

**************************

ނައިޝީއާއި ނާހިދް މަޑުކޮށްލައިގެން ތިބީ ގޯތިތެރޭގައި ހަދާފައިވާ ބަގީޗާ ކައިރީގައި ހުންނަ ޖޯލި ފަތީގައެވެ. ހަވީރުގެ ވަގުތަށް ވުމުން ގޯތި ތެރެއަށް ވަނީ އަވި މަރާލާފައެވެ. ސަރަހައްދު އެއްވަސް ވެފައިވަނީ އިނާޝާ ބަގީޗާގައި އިންދާފައިވާ އެކި ކަހަލަ މާތަކުގެ މީރު ވަހުންނެވެ. ދެމީހުން އެކި ސަމާސާގައި މަޖާކުރަމުން ދިޔައިރު އެމަންޒަރު ބަލަން ބެލްކަނީގައި އިނާޝާއާއި މޯހަންދާސް ހުރިކަމެއް އެމީހުންނަށް ނޭނގެއެވެ.

"އީވް ވެސް ދެއްކި ތިކަހަލަ ވާހަކައެއް. އަދި އެބައޮތޭ އެހެން ޚަބަރެއް" ހުނުން ކޮންޓްރޯލް ކުރަމުން ނައިޝީ ބުނެލިއެވެ.

"ކޮން ޚަބަރެއް؟ އަނެއްކާ އީވް ކައިރީގައި ނުބުނާތި އެފަކީރުގެ ހިތް ހަލާކުކޮށްލާށޭ... އެއްހާސް އަހަރުފަހުން އޭނަ ކުއްޖަކާ ރައްޓެހިވެފަ ސީރިޔަސް އެވީ" ނާހިދް ބުނެލިއެވެ.

"އެކަހަލަ ކަމެއް ކުރަން އީވް ނޫޅޭ. ވާގޮތަކީ އީވްގެ ބައްޕަ މަދީނާއިން ކޯސް ފުރިހަމަކޮށްގެން އައިއްސި އިއްޔެގަ. އީވްގެ މަންމައާއި ދައްތަމެން އެންމެން މޫނު ބުރުގާ އަޅަން އުޅެނީ. އީވް ބުނީ ބައްޕައާއި ދެކޮޅަށް އޭނަ އެއްވެސް އެއްޗެއް ނުބުނާނަމޭ. ބުނެފިއްޔާ ބައްޕަ ވަލީ ނުދީފާނޯ... އިމްރާން ކައިރިން އަހަން ނުކެރިފަ ހުރީ" ނައިޝީ ވާހަކަދެއްކިއެވެ.

"ހެހެހެ.... ތިޖެހުނީ އަނެއް ކަންތައް.... އޭނަ އެންމެފަހުން ރައްޓެހިވި ކުއްޖާއާއި ރުޅިވީވެސް އެކުއްޖާ ކަޅު ހެދުންލާތީ. ތިކަންވެސް ތިނުވީ މިފަހަރުވެސް" ނާހިދް ބުނެލިއެވެ.

"ހިއެއްނުވޭ.. ދެން ލެޓްސް ސީ ދޯ" ނާހިދް ބުނެލިއެވެ.

**********************

ނަތާޝައާއި އެކީގައި ގޭތެރެއިން އަޒްކާ ނުފެންނަން ފެށި ފަހުން އަމީޒާގެ ހާލަކީ އަބަދު ފޮޓޯގަނޑު ހިފައިގެން ފަރީޝާ ކައިރީގައި ޝަކުވާ ކުރުމެވެ. އޭނާ ގޭތެރެއިން ވާހަކަދައްކަނީ ހަމައެކަނި ފަރީޝާއާއެވެ. އަމީޒާއަށް ޔަޤީން ނުވިޔަސް އަޒްކާއާއި މެދު ކޮންމެސް ކަމެއް ގޯސްކޮށް ހިނގައިފިކަން އިހުސާސް ވެއްޖެއެވެ. އޭނާއަށް އެނޫން އެއްވެސް ކަމަކާއި ނުވިސްނެއެވެ.

ފަރީޝާ މަޣްރިބް ނަމާދުން ފޭބިއިރު އަމީޒާ އިނީ އެކޮޓަރި ތެރޭގައެވެ. ފަރީޝާ ހިނިތުންވުމެއް ދީފައި އަމީޒާ އަތުގައި ހިފައިގެން ކޮޓަރިން ނިކުތެވެ. އަދި އަމީޒާއަށް ޙާއްސަކޮށްފައި ހުންނަ ކޮޓަރިއަށް ވަނެވެ.

"އަމީ...! ހިނގާ އަވަހަށް ނަމާދުކުރަން...." ފަރީޝާ ބުނެލިއެވެ. އަމީޒާ ދެކޮޅެއް ނުހެދިއެވެ. އޭނާ ގޮވައިގެން ފާހާނާއަށް ވަނީ ފަރީޝާއެވެ. އަމީޒާ އެކަނި ވުޟޫ ކޮށްލަން ދޫކޮށްލުމުން ފެށީ ނުބައި ކޮށެވެ. ފަރީޝާ އޭނާއަށް ކިޔައިދިނެވެ. ފާހާނާ އިން ނިކުމެ ތުވާލިން މޫނު ފޮހެލީ އަމީޒާ އަމިއްލައަށެވެ. އަތުގައި އޮތް ފޮޓޯ އެނދުމަތީގައި ބާއްވާފައި މުސައްލަ ފަތުރައިގެން ނަމާދަށް އެރިއެވެ. ފަރީޝާ އިނީ އެނދުގައި އަމީޒާގެ ހަރަކާތްތަކަށް ބަލާށެވެ. އަމީޒާގެ ނަމާދުގެ ހަރަކާތްތައް ތަރުތީބިކޮށްލިލެއް ފުރިހަމަކަމުން ފަރީޝާ އިނީ އަމީޒާއަށް ބަލަން ގެއްލިފައެވެ. ސަލާން ދިނުމަށްފަހު ފަރީޝާ އެންމެ ހައިރާން ކުރުވަނިވި މަންޒަރަކަށް ފެނުނީ އަމީޒާ ދެއަތް ނަގާ ދުޢާ ކުރަން އިން މަންޒަރެވެ. އަމީޒާގެ ދެލޮލުން ކަރުނައެއް ވެއްޓުނުތަން ފެނުމުން ފަރީޝާ ހައިރާންވިއެވެ. ނަމާދުކޮށް ނިމިގެން މުސައްލަ އޮޅާލާފައި ދުރުގައި ބޭއްވުމަށްފަހު އަމީޒާ ފަރީޝާއަށް ބަލައިލިއެވެ.

"އަމީ...! ކޮންކަމަކަށް ދުޢާ ކުރީ...!" ހިނިތުންވެފައި ފަރީޝާ އަހައިލިއެވެ.

"އަރޫ.... އަރުޝް.....އަރުޝް....ޝް....ޝް..." އަމީޒާއަށް އިތުރަށް ނުބުނެވުނެވެ. އޭނާއަށް ރޮވިއްޖެއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަރޫއާއި ދިމާވާނެ.... ހުއްޓާލާ އިނގޭ... ވާނެ ދޯ މިއަދު ހިނގާލަންދާން... އަމީ ބޭނުންތަނަކަށް ދާނީ" އަމީޒާ ހިތްހަމަޖައްސާލުމަށްޓަކައި އަމީޒާގެ ގައިގައި ބައްދާލަމުން ފަރީޝާ ބުނެލިއެވެ.

********************

ކާރުގައި އިން ސަލްމާ ވިސްނަމުން ދިޔައެވެ. އޭނާ ފެނުނީމާ އިނާޝާގެ އަމަލުތައް ހުންނާނީ ކިހިނެއްބާއެވެ؟ އަނެއްކާ ހިތްހަމަނުޖެހޭނީބާއެވެ؟ ކަންތައްތައް ވެފައި އޮތް ގޮތުން އިނާޝާ ހިތްހަމަނުޖެހޭނެކަން ޔަޤީނެވެ. އެންމެ ފުރަތަމަ ބުނާނީ ކީކޭ ހެއްޔެވެ؟ މަޢާފަށް އެދޭނީ ހެއްޔެވެ؟ އޭނާއަށް ޔަޤީންވާ އެއްކަމެއް ވެއެވެ. އިނާޝާ ވާހަކަދެއްކުމުގައި މަޑުމައިތިރިކަން ޙިޔާރުކުރާނެކަން ޔަޤީނެވެ.

ދަގަނޑު ގޭޓެއް ލާފައިވާ ގެއެއް ކައިރީގައި ޓެކްސީ މަޑުކޮށްލުމާއެކު ސަލްމާއަށް ވިސްނުންތަކުން ދުރުވެވުނެވެ. ދަބަހުން ނެގި ފައިސާ ޑްރައިވަރަށް ހަވާލުކުރުމަށްފަހު އޭނާ ޓެކްސީއިން ފޭބިއެވެ. މަޑުމަޑުން ހިނގާފައި އެގެއާއި ދިމާލަށް ދިޔައިރު އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދެމުން ދިޔައެވެ.

"ކީއްކުރާ ބޭފުޅެއްތޯ..." ގޭޓު ހުޅުވާލާފައި ވަންނަން އުޅުނު ވަގުތު ސަލްމާއާއި ސުވާލުކުރީ ދޮރުގެ އެއްފަރާތުން ހަދާފައިވާ ގާޑް ޕޯސްޓުގައި އިން ގާޑެވެ. ސަލްމާ އެދިމާލަށް ބަލައިލިއިރު އެމީހާ ބޯދިއްކޮށްލައިގެން ހުރީ މަގުމައްޗަށް ކަނޑާފައިވާ ކުޑަދޮރަކުންނެވެ.

"އަ.... އިނާޝާ އާއި ބައްދަލުކޮށްލަން. މިގޭގަ ދެއްތޯ އިނާޝާ އުޅެނީ... އަޅުގަނޑު މިއީ އިނާޝާގެ އާއިލާ މީހެއް" ސަލްމާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. ގާޑް ބޯޖަހާލުމުން ސަލްމާ ވަދެގެން މައިދޮރާއި ދިމާލަށް ދިޔައެވެ. ވަގުތަކީ މެންދުރުގެ ވަގުތެވެ. އޭނާ ހިނގާފައި ދިޔައިރު ޖާގަ ތަނަވަސް ބޮޑު ގޯތީގެ އެކި ދިމާ ބަލަމުން ދިޔައެވެ. އޭނާ ވަކި ހިސާބަކަށް ދިޔުމަށްފަހު ހުއްޓުނެވެ. ކުރެވެން އުޅެނީ ރަނގަޅު ކަމެއް ބާވައެވެ؟ ކޮއްކޮގެ ކައިވެންޏަށް އެދި އިނާޝާ ކުރިމައްޗަށް އަރަންވީބާއެވެ؟ އޭނާ ދެލޯމަރާ ފުން ނޭވައެއް ބޭރުކޮށްލުމަށްފަހު ގޮތެއް ނިންމިއެވެ. އޭނާ އިނާޝާ ކުރިމައްޗަށް ދާނެއެވެ. ކައިވެންޏަށްވެސް އެދޭނެއެވެ. ހަމައެކަނި ކޮއްކޮއަށްޓަކައެވެ. އެ ކޮއްކޮ އަބުރުވެރި ދިރިއުޅުމެއް އުޅޭ މަންޒަރު ދުށުމަށްޓަކައެވެ.

ދޮރުގައި ބެލް އަޅާލީ ވަރަށް ހިތްވަރުންނެވެ. އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު ކުރިމަތީގައި ހުރި ބޭރު އަންހެންމީހާ ސަލްމާއަށް ފެނުނެވެ. މީކާ ހައިރާންކަމާއެކު ސަލްމާއަށް ބަލަން ހުރީ އޭނާ ނުދަންނަ މީހަކު އައިސް ހުރުމުންނެވެ.

"އިނާ... އިނާޝާ އެބައުޅޭތަ...؟" ސަލްމާ އަހައިލިއެވެ.

މީކާ ސަލްމާ ގެއަށް ވެއްދިއެވެ. ސޯފާގައި ބޭންދުމަށްފަހު ސިޑިން މައްޗަށް އަރާ އިނާޝާއަށް ހަބަރު ދިނެވެ. އެއަށްފަހު އޭނާ ބަދިގެއަށް ގޮސް ފިނި ބުއިމެއް ގެނެސްދިނެވެ. އިނާޝާ ސިޑިން ފައިބައިގެން އައީ ވަރަށް މަޑުންނެވެ. އެހެންކަމުން ފިޔަވަޅުގެ އަޑު ސަލްމާއަށް ނީވޭއެވެ. އޭނާ ސަލްމާ ކުރިމަތީގައި ހުއްޓުނީ އަނެއްކާ ކާކުބާއޭ ހިތަށް އަރާފައެވެ. ނަމަވެސް ކުރިމަތިން ސަލްމާ ފެނުމާއެކު އިނާޝާގެ މޫނަށް ޚައިރާންކަން ވެރިވެގެން ދިޔައެވެ. ސަލްމާގެ މޫނުމަތިން އޭނާއަށް ޒުވާން މޫނު ފެނުނު ފަދައެވެ.

"ދައްތަ...!" އިނާޝާގެ ދެ ތުންފަތް ދޭތެރެއިން އެނަން ބޭރުވެގެން ދިޔައީ ވައި އަޑުންނެވެ. އެހާ ދުވަސްފަހުން އޭނާގެ ކުރިމަތީގައި އެއިނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އޭނާއަށް މައެއްގެ ލޯބި ދިން އިންސާނާކަން އިނގުމުން ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އިނާޝާ ފެނުމާއެކު ސަލްމާއަށް ވެސް އިންތަނުން ކޮޅަށް ތެދުވެވުނެވެ. އޭނާ އިނާޝާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލައިލިއެވެ. ވަރަށް ބަދަލު އައިއްސިއެވެ. ޔަޤީނުންވެސް ރީތިކަން އިންތިހާއަށް ހިންގައްޖެއެވެ. އަނެއްކާ އޭނާގެ ކޮއްކޮއަށް ކަމުދިޔައީ އިނާޝާގެ ރީތިކަން ބާއޭ ހިތާ ހިތުގައި ބިރުވެރިކަމެއް ހިނގައިލިއެވެ.

"އިނާ...!! ކިހިނެއްތަ...؟" އިނާޝާ ކައިރިއަށް ފިޔަވަޅެއް އަޅައިލަމުން އިނާޝާގެ ދެއަތުގައި ހިފާލިއެވެ. އިނާޝާގެ އެއްލޮލުން ވެއްޓުނު ކަރުނަތިއްކާއެކު އޭނާ ސަލްމާގެ ހަށިގަނޑުގައި ބައްދާލިއެވެ. މޯހަންދާސް ވަދެގެން އައިރު ފެނުނު މަންޒަރަކުން މަޑުޖެހިލިއެވެ. އިނާޝާއަށް މޯހަންދާސް ފެނުމާއެކު ސަލްމާގެ ހަށިގަނޑުން ދޫކޮށްލާފައި އައިސް މޯހަންދާސްގެ އަތުގައި ހިފައިލިއެވެ.

"އަހަރެންގެ ދައްތަ" ކަރުނައިގެ ތެރެއިން ހިނިތުންވެލާ ސަލްމާއަށް އިޝާރާތްކުރަމުން އިނާޝާ ބުނެލިއެވެ. މޯހަންދާސް ކުރިއަށް ޖެހިލާ ސަލްމާއާއި ސަލާންކޮށްލިއެވެ. ސަލްމާއަކީ އިނާޝާގެ ކިހިނެއްވީ ދައްތައެއްކަން މޯހަންދާސްއަށް އިނގޭ ކަހަލައެވެ.

"ދައްތާ...! އިނާގެ ދައްތަ އަދި އަލަށް މިފެނުނީ. ކީއްވެ ކޮޅަށް ތިހުންނަނީ.. އިށިނދޭ... މީ އިނާގެ ފިރިމީހާ މޯހަން..." މޯހަންދާސް އަމިއްލައަށް ތަޢާރަފް ވެލިއެވެ. ވަގުތުން ސަލްމާގެ މޫނު މަތީގައިވި އުޖާލާކަން ކެނޑިގެން ދިޔައެވެ. އޭނާ އިނާޝާއަށް ބަލައިލިއެވެ. އެވަގުތު އިނާޝާ ދެލޮލުން ފެނުނު ވިދުމުންނާއި ތުންފަތްމަތިން ފެންނަން ހުރި ހިނިތުންވުން ފެނި އެ ޒަވާޖީ ހަޔާތް ވަރަށް ކާމިޔާބީކަން ސަލްމާއަށް އިނގުނެވެ.

"ކޮންއިރަކު އިނާ ކައިވެނިކުރީ...؟" ސަލްމާ އަހައިލިއެވެ.

"މިހާރު ކިހާ ދުވަހެއް. ނާހިދަށް ތިން އަހަރުގަ. ދޯ އިނާ...!" ޖަވާބުދިނީ މޯހަންދާސްއެވެ.

"ކޮބާ އެސޮރު... ވަރަށް ދެކިލާހިތްވޭ. އެސޮރަށް ނުވެސް އިނގޭނެ ބޮޑުދައިތައެއް ހުންނަކަން" ސަލްމާ ވާހަކަދެއްކިއެވެ.

"މިވަގުތު ވީ ޑިޔުޓީގަ. ދައްތައަށް އިނގޭތަ ނާހިދަކީ މިހާރު ޑޮކްޓަރެއް" މޯހަންދާސް ވާހަކަދެއްކިއެވެ.

"އިނާ ދައްތައާއި ވާހަކަނުދައްކަންތަ ތިއިންނަނީ..." ހުރިހާ ވާހަކައެއް މޯހަންދާސް ދައްކާތީ ހީލުމަކާއެކު ސަލްމާ އަހައިލިއެވެ. ވަގުތުން އިނާޝާ އިސްޖަހައިލިއެވެ. މޯހަންދާސް އިނާޝާއަށް ބަލައިލަމުން އަތުގައި ހިފައިލިއެވެ.

"ދައްތާ...! އިނާގެ މާޒީގައި ލިބުނު އަނިޔާތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ބޮޑު. ލިބުނު ޝޮކެއްގެ ސަބަބުން އިނާއަށް ވާހަކަދެއްކުމުގައި ގޮންޖެހުންތަކެއް އެބަހުރި. އަހަރެންނާއި ނާހިދު ނޫން އެހެން އެއްވެސް މީހަކަށް އިނާ ދައްކާ ވާހަކަ ސާފެއްނުވާނެ. އަހަރެން ދުނިޔޭގެ އެކި ހިސާބުތަކުން ވަރަށް ބޭސްކޮށްފިން. ހުރިހާ ޑޮކްޓަރުންވެސް ބުނަނީ ރަނގަޅަށް ވާހަކަދެއްކޭނެކަމަށް. މުއްދަތެއް ބުނާކަށް ނޭނގޭ..." އިނާޝާގެ ހާލަތު ހުރިގޮތް މޯހަންދާސް ސަލްމާއަށް ހާމަކުރިއެވެ. ހިތުގައި ޖެހުނުވަރުން ސަލްމާއަށް މޭގައި އަތް އަޅާލެވުނެވެ. އޭނާގެ ކޮއްކޮގެ ފަރާތުން އެ އަންހެންކުއްޖާއަށް އަނިޔާ ލިބިފައި އެވަނީ އޭނާ ހީކުރި ވަރަށް ވުރެ ވެސް ބޮޑަށެވެ. އޭނާއަށް އިނާޝާގެ ކުރިމަތީގައި އިންނަންވެސް އުނދަގޫވިއެވެ.

"އިނާ....!! ދައްތައަށް މަޢާފްކުރައްޗެ. އޭރުގަ ސްކޮލަރޝިޕް ލިބުނީމަ ކުއްލިއަކަށް ދައްތަ ފުރަންޖެހުނީ. އިނގޭ އޭރުގަވެސް އިނާގެ ހާލަތު ހުރިގޮތް. ދައްތަ ވަރަށް މަސައްކަތްކުރިން އެ އަނިޔާތަކުން އިނާ ސަލާމަތްކުރަން. އެކަމަކު...." ސަލްމާގެ ދެލޮލުގައި ކަރުނަތައް ބޮނޑިވެގަތެވެ.

"އިނާ ހިތުގައި އެއްވެސް މީހަކާއިމެދު ޝަކުވާއެއްނެތް" މޯހަންދާސް ވާހަކަދެއްކުމަށްފަހު އިނާޝާގެ މޫނަށް ބަލައިލިއެވެ. އިނާޝާ ބޯޖަހައިލިއެވެ.

"އިނާ...! ދައްތައަށް ނެތޭ އިނދެވޭކަށް. އެސޮރު އަންނަ ގަޑިއާއި ވަރަށް ދިމާކޮށްލާހިތްވޭ. އަދި ފަހުން ބައްދަލުވާނެ. މިހާރު ދަނީ އިނގޭ...." އިނާޝާގެ މޫނުގައި ލޯތްބާއެކު ފިރުމާލަމުން ސަލްމާ ވާހަކަދެއްކިއެވެ. އޭނާ އެގެއިން ނިކުތީ އިނާޝާގެ ކުރިމަތީގައި އިންނަން އުނދަގުވި ވަރުންނެވެ. އިނާޝާއަށް އަނިޔާ ދިން މީހާގެ ހަޔާތަށް އެ އަންހެންކުއްޖާ ގެނައުމަށް ކުރެވުނު މޮޔަ މަސައްކަތުން އަމިއްލަ ނަފްސަށް މަލާމާތް ކުރެވޭވަރުންނެވެ.

ސަލްމާ އެގެއިން ނިކުމެގެން ހިނގައިގަތީ ފައި މަގުގައެވެ. އޭނާއަށް މާލެ ތެރޭގައި ހިނގަން ނޭނގުނު ނަމަވެސް ކާރަކަށް އަރަން ބޭނުން ނުވިއެވެ. ގޭގައި ބުރުހާނުއްދީން އިންތިޒާރުކުރާނެކަން އިނގޭއިރުވެސް އޭނާ އެހާ އަވަހަށް ގެއަށްދާ ހިޔާލެއް ނުކުރިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު މަތަ ނުވަނީސް ބުރުހާނުއްދީނާއި ކުރިމަތިލާން އޭނާ ބޭނުމެއް ނުވިއެވެ. ދެވޭ ތަނެއް ނޭނގި ހިނގަމުން ގޮސް އޭނާއަށް ނިކުމެވުނީ އައިޖީއެމްއެޗާއި ދިމާލުން ބޭރު މަގަށެވެ. އޭނާ ދެފަރާތް ހޯދާ ބަލައިލީ ދެފަޔަށް ވަރުބަލިވެފައި ހުރުމުގެ ސަބަބުން އިށީންނާނެ ތަނެއް ހުރިތޯއެވެ.

ސުނާމީ ބިނާއާއި ދިމާލަށް އޭނާ ހިނގައިގަތީ އެދިމާލުގައި ޖޯލި ފައްޗެއް ހުރިތަން ފެނުމުންނެވެ. ނަމަވެސް މެންދުރުގެ ގަދަ އަވީގައި އެތަނަށް ހިޔާވަހިކަމެއް ނެތުމުން އަނބުރާ ގެއަށް ދިޔުމަށް އޭނާ ނިންމިއެވެ. މަގުމަތިން ޓެކްސީއެއް ހުއްޓުވީ ބޮލަށް އެނބުރުން އަރާފައި ހުރުމުގެ ސަބަބުންނެވެ.

ސަލްމާގެ އިންތިޒާރުގައި ސިޓިންގްރޫމް ސޯފާގައި އިން ބުރުހާނުއްދީންގެ ނަޒަރު ހުޅުވާފައި ހުރި ޓީވީއަށް އަމާޒުވެފައި ހުއްޓަސް އިރުކޮޅަކާ ގޭ ދޮރާއި ދިމާލަށް ބަލައިލައެވެ. ސަލްމާ ވަދެގެން އައީ އެގޮތުގައި އޭނާ އެތައް ވަގުތެއް ހޭދަކުރި ފަހުންނެވެ. ޓީވީން ނަޒަރު ވަކިކޮށްލުމަށްފަހު އޭނާގެ ހުރިހާ ސަމާލުކަމެއް ސޯފާގައި އިށިން ސަލްމާއަށް ދިނެވެ.

"ކިހިނެއްވީ...؟؟ އޭނަ ރުހުނުތަ...؟ ނުރުހުނަސް އަހަރެން މިކަން ކުރާނަން..." ގަދަވެލާފައި ބުރުހާނުއްދީން ބުނެލިއެވެ. ސަލްމާ ބުރުހާނުއްދީނަށް ބަލައިލިއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ދެނެގަންނަން ބުރުހާނުއްދީނަށް ނޭނގުނެވެ.

"އަހަރެން ހިތަށް އަރާ އަހަރެންނަށް ކުރެވެން މިއުޅެވުނީ ކޮންފަދަ ނުބައި ކަމެއްބާއޭ...؟ އަހަރެން އެގެއަށް ދިޔައިރު އެކަމާއި ވިސްނާނުލެވުނު....." ސަލްމާ ވާހަކަދެއްކިއެވެ.

"ކޮންކަމެއް...؟ ކޮބާ ދައްތަ ކުރި ނުބައި ކަމަކީ...؟" ބުރުހާނުއްދީން އަހައިލިއެވެ.

"ތާހިރު ދިރިއުޅުމެއް އުޅެން ބޭނުމިއްޔާ އިނާޝާ ނޫން އެހެން މީހަކު ޚިޔާރުކުރޭ... އިނާޝާއަކީ ކޮއްކޮއަށް ދުވަހަކުވެސް ލިބޭނެ މީހެއް ނޫން" ސަލްމާ ބުނެލިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ. ނަމަވެސް އަޑުބާރެއް ނޫނެވެ.

"އެއީ...؟ ކީއްވެ ނުލިބެންވީ... މިއަދާއި ހަމައަށްވެސް އަހަރެން ބޭނުންވި ކޮންމެ އެއްޗެއް ލިބުނު... ދެން ކީއްވެ އިނާޝާ ނުލިބެންވީ..." ބުރުހާނުއްދީން ގޮނޑީގައި ބުރަކަށި ލައްކޮށްލާ އެއްފައި މައްޗަށް އަނެއް ފައި އަރުވާ ގޮނޑީގައި ހަމަޖެހިލއެވެ.

"އިނާޝާއަކީ މާޒީވެދިޔަ ދުވަސްތައް ހިތުން ނެރެލާ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކުއްޖެއް. މީހެއްގެ ދިރިއުޅުން ހަލާކުކޮށްލާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ" ސަލްމާ ނުރުހިފައި ބުނެލިއެވެ.

"ނުވާނެ އެހެނެއް...؟ އަހަރެން ޤަބޫލެއް ނުކުރާނަން. އިނާޝާ އަހަރެންނަށް ނޯ އޭ ނުބުނާނެ..." ބުރުހާނުއްދީން ޔަޤީންކަމާއެކު ބުނެލިއެވެ.

"ހެޔޮނުވާނެ ކޮއްކޯ... އިނާޝާ ދޫކޮށްލާ... ކުރިންވެސް އޭނާގެ މުޅި ދިރިއުޅުން ހަލާކުވީ ކޮއްކޮގެ ސަބަބުން. މިއަދުވެސް ތިއުޅެނީ އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލަން. އޭރުގަ ކޮއްކޮ އޭނައަށް ކުރި އަނިޔާތަކުގެ ސަބަބުން އޭނާގެ ވާހަކަދެއްކުމުގައި އުނިކަމެއް އެބުހުރި. އަހަރެންނާ ވާހަކަދެއްކީ އިނާޝާގެ ފިރިމީހާ މޯހަންދާސް. އެއީ ބޭރު މީހެއް" މިފަހަރު ވާހަކަދެއްކުމުގައި ސަލްމާ ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. އޭނާ ވާހަކަދައްކާ ނިމުނުއިރުވެސް ބުރުހާނުއްދީން ވާހަކައެއް ނުދައްކައެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ކޮންކަހަލަ ކަންތައްގަނޑެއް ކަމެއް ނޭނގެއެވެ.

"ދައްތަ ބުނިންތަ އަހަރެން އަލުން ކައިވެނިކުރަން ބޭނުންވާ ވާހަކަ..." އެއްދިމާލަކަށް ބަލަން އިނދެ ބުރުހާނުއްދީން ބުނެލިއެވެ.

"އަހަންނަކީ މޮޔައެއްތަ...؟ ކައިވެނިކޮށްގެން އަބުރުވެރި ދިރިއުޅުމެއް އުޅެމުންދިޔަ އަންހެންކުއްޖަކަށް އެހެން ކައިވެންޏަކަށް ދައުވަތުދޭން.... އަދިވެސް ކޮއްކޮ ތިއުޅެނީ........"

"ޔެސް އޯ ނޯ......" ސަލްމާގެ ވާހަކަތައް ބުރުހާނުއްދީން މެދުކަނޑާލިއެވެ. އޭނާގެ އަޑުގައިވި ހަރުކަށި ކަމަކުން ބުރުހާނުއްދީންގެ މޫނަށް ސަލްމާ ބަލައިލީ ޤަބޫލުނުކުރެވިފައެވެ. ބުރުހާނުއްދީން އޭނާއަށްވެސް ހަރުކަށިކަން ދައްކަނީ ހެއްޔެވެ؟

"އަހަރެންގެ އެންމެފަހު ބަސް މިބުނަނީ. މީހެއްގެ ދިރިއުޅުން ހަލާކުކުރަން އަހަރެން ކޮއްކޮއާއި އެއްބައެއް ނުވާނަން. ހަށިގަނޑުގައި އެއް ލެޔެއް ވިޔަސް އަހަރެންނަކީ ތިހާ ރަހުމުކުޑަ އިންސާނެއްނޫން" ބުރުހާނުއްދީން ދޭނެ ޖަވާބަކަށް ބެލުމެއްނެތި ސަލްމާ ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ބުރުހާނުއްދީނަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލްކުރުން ވީ އުނދަގު ކަމަކަށެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ވާސް ނެގި ގޮތަށް އެއްލާ ފާރުގައި ޖެހިއެވެ. ކޮޓަރިއަށް ވަދެވަދެ ހުރި ސަލްމާ އެނބުރި ބަލައިލިއެވެ. އޭނާ ދެފަރާތަށް ބޯހޫރާލުމަށްފަހު ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

"އަހަރެން އިނާޝާއާއި ކައިވެނި ކުރާނަން. އޭނާގެ ދިރިއުޅުން ރޫޅާލާފައި ވިޔަސް މައްސަލައެއްނެތް" އޭނާގެ ރުޅިގަނޑު ހިނދެއް ހިނދަކަށް ދިޔައީ ބޮޑުވަމުންނެވެ.

************************

ހަމަ އެރޭގެ ފަތިހުގެ ވަގުތެވެ. ފޮށި ދަމަމުން ނިކުތް ސަލްމާ ސިހުނީ މާހިލްގެ ކޮޓަރިއާއި ހަމަވި ވަގުތު އެކޮޓަރި ތަޅު ހުޅުވާލި އަޑު އިވިގެންނެވެ. އޭގެ މިނިޓެއް ފަހުން އަންހެންކުއްޖެއްގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ ނިކުތް މާހިލްއަށް ސަލްމާ ފެނުމާއެކު ހުއްޓުން އެރިއެވެ. ސަލްމާ އަތުކުރީ އޮތް ގަޑިއަށް ބަލައިލިއެވެ. ކުޑަ އިރުކޮޅަކުން ފަތިސް ނަމާދަށް ގޮވާނެއެވެ. މާހިލް ކައިރީގައި ހުރި އަންހެން ކުއްޖާއަށް ސަލްމާ ރަނގަޅަށް ބަލައިލިއެވެ. އެކުއްޖާ ލައިގެން ހުރި ކަޅު ކުލައިގެ ޓޮޕްކޮޅު އެއް ކޮނޑު ސޮށްސާލައިގެން ތިރިއަށް ޖެހިފައި ހުރުމުގެ ސަބަބުން މޭމަތިން ބޮޑު ބައެއް އޮތީ ހާމައަށެވެ. ތިރިން ލާފައި ހުރީއެހާ ކުޑަކުޑަ ސޯޓް ކޮޅެކެވެ. ސަލްމާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

"މާތްކަލާކޮ... މީ މީހަކު އުޅެން ހެޔޮވާވަރުގެ ތަނެއް ނޫން" އެންމެފަހުން ސަލްމާއަށް ބުނެވުނެވެ. އެ އަޑު ކޮޓަރިން ނިކުތް ބުރުހާނުއްދީނަށްވެސް އިވުނެވެ. ކުރިމަތީގައި މާހިލް ހުރިއިރު އެކަމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ބުރުހާނުއްދީން ނުދެއްކިއެވެ.

"ދައްތަ...! މިގަޑީގަ ކޮންތާކަށް...؟" ބުރުހާނުއްދީން އެއްފަރާތަކުން އައިސް ސަލްމާ ކުރިމަތީގައި ހުއްޓުނެވެ. ހިނގާދިޔަ ކަންތަކާއި ގުޅިގެން ސަލްމާ އެއްޗެއް ބުނެފާނެތީ ބުރުހާނުއްދީން މާހިލަށް ބަލައިލިއެވެ. މާހިލް ކުރިމަތީގައި އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާތީ އޭނާ މާހިލް ކައިރީގައި އަންހެންކުއްޖާ ގޮވައިގެން ކޮޓަރިއަށް ވަނުމަށް ބުންޏެވެ.

"އަހަރެންނަކީ މުސްލިމެއް. މިހާރު މިގެއަށް އާދެވުނު މޮޔަ އަހަރެން ހީވޭ... އެންމެ މީހެއް ކުރާ ފާފައެއްގެ ސަބަބުން އެކަލާނގެ ކޯފާ ފޮނުއްވަނީ ހުރިހާ އެންމެންނަށް. އެހެންވީމަ މިކަހަލަ ތަނެއްގައި ހުންނަން އަހަރެން ބޭނުމެއްނުވޭ" ސަލްމާ ކުރިއަށް ހިނގައިގަތެވެ.

"އޯވް... ހެހެހެ... މާހިލްގެ ވާހަކަ ދޯ.... ދައްތައަށް އިނގެއެއްނު ޒުވާން އުމުރުގައި އެކަހަލަ ކަންތައްތައް އެކުދިން ކުރާނެއްނު. އެމިނިވަންކަން މާހިލްއަށް ދީފަ އޮންނާނީ..." ބުރުހާނުއްދީން ބުނެލިއެވެ.

"އަހަރެން ހިތަށް އަރާ..... ތިއީ ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރާ އިންސާނެއް ބާއޭ.... ޔާރައްބީ...... ކޮއްކޮގެ ތި ވިޔާނުދާ ވިސްނުމާއި ހަރުދަނާކަމެއްނެތް އުޅުން ފެންނަ ހިސާބުގައި އަހަރެމެންގެ މައިންބަފައިން ނެތްކަން އެއީ އެދެމީހުންގެ ނަސީބު ކަންނޭނގެ..." ސަލްމާ ބުނެލިއެވެ.

"ދައްތަ ނުގޮސްފާނަންތަ. އަހަރެން ދެވަނަ ކައިވެންޏެއް ކުރާއިރު ދައްތަ ހުންނަން ވަރަށް ބޭނުން" ބުރުހާނުއްދީން އުޅުނީ ސަލްމާ ކައިރީގައި ހުރި ފޮށީގައި ހިފާށެވެ. ނަމަވެސް އޭގެ ކުރިން ސަލްމާ ފޮށްޓާއެކު ދުރަށް ޖެހުނެވެ.

"އަތްނުލާތި. ރަހިމުގެ ގުޅުން ކަނޑަން އަހަރެން ބޭނުމެއްނޫން. އެހެންވިޔަސް މާތް ﷲ އަށްޓަކައި އަހަރެން ކަލެއާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއްނޫން....." ސަލްމާ އެގެއިން ނިކުތް އިރު ގުޅައިގެން އައިސް އޮތް ޓެކްސީ މަޑުކޮށްލައިގެން އޮތެވެ. އޭނާ ޑްރައިވަރުގެ އެހީއާއެކު ޑިކީއަށް ފޮށި އަރުވާފައި ޓެކްސީއަށް އަރައިގެން ދިޔައިރު އެމަންޒަރު ބަލަން ދޮރުމަތީގައި ބުރުހާނުއްދީން ހުއްޓެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރެއް ނުފެނެއެވެ.

**********************

އެއް އަހަރުފަސް

ސިމެންތި ނުޖަހާ ހަދާފައިވާ ހަތަރު ފާރުން އެތެރޭގައި ހުރި ރޯނު އެނދެއްގައި އަޅާފައިވާ ތުނި ގޮދަޑި މަތީގައި ނިދާފައި އޮތް ޒުވާން އަންހެންކުއްޖާ އެސްފިޔަތައް ތަޅުވާލުމަށްފަހު ދެލޯ ހުޅުވާލީ އޭނާގެ ނިތްކުރިމަތިން ތެތްކަމެއް އިހުސާސް ވުމުންނެވެ. އޭނާ ދެލޯ ހުޅުވާލިއިރު ކުރިމަތީގައި އިން އުމުރުން ދުވަސްވީ އަންހެންމީހާ ފެނުނެވެ. ދެލޮލަށް ވެރިވެފައިވާ ބުރަހެލިކަމުގައި އޭނާއަށް އެމީހާގެ މޫނު ފެނުނީ ފުސްކޮށެވެ. އެފުސްކަމުގެ ތެރެއިންވެސް އެމީހާގެ ތުންފަތްމަތީގައިވި ހިތްހެޔޮ ހިނިތުންވުން އޭނާއަށް ފެނުނެވެ.

(ނުނިމޭ)