ބޮލީވުޑް

އަންދާޒް އަޕްނާ އަޕްނާގެ ވެސް ސީކުއިލެއް ހަދަނީ

ސަލްމާން ޚާން އަދި އާމިރު ޚާން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު އަންދާޒް އަޕްނާ އަޕްނާ އަކީ އެންމެ މަޖާ ފިލްމު ތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. މި ފިލްމު ރިލީސްކޮށްފައިވަނީ 1994 ގައެވެ.

މީގެ ކުރިން ފިލްމުގެ ސީކުއިލެއް ހަދާނެ ކަމުގެ އަޑު ފެތުރިފައިވިނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތެއްގެ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިހާރު ފިލްމުގެ ސްކްރިޕްޓް ލިޔުންތެރިޔާ ދިލިޕް ޝުކްލާ މިވަނީ ޑެއިލީއަށް ދިން އިންޓަވިއުއެއްގައި އަންދާޒް އަޕްނާ އަޕްނާގެ ސީކުއިލް ލިޔަންފަށާފައިވާ ކަމަށް ބުނެފައެވެ.

ދިލިޕް ބުނި ގޮތުގައި ފިލްމުގެ ސީކުއިލް ލިޔުން އެހާ ފަސޭހައެއް ނޫނެވެ. ކުރީގެ ފިލްމަށްވުރެ މޮޅު ވާހަކައެއް ގެނެސްދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ފިލްމުގެ ސީކުއިލް އާމިރު އަދި ސަލްމާން ނުލައި ނުހެދޭނެ ކަމަށާއި އެ ދެތަރީންގެ އިތުރުން އާ ތިން ކާސްޓުން ނަގާނެ ކަމަށް ދިލިޕްގެ އިންޓަވިއުގައި ވަނީ ފާހަގަކޮށްފައެވެ.

އަންދާޒް އަޕްނާ އަޕްނާ ގައި ބަތަލާއިންގެ ގޮތުގައި ކަރިޝްމާ ކަޕޫރު އަދި ރަވީނާ ޓަންޑޮން ވަނީ ފެނިގެން ގޮސްފައެވެ. ސީކުއިލުގައި ބަތަލާއިންގެ ބައިން އެދެތަރިން ފެންނާނެތޯ ނޫންތޯ އަދި ޖަވާބު ވަނީ ލިބޭގޮތް ނުވެފައެވެ.