ޚަބަރު

މަނަފަރު ރިސޯޓަށް ލިބުނު ފައިދާ ބޮޑު، މުވައްޒަފުން ވަކިކުރަނީ ހިންގުން ހަރުދަނާކުރަން ކަމަށްބުނެ!

ޝަހީދާ އަބްދުﷲ ސައީދު

ދުބާއީގެ ޖޭއޭ ކުންފުނިން ހިންގަމުންދާ ހއ. މަނަފަރު ރިސޯޓަށް ފައިދާގެ ގޮތުގައި މިއަހަރުގެ އޭޕްރީލް، މެއި، އަދި ޖޫން މަހު ލިބުނު އަދަދު ބޮޑުވުމުން އެކަން ފާހަގަކޮށް ދިވެހި މުވައްޒަފުންނަށް ޝުކުރު އަދާކުރިތާ 15 ދުވަސް ނުވަނީސް ރިސޯޓުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި މުވައްޒަަފުން ވަކިކުރަމުންދާ ކަމަށް ދިވެހި މުވައްޒަފުން ބުނެފިއެވެ.

މަނަފަރު ރިސޯޓުގައި ހުރި ދިވެހި މުވައްޒަފަކު ''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން ބުނީ މިދިޔަ އަހަރުގެ އޭޕްރީލް، މެއި، އަދި ޖޫން މަހު ރިސޯޓަށް ލިބުނު ފައިދާ މިދިޔަ އަހަރާ އަޅައި ބަލާއިރު ބޮޑުތަނުން އިތުރުވުމުން، އެކަން ފާހަގަކޮށް މެނޭޖުމަންޓުން ދިވެހި މުވައްޒަފުންނާއި ބައްދަލުކޮށް، މުވައްޒަފުން ކުރި ބުރަ މަސައްކަތާއި ހިތްވަރަށް ސާބަސްދީ ޝުކުރު އަދާކުރި ކަމަށެވެ.

އަދި ލިބުނު ފައިދާގެ ތަފްސީލު ހާމަކޮށްފައިވާ ކަމަށާއި ބައްދަލުވުމުގައި މުވައްޒަފުން މަދުކުރާ ވާހަކައާއި ރިސޯޓު ހިންގަން ދަތިވާ ޒާތުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭގެ ފަހުން ޖެނެރަލް މެނޭޖަރަކަށް ހުރި ޕިލިޕީންސް މީހާ ޗުއްޓީއަކަށް ގޮސް އައިގޮތަށް ރިސޯޓުގެ ހިންގުން ހަރުދަނާކޮށް އޮޕަރޭޝަންތައް ވަރުގަދަ ކުރެވެން އޮތީ މުވައްޒަފުން މަދުކޮށްގެން ކަމަށް ބުނެ، މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އަށް މީހަކަށް ލިޔުން ހަވާލުކޮށްފައިވާއިރު ބާކީ ތިބި މުވައްޒަަފުންނަށް ލިޔުން ހަވާލުނުކޮށް މަޑުޖެހިފައި އޮތީ މުވައްޒަފުން އިއްޔެއިން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރާތީ ކަމަށް އޭނާ ބުންޏެވެ.

މަނަފަރު ރިސޯޓުގެ މެނޭޖްމެންޓުން މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އާމްދަނީ އިތުރުކުރުމަށާއި ހަރަދުތައް ކުޑަކުރެވިދާނެ ހުރިހާ ގޮތްތަކެއް މެނޭޖްމަންޓުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ދިމާވެފައިވާ ހާލަތުން ރިސޯޓުގެ ބައެއް ކަންކަން ރީސްޓްރަކްޗާކޮށް، ބައެއް މަގާމުތައް އުވާލަން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ބުނި ގޮތުގައި ރިސޯޓުން މުވައްޒަފުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތެއް އުންޏެއް ނުވެއެވެ. އަދި ބަރާބަރަށް މުސާރަވެސް ދެމުން އަންނަ ކަމަށް ބުންޏެވެ. އަދި ރިސޯޓަށް އަންނަ ފަތުރުވެރިން ވެސް ކުރީ އަހަރާއި އަޅައިބަލާއިރު އިތުރު ކަމަށާއި ލިބޭ އާމްދަނީވެސް އިތުރުވާތީ މެނޭޖުމަންޓުން މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ، ރިސޯޓުގައި 60 ޕަސެންޓް ދިވެހިން ތިބެން ޖެހޭނެ ކަމަށް ބުނި ނަމަަވެސް، ގިނައިން ތިބީ ބިދޭސީން ކަމަށެވެ. އަދި ޖީއެމްގެ އަނބިމީހާވެސް މިހާރު ހުރީ ވަޒީފާއަށް ގެނެސްފައި ކަމަށާއި އޭނާގެ މުސާރައަކީ މަހަކު 2000 ޑޮލަރު ކަމަށެވެ.

އަދި ހަރަދު ކުޑަކުރުމަށް ދިވެހި ބައެއް މުވައްޒަފުން ކަނޑާލަން ލިޔުން ހަވާލުކުރުން ނޫން އެއްވެސް ކަމެއް މެނޭޖުމަންޓުން ކުރާތަން ނުފެންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މަނަފަރު ރިސޯޓު ހިންގަނީ ދުބާއީގެ ޖޭއޭ ކުންފުނިންނެވެ. ރިސޯޓުން މުވައްޒަފުން ވަކިކުރަމުންދާ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވަނީ ރިސޯޓަށް ވަޑައިގެން، މެނޭޖްމަންޓްގެ އިތުރުން މުވައްޒަފުންގެ ފަރާތުން ކަނޑައެޅި ފަސް މީހަކާ ބައްދަލުކުރައްވައި ކަމާ ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.