ކުޅިވަރު

ހެލިކޮޕްޓަރު ވެއްޓި ލެސްޓާގެ ވެރިޔާ މަރުވެއްޖެ

2010 ވަނަ އަހަރު 39 މިލިއަން ޕައުންޑަށް އިނގެރޭސި ފުޓުބޯޅަ ކުލަބު ލެސްޓާ ސިޓީ ގަތް ތައިލެންޑްގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާ ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓި އޭނާ މަރުވެއްޖެއެވެ.

މި ހަފްތާގެ ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ބައްލަވާ ލެއްވުމަށްފަހު އަނބުރާ ދިއުމަށް ހެލިކޮޕްޓަރަށް އެރި ވިޗާއީ މަރުވިކަން އެކުލަބުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ވިޗާއީގެ އިތުރުން ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި، ކޯޕައިލެޓްގެ އިތުރުން ވިޗާއިގެ ދެ ސްޓާފުންވެސް ވަނީ މިހާދިސާގައި މަރުވެފައެވެ. މި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި ކޯޕައިލެޓަކީ ދެ ލޯބިވެރިންނެވެ.

ކްލަބްގެ ޗެއާމަންގެ މަރާގުޅިގެން ލެސްޓާއިން ނެރުނު ބަޔާން

މި ހާދިސާ ހިނގުމަށް ދިމާވި ސަބަބެއް އަދި ޔަޤީންވެފައި ނުވާއިރު، މަންޒަރު ދުއް މީހަކު ބުނެފައިވަނީ، ހެލިކޮޕްޓަރު ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި އޭގެ ހަރަކާތް ހުއްޓި، ކޮންޓްރޯލެއް ނެތި ތިރިވީ ކަމަށެވެ. އަދި އެއާއެކު، ބާރު އެއްޗެއް ގޮވި އަޑާ އެކު ބޮޑު އަލިފާންގަނޑެއް އުފެދުނު ކަމަށެވެ.

މި ހަބަރާ ގުޅިގެން ލެސްޓާގެ ކުޅުންތެރިންގެ އިތުރުން މަޝްހޫރު އެތައް ކުޅުންތެރިންނާއި، ކުޅިވަރަށް ލޯބިކުރާ އެތައް ފަރާތްތަކަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި ލެސްޓާގެ އެތަކެއް ސަޕޯޓަރުން އަންނަނީ އޭނާގެ ހަނދާނުގައި ދަނޑު ބޭރުގައި މާބޮނޑިތައް ބަހައްޓަމުންނެވެ.

ވިޗާއީގެ ހިންގުމުގެ ދަށުން ލެސްޓާ ވަނީ 2016 ވަނަ އަހަރު އިނގެރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

އުމުރުން 60 އަހަރުގައި ވިޗާއީ މަރުވިއިރު އޭނާގެ އަންބަކާއި ހަތަރު ދަރިން ދުނިޔޭގައި އެބަތިއްބެވެ.