ދިރާގު

ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި މުޅިން އަލަށް ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދިރާގުން ތައާރަފުކޮށްފި އެވެ.

މި ޚިދުމަތް ތައާރަފުކޮށްދެއްވީ އެކަމަށް ޚާއްސަކޮށްގެން ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

މި ހިދުމަތަކީ ދިރާގުން މިހާރު ފޯރުކޮށްދޭ 100 އެމްބީޕީއެސް ސްޕީޑަށް ވުރެ 10 ގުނަ އަވަސް ސްޕީޑްގެ ހިދުމަތެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ ހަފުލާއެއްގައި މި ހިދުމަތް ދިރާގުން ތައާރަފު ކޮށްފައިވާއިރު މި ހިދުމަތް ހުޅުމާލެ، ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސިޓީގެ ހުރިހާ ހިސާބަކަށާއި އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށާއި ފުވައްމުލަކު ސިޓީ އާއި ލ.ގަން، ލ.ފުނަދޫ، ހދ. ކުޅުދުއްފުށި އަދި ބ. އޭދަފުއްޓަށް ލިބޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގު ޑިޖިޓަލް ރާއްޖެ ކެމްޕެއިންގެ ދަށުން އަލަށް ތައާރަފު ކުރި މި ހިދުމަތާއެކު އޮފީސްތަކާއި ސްކޫލުތަކުގައި ބޭނުންކުރާ އިންޓަނެޓްގެ ހިދުމަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީސޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވިދާޅުވީ މި ހިދުމަތަކީ މިހާތަނަށް ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ތައާރަފު ކޮށްފައިވާ ހިދުމަތެއްކަމަށެވެ. އަދި މި ހިދުމަތަކީ ބިޒްނަސް ކަސްޓަމަރުންގެ ފީޑްބެކާއެކު ތައާރަފު ކުރި ހިދުމަތެއް ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ސަރުކާރުގެ ހިދުމަތްތައް ހޯދުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މާލެއަށް ރައްޔިތުން އަންނަ އައުން ނިމުމަކަށް ގެނައުމަކީ ޑިޖިޓަލް ރާއްޖޭގެ ތެރެއިން ހާސިލު ކުރެވިދާނެ އަމާޒެއްކަމަށެވެ. އާންމުކޮށް ސަރުކާރުގެ އެކި އިދާރާތަކުން ރައްޔިތުން ހޯދާ މައުލޫމާތުތައް އެއް ޑެސްކަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި މިކަން ވަރަށް އަވަހަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު މުޅީން އަލަށް ދިރާގުން ތައާރަފް ކުރި ހިދުމަތް ލިބޭނީ އެކަމަށް ހާއްސަ ރައުޓާ އެއް މެދުވެރިކޮށްކަމަށް ދިރާގުން މައުލޫމާތު ދިނެވެ.