މަޖިލީހުގެ ރައީސް

ލުތުފީ ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ، އެއީ އެތައް ބައެއްގެ މަރާ ގުޅިފައިވާ މީހެއް: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ޕްލޮޓް ޖަމައަތާއެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހުރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ވަރަށް އަަވަހަށް ރާއްޖެ ގެނެވޭނަކަމަށާއި އޭނާ ގުޅިފައި ވަނީ އެތައް ބައެއްގެ މަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޓަ ޕާލަމެންޓްރީ ޔޫނިއަން އަށް 130 އަހަރު ފުރުން ފާހަަގަކޮށް ނޫސްވެރިންނަށް މައުލުމާތު ދިނުމަށް މިއަދު މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމައްސަލަ ބައްލަވާފައިވާ ކަމަށާއި، ދިވެހި ސަރުކާރުން ލަންކާ ސަރުކާރާއި ޔޫއެންއާ ވާހަކަދައްކައިގެން ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ލަންކާގައި ހުންނަ ދިވެހި އެންބަސީއަށް ލުުތުފީ ސަރެންޑަރުކުރީ އަމިއްލައަށް ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ލަންކާގެ ނުވަ ތަނެއްގައި ބޮންތަކެއް ގޮއްވާލުމުގެ ސަބަބުން ލަންކާ ސަރުކާރު އެވަގުތު އޮތީ، ފަސޭހައިން އެހެން ގައުމުތަކާ ވާހަކަދެއްކޭ ހާލަތެއްްގައި ނޫން ކަމަށެވެ. އަދި ލަންކާއަކީ ޔޫއެންގެެ އެތައް ޗާޓަރެއްގައި ސޮއިކޮށްފައިވާ ގައުމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ލުތުފީގެ މައްސަަލައަކީ ދިވެހި ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަަމަށެވެ.

އަދި ލުތުފީއަކީ، އެތައް ދިވެހިންނެއްގެ ހިތްތަކުގައި ވަރަށްގިނަ ހިތްދަތި ކަންތައްތަކެއް ތަހައްމަލުކުރަން ޖެހިފައިވާ ހާދިސާތަކަކާ ގުޅޭ މީހެއް ކަމަށާއި، ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް އޭނާ ރާއްޖެ ގެނައުމަށް ވަރަށް އިސްކަންދީގެން މަސައްކަތްކުރާން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފިލައިގެން ރާއްޖެއިން ބޭރަށްދާ މީހަކު ރާއްޖެ ގެނައުމަކީ ވަރަށް މަދު ފަހަރެއްގައި ނޫނީ ދިވެހި ދައުލަތަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް ނާސިރު ސިންގަޕޫރުގައި ހުންނަވަނިކޮށް ރާއްޖެ ގެނައުމަށް އޭރުގެ ރައީސް މައުމޫނު ކުރެއްވި މަސއްކަތްޕުޅުތަކާއި، ހުދު އެމަނިކުފާނު ރާއްޖޭން ބޭރުުގައި ހުންނެވި އިރު، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ގެންނަން ކުރެއްވި މަސައްކަތް ނަޝީދު ފާހަގަ ކުރެއްވިއެވެ.