ޕޮލިސް

ދެހާސްބާރައިން 2016އަށް ލުތުފީ އުޅުނު ތަންތަން އެނގިތިބެ ގެންނަން މަސައްކަތްނުކުރި މައްސަލަ ތަހުގީގުކުރަނީ

ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި، ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 އާ ދެމެދު އޭނާ އުޅުނު ތަންތަން އެކި ފަހަރުމަތީން އެނގި، ފުލުހުންގެ އިސްވެރީންނާ ހިއްސާކޮށްފައިވީ ނަމަވެސް ލުތުފީ ރާއްޖެ ގެންނާން މަސައްކަތް ކޮށްފައި ނުވާތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކެއް މެއި 2019 ގައި ލުތުފީ ވަަނީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ހާޒިރުވެ އޭނާ އެނބުރި ރާއްޖެ އައިސް ހުކުމް ތަންފީޒުކުރާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން، އެދުވަހުން ފެށިގެން ފޮރިން މިނިސްޓްރީ އާއި ދިވެހި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަަށެވެ.

އެ ގޮތުން ސްރީލަންކާގެ އެއްވެސް އިދާރާއަކުން ލުތުފީގެ މައްސަލައެއް ބަލަމުންދޭތޯ އާއި އޭނާއަކީ ގިނަދުވަސްތަކެއް ވާންދެން ލަންކާގައި ގަވައިދާ ހިލާފަށް އުޅެފައިވާ މީހަކަށް ވާތީ، ލަންކާގައި އޭނާއަކީ އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި އަދި އޭނާ އާއި މެދު އެއްވެސް ތަހުގީގެއް ހިނގަމުންދޭތޯ ބަލައި އޭނާ އަކީ ރާއްޖޭގެ ސަރުކާރުން ހޯދާ މީހަކަށް ވާތީ، ލަންކާގެ އިދާރާތަކުން ހޯދަން ޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، ލުތުފީ އަނބުރާ ރާއްޖެ ގަނައުމަށް ޓަކައި ލަންކާގެ ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައިދެއްވުމަށް، ފުލުހުންނާއި ފުލުހުން އޮންނަ ގުޅުމުގެ ތެރެއިން، ލަންކާގެ ޕޮލިސް ފޯސްގެ އެކްޓިން އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ. ވިކަރަމަރަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލް ރަވީ ސެނަވިރަތުނަ އަށް ފޯނު އަދި ސިޓީން އެކި ފަހަރު މަތީން މުއާމަލާތް ކުރެވިފައިވާ ކަމަށެވެ. ލުތުފީ ގާތުގައި މިހާރު ވެސް ދިވެހި ފުލުހުންގެ ޓީމެއް ލަންކާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

"އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށި ފަހުން 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރު މަތީން މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ މަސައްކަތުގެ ތެރެއިން، އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާ ގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާ ގުޅުން ހުރި އިސް ވެެރީންނާ ހިއްސާކުރެވިފައި ވީ ނަމަވެސް އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެއިރު ނާޅައި އޮތް ސަބަބު ބަަލައި ތަހުގީގުކޮށްދިނުމަށް އެދި 27 ޖޫން 2019 ވަނަ ދުވަހު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް ރަސްމީކޮށް ލިޔުމުން އަންގަވައިފަ އެވެ. ވީމާ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގުކުރަމުންދާ ވާހަކަ ދެންނެވީމެވެ." ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.