އިލެކްޝަން ކޮމިޝަނުން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާ ބައްދަލުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، މިބައްދަލުވުމަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވުމަށް ބާއްވާ އިންތިހާބާ ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ މި ބައްދަލު ވުމަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލުތަކާ ގުޅެގޮތުން މަޝްވަރާ ކުރުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އަކުރަމް ވިދާޅުވީ މިހާރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު އެކުލަވައިލަމުން އަންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ގާނޫނީ ވަކީލުންގެ ލިސްޓެއް ހޯދުމަށް އެދިފައިވާނެ ކަމަށާއި، ލިސްޓް ލިބުނުހާ އަވަހަކަށް އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.
ބާ ކައުންސިލް އުފައްދައި، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައި ވަނީ ފާއިތުވި ބުރާސްފަތި ދުވަހު އެވެ.