ކުޅިވަރު

ޔުނައިޓެޑާއި ޗެލްސީ މޮޅުވިއިރު، އާސެނަލް އެއްވަރުވެއްޖެ

އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާރ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުވިއިރު، މި ސީޒަންގައި ޖެހިޖެހިގެން 11 މެޗުން މޮޅުވި އާސެނަލް އެއްވަރު ވެއްޖެއެވެ.

ޔުނައިޓެޑް ވަނީ ރޭ އެވަޓަން ގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަދި ޗެލްސީ ވަނީ ފަސޭހަކަމާއެކު ބާންލޭގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. ނަމަވެސް އާސެނަލް އަށް ވަނީ ކްރިސްޓަލް ޕެލަސް ދަނޑުގައި ޕޮއިންޓަކުން ފުއްދާލަން ޖެހިފައެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް ވަނީ 10 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލުގެ 8 ވަނަ އަށް ޖެހިލާފައެވެ. ޗެލްސީ ވަނީ ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި 26 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު، ތިންވަނައިގައި އޮތް މެންޗެސްޓާރ ސިޓީއާއި ޓޮޓެންހަމް މިރޭ ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ 26 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އެޓީމު އަރާނެއެވެ. އާސެނަލް އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. މިރޭ ސިޓީ އަތުން ޓޮޓެންހަމް މޮޅުވެއްޖެނަމަ އާސެނަލް ފަސްވަނައަށް ވެއްޓި ޓޮޓެންހަމް ހަތަރަކަށް އަރާނެއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ޕައުލް ޕޮގްބާއެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އެންތަނީ މާޝިއާލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ޕޮގްބާ ޖެހުމުން، އެވަޓަންގެ ކީޕަރު ޕިކްފޯޑް މަތަކުރި ނަމަވެސް، ރީބައުންޑް ބޯޅަ ޕޮގްބާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު ދެވަނަ ހާފު ފެށިތަނާހެން ކާމިޔާބުކޮށްދިނީ މާޝިއާލްއެވެ. އެވަޓަން އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ ރިޗާލިސަން އަށް ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިންގ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ގިލްފީ ސިގާޑްސަން ކާމިޔާބުކުރި ލަނޑެކެވެ. މި މޮޅާއެކު ޔުނައިޓެޑް ވެގެންދާނީ ޕްރިމިއާ ލީގުގައި އާސެނަލް ނެގުމަށްފަހު އެވަޓަން ކޮޅަށް 100 ލަނޑު ޖެހި ހަމައެކަނި ޓީމަށެވެ.

ބާންލޭގެ އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވިއިރު އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އާއި، ރޮސް ބާކްލޭ އާއި ވިލިއަންގެ އިތުރުން ލޮފްޓަސް ޗީކް އެވެ. ޗެލްސީގެ ތަރި ހަޒާޑް ނެތި ކުޅުނު މި މެޗުގައި ޗެލްސީއަށް ގިނަ ލަނޑުތަކެއް ޖަހާނެ ފުރުޞަތު ލިބި ވަނީ ބޭކާރުވެފައެވެ. އަދި މި މެޗުގައި ބާކްލޭ ޖެހި ލަނޑަކީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. މިއީ 2013 ވަނަ އަހަރު ފްރޭންކް ލަމްޕާޑްގެ ފަހުން އިނގެރޭސި ކުޅުންތެރިޔަކު ޗެލްސީއަށް ޖެހިޖެހިގެން ތިން މެޗުގައި ލަނޑުޖަހައިދިން ފުރަތަމަ ފަހަރަވެ.

މި ސީޒަނުގައި ޖެހިޖެހިގެން 11 މެޗުން މޮޅުވެފައިވާ އާސެނަލް ރޭ ޕެލެސް ދަނޑުގައި 2-2 އިން ވަނީ އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އާސެނަލްގެ ޝްކޮޑްރާން މުސްތާފީ ޕެލެސްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޕެލެސް ވަނީ ލީޑު ނަގާފައެވެ. މި ޕެނެލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަ މިލިވޯޔެވިޗްއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއްނުވެ އާސެނަލް އަށް ލިބުނު ހިލޭ ޖެހުމަކުން ގްރޭނިޓް ޝާކާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޝާކާ ފޮނުވާލި ބާރު ހިލޭޖެހުން ޕެލެސްގެ ގޯލުގެ ދުރު ކަނަށް ވަނީ ކީޕަރުގެ އަތުގެ އިނގިލިތަކުގަވެސް ޖެހިފައެވެ. އޭގެ ހަތަރު މިނެޓު ފަހުން އާސެނަލްގެ ފޯވާޑު ޕިއޭ އެމެރިކް އޮބާމަޔަންގް ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި މިލިވޯޔެވިޗް ވަނީ މެޗުގައި ޕެލެސްއަށް ލިބުނު ދެވަނަ ޕެނަލްޓީވެސް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ އާސެނަލްގެ ޝާކާ ޕެލެސްގެ ވިލްފްރެޑް ޒަހާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ލީގުގައި މިރޭ 01:00 ގައި ވާދަކުރާނީ މެންޗެސްޓާރ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާއެވެ.