މޫސުމް

ބާރު ކޮޅިގަނޑެއްގެ ސަބަބުން ދާންދޫގައި ރުކެއް ބިންދައިގެންގޮސް ގެއެއްގެ މައްޗައް ވެއްޓިއްޖެ

މަރިޔަމް ޝަހުދާ

ބާރު ކޮޅިގަނޑެއްގެ ސަބަބުން ގއ. ދާންދޫގައި ރުކެއް ބިންދައިގެންގޮސް ގެއެއްގެ މައްޗަށް ވެއްޓިއްޖެ އެވެ.

ދާންދޫގެ ކައުންސިލް ރައީސް އިސްމާއީލް މުހައްމަދު ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ 2:30 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. މިގެއަކީ އުމުރުން ދުވަސްވީ ދެމީހުން އުޅޭ ގެއެއްކަމަށް އިސްމާއީލް މައުލޫމާތު ދެއްވިއެވެ. އަދި ރުއް ވެއްޓުމުގެ ސަބަބުން ގޭގެ ފުރާޅަށާއި ސީލިންގުގައިވާ ލަކުޑިތަކަށް ގެއްލުންވި ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ މި ގެއަކީ ސުނާމީ ހައުސިންގް ޕްރޮޖެކްޓްގެ ދަށުން ދާންދޫގައި ހަދާފައިވާ ގެއެއް ކަމަށާއި ރަނގަޅު ފެންވަރަކަށް ހަދާފައިވާ ގެއެއްކަމުން ލިބުނު ގެއްލުން ކުޑަކަން އިސްމާއީލް ފާހަގަ ކުރެއްވިއެވެ. މިކަން މިހާރު ކައުންސިލްގެ ފަރާތުން ބަލަމުން އަންނަ ކަމަށާއި ގޭގައި އުޅޭ ދުވަސްވީ ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.