އިބްތިހާލުގެ ހަނދާނީ ޤުރުއާން މުބާރާތް

އިބްތިހާލުގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ވ. ރަކީދޫގައި، 2015 ވަނަ އަހަރު އަނިޔާ ކުރުމުގެ ސަބަބުން މަރުވި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ހަނދާނުގައި، ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން އިންތިޒާމްކޮށްގެން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ.

ހުޅުމާލޭގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން، މިދިޔަ ރަމަޟާން މަހު ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ ރޭ، ހުޅުމާލޭ ޣާޒީ ސްކޫލުގަ އެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ލިޔުމާއި މިލްކުވާ ތަށި ހަވާލުކޮށްދެއްވީ، މުބާރާތުގެ ޝަރަފުވެރި މެހެމާނު، ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް އާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު އެވެ.

ތަފާތު ތިން އުމުރު ފުރާއަކަށް ހުޅުވާލި މި މުބާރާތުގައި، 159 ދަރިވަރުން ވާދަކޮށްފައިވެ އެވެ. މުބާރާތުގެ ކިޔެވުން ކުރިޔަށް ދިޔައީ މޭ މަހުގެ 27 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރޭގެ ހަފުލާގައި ވާހަކަދައްކަވަމުން، މުބާރާތުގެ ޝަރަފުވެރި މެހެމާން، އަލީ ނިޔާޒް ވަނީ މިފަދަ މުބާރާތްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވައިފަ އެވެ. ޤުރުއާން ކިޔެވުމާއި ކިޔެވުމަށް ބާރުއެޅުމަށް ހިންގާ މިފަދަ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވައި އަލީ ނިޔާޒް ވިދާޅުވީ ސަރުކާރުން ވެސް މި ފަދަ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.