ބޮލީވުޑް

ކަރީނީ ދަރިފުޅަށް ޓަކައި ލަންޑަނާއި މުމްބާއީ އާ ދެމެދު ހަފުތާއަކު ދަތުރެއް ކުރަނީ

ބޮލީވުޑްގެ ސުޕާ ހިޓް ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރީނާ ކަޕޫރު ޚާން މިދުވަސްވަރު އަންނަނީ ރިއަލިޓީ ޝޯ ޑާންސް އިންޑިއާ ޑާންސް ހަތެއްގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ދެ އަހަރުގެ ކުޑަ ކުއްޖެއް އޮންނަ ކަރީނާ އަމިއްލަ ދިރިއުޅުމަށާއި މަސައްކަތަށް ވަގުތު ދޭ ގޮތުގެ މިސާލަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޮންމެ ހަފުތާއަކު ލަންޑަނުން މުމްބާއީއަށް ޝޯގެ ޝޫޓިންނަށް ކަރީނާ ދަތުރު ކުރެއެވެ. އެގޮތުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ހެނދުނު ލަންޑަނުން މުމްބާއީއަށް ގޮސް ހަމަ އެރޭ ފުރައިގެން ލަންޑަނަށް ކޮންމެ ހަފުތާއަކު ކަރީނާ ދަތުރު ކުރެއެވެ. މިގޮތަށް ކަރީނާ ކުރިއަށް އޮތް ދެތިން މަސްދުވަހު ދަތުރު ކުރާނެއެވެ. މިއީ ދަރިފުޅު ޓައިމުރްއާއެކު ވީހާވެސް ގިނަ ވަގުތު ހޭދަ ކުރުމަށް ކަރީނާ ކުރާކަމެކެވެ.

މީގެ ސަބަބުން ޝޯގެ ޝޫޓިން ކުރިއަށް ގެންދެވިފައި، ކަރީނާގެ ބްރޭންޑް އެންޑޯސްމަަންޓްސްތައްވެސް ނުހުއްޓި ކުރިއަށް ގެންފެވިފައި އަދި ފިލްމު "އަންގްރޭޒީ މީޑިއަމް" ގެ ޝޫޓިން ލަންޑަނުގައި ކަރީނާއަށް ކުރިއަށް ގެންދެވިދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއަހަރު ކަރީނާ ހަތަރު ފިލްމެއްގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ތަޚްތު، ގުޑް ނިއުސް، ލާލް ސިންގް ޗައްދާ އަދި އަންގްރޭޒީ މީޑިއަމް ހިމެނެއެވެ. އެހެން ކަމުން ކުރިއަށް އޮތީ ވަރަށް ބިޒީ ދުވަސްވަރެއް ކަމަށް ވާތީ މިހާރު ވަގުތު ހޭދަ ކުރެވެން އޮތް އިރު ވީހާވެސް ގިނަ ވަގުތު ދަރިފުޅު ޓައިމުރްއާއެކު ހޭދަ ކުރަން ކަރީނާ ބޭނުން ވަނީ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަންގްރޭޒީ މީޑިއަމްގެ ޝޫޓިން ކަރީނާ ފަށާނީ ޖުލައި ފަހުކޮޅު ނުވަތަ އޯގަސްޓްގައެވެ. އަކްޝޭ ކުމާރު އާއެކު ފެނިގެންދާ ފިލްމު ގުޑް ނިއުސް ރިލީސް ކުރަނީ މިއަހަރު ފަހުކޮޅެވެ.

ކަރީނާގެ ފިރި،މީހާ، ބަތަލު ސައިފް އަލީ ޚާން ވެސް މިދުވަސްވަރު އަންނަނީ ޖަވާނި ޖާނެމަންގެ ޝޫޓިން ލަންޑަނުގައި ކުރިއަށްގެންދަމުންނެވެ. މިއީ އެއްކޮށް އާއިލާ ގިނަ ވަގުތު ހޭދަކުރުމަށް ކަރީނާއަށް މަސައްކަތްތައް ނުހުއްޓައި ކުރިއަށް ގެންދެވޭނެ ގޮތެވެ.