ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް

ހަތްދިހަ ފަސް ބައިވެރިންނާއެކު ''ވައިމާސް'' ސީރީޒްގެ ދެވަނަ ޕްރޮގްރާމް ނިންމާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމުއިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ''ވައިމާސް'' ސީރީޒްގެ ދެވަނަ ޕްރޮގްރާމް، 75 ބައިވެރިންނާއެކު މިއަދު ނިންމާލައިފިއެވެ.

ރަފީ ޖަމުއިއްޔާއިން ބުނީ '' ޔޫތް އޭޒް މިލީނިއަމް އެސެޓްސް ސީރީޒް'' (ވައިމާސް) ގެ ދެވަނަ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިއަދު މެންދުރު 12:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ހުސްވި ހަފްތާގެ ބަންދުގައި ކުރިއަށްގެންދިޔަ ވައިމާސް އެއްވަނަ ޕްރޮގްރާމަށްވުރެ މިއަދު ކުރިއަށް ގެންދިޔަ ދެވަނަ ޕްރޮގްރާމަށް ލިބުނު ތަރުހީބު ބޮޑުކަމަށް ރަފީއިން ބުނެއެވެ.

އެ ޖަމުއިއްޔާއިން ބުނި ގޮތުގައި، ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވައިމާސް ޕްރޮގްރާމަކީ ސިންގަޕޫރުގެ އެޑްސްޓާ ގްލޯބަލް އާއި ގުޅިގެން 2016 ވަނަ އަހަރު ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ ސެޝަންތައް ނަގައިދިނުމުގައި ހަރަކާތްތެރިވަނީ ޕްރޮގްރާމް އެދުވަހަކު ހާއްސަކުރާ މައުލޫއަކަށް އެންމެ ފަރިތަ، އަދި އިލްމީ ގޮތުންނާއި ފަންނީ ގޮތުން ތަޖުރިބާހުރި ގާބިލު ބޭފުޅުން ކަމަށް ރަފީ އިން ބުންޏެވެ.

އެގޮތުން މިއަދުގެ ސެޝަންތައް ފުރިހަމަކޮށްދެއްވީ ވައިމާސް ޕްރޮގްރާމުގެ ސިގްނޭޗާ ސްޕީކާ ކަމުގައިވާ އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ސޭފް އެންޖީއޯގެ ރައީސް މުހައްމަދު ރަޝީދު (ރާޑޯ) އެވެ.

މިދެބޭފުޅުންގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ އަމިއްލަ ނަފުސު ކުރިއަރުވައި މުޖުތަމައަށް ބޭނުންތެރި ފަރުދެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވިދާނެ ކަންކަމާއި އެގޮތުގައި ދެމިތިބުމަށް ގައިގައި ހަރުލައްވަންޖެހޭ މުހިންމު ސިފަތަކުގެ މައްޗަށެވެ.

ވައިމާސް ޕްރޮގްރާމަކީ ޒުވާނުން އަހުލުވެރިކޮށް ބާރުވެރިކުރުވުމަށްޓަކައި އެޖަމުއިއްޔާއިން ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސިލްސިލާ ކަމަށް ބުނެފައިވެއެވެ.

މުޅިން ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމް މެދުވެރިކޮށް މިހާތަނަށް 600 އަށްވުރެ ގިނަަ ޒުވާނުން ތަންރީނުކޮށްފައިވާކަމަށް ވެސް ރަފީން ބުންޏެވެ.

ރަފީން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް މި ސީރީޒްގެ ހަތަރު ޕްރޮގްރާމް ފުރިހަމަކޮށް، ނަމޫނާ ޕަރޕޯމަންސް ދައްކާ ޒުވާނުންގެ މެދުގައި ކޭމްޕެއް ކުރިއަށް ގެންގޮސް، އެންމެ ފާހަގަކޮށްލެވޭ ނަތީޖާ ހާސިލުކޮށްފައިވާ ފަރާތްތައް ފުރޭނިގެން، ޖުމަލް 31 ފަރާތަކަށް ''މިލީނިއަމް ޔޫތް އެމްބެސަޑަރުގެ ޝަރަފު ރަފީ ޖަމުއިއްޔާއިން ވަނީ އަރުވައިފައެވެ.