ބޮލީވުޑް

މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރު ވުމަށް އަމީޝާއަށް ޗިޓް ފޮނުވައިފި

މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރު ވުމަށް ބަތަލާ އަމީޝާ ޕަޓޭލަށް ޗިޓް ފޮނުވައިފި އެވެ.

ޕްރޮޑިއުސަރު އަޖޭ ސިންގް ވަނީ އޭނާ އަތުން އަމީޝާ ނަގާފައިވާ ފައިސާ އަނބުރާ ނުދައްކާކަމަށް ބުނެ މައްސަލަ ހުށަހަޅައިފައެވެ.

އަޖޭ ހުށަހެޅި މައްސަލައިގައި ބުނާ ގޮތުގައި އަމީޝާ އާއި އޭނާގެ ވިޔަފާރި ޕާޓްނަރު ކުނާލް ގްރޫމާ ވަނީ މަކަރާއި ހީލަތް ހަދައިފައެވެ. އޭނާ އަތުން 2.50 ކްރޯޑް ރުޕީސް އެމީހުންގެ ޕްރޮޑަކްޝަން ހައުސްއަށް އިންވެސްޓް ކުރުމަށް ނެގިގޮތަށް އަދިވެސް އަނބުރާ އެ ފައިސާ ދީފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އެފައިސާ ނެގިއިރު ދެތިން މަސްތެރޭގައި އިންޓަރެސްޓް އަދި ފައިދާ ހިމަނާފައި އަނބުރާ ދޭނެކަމަށް ވައުދުވެފައިވާ ކަމަށް ވެސް އަޖޭ ހުށަހެޅި މައްސަލައިގައި ވެއެވެ.

މީގެ އިތުރުން ތިން ކްރޯޑްގެ ޗެކެއް ދީފައިވާ ކަމަށާއި ނަމަވެސް އެ ޗެކު ބައުންސް ވެފައިވާކަމަށް އަޖޭ ވަނީ ބުނެފައެވެ. އަދި ފައިސާ ހޯދަން ދިޔުމުން އަމީޝާގެ ޕާޓްނަރު ވަނީ އޭނާއަށް އަމީޝާ ބާރުގަދަ މީހުނާ އެކީ ހުރި ފޮޓޯ ތަކެއް ދައްކާފައި ކަމަށްވެސް ވަނީ ބުނެފައެވެ.

އަމީޝާ އަށް ލިބިފައިވާ ޗިޓްގައި އޮތް ތާރީހުގައި އަޑުއެހުމަށް އޭނާ ހާޒިރު ނުވާނަމަ ފުލުހުންނަށް އޭނާ ހައްޔަރު ކުރެވޭނެކަމަށް އޭގައި ވެއެވެ. އަމީޝާމެން ކޯޓަށް ހާޒިރު ވާން ޖެހެނީ ޖުލައި އަށެއްގައެވެ.