އެމްއެންޑީއެފް

އުތުރު ތިލަފަޅުގައި ކޯސްޓްގާޑު މަރާމާތުކުރުމުގެ ވަސީލަތް ގާއިމްކުރުމަށް އިންޑިއާއިން އެހީދޭން ބުނި: އެމްއެންޑީއެފް

ޝަހީދާ އަބްދުﷲ ސައީދު

އުތުރު ތިލަފަޅުގައި ކޯސްޓްގާޑުތައް މަރާމާތުކުރުމަށް ރިޕެއާ ފެސިލިޓީއެއް ހެދުމަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ދޭނެ ކަމަށް ބުނެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ކޯސްޓްގާޑުގެ އުޅަނދުފަހަރު މަރާމާތު ކުރުމަށްޓަކައި އުޅަނދުތައް ބަހައްޓާނެ ތަނެއްގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.

މިހާރުވެސް ކޯސްޓްގާޑުގެ އިސްކަންދަރާއި ޣާޒީ މަރާމާތު ނުކުރެވި ބޭނުން ނުކުރެވޭތާ ވަރަށް ގިނަ އަހަރު ވެއްޖެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިސްކަންދަރު މަރާމާތަށް ބޭނުންވެފައިވާތާ ހަތް އަހަރު ވެއްޖެ ކަމަށާއި ޣާޒީ މަރާމާތުކުރަން ޖެހުނު ފަހުން ތިން އަހަރު ވެއްޖެ ކަމަށް ޝަމާލު ވިދާޅުވިއެވެ.

އެހެންކަމުން އުތުރު ތިލަފަޅުގައި ކޯސްޓްގާޑު މަރާމާތުކުރުމަށް ޑޮކްޔާޑެއް ހެދުމުގެ ވިސްނުން އެބަހުރިކަން ފާހަގަކުރައްވައި ޝަމާލު ވިދާޅުވީ، އުތުރު ތިލަފަޅުގެ ކޮންމެވެސް އެއް ހިސާބަކުން ކޯސްޓްގާޑުގެ ރިިޕެއާ ފެސިލިޓީއެއް ހެދިއްޖެނަމަ މިހާރަށްވުރެ ކޯސްޓްގާޑުގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ.

އަދި އެކަމަށް ބޭރުގެ އެހީއެއް ހޯދަން ބަލާއިރު އިންޑިއާއިން އެކަމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވާކަމަށް ވިދާޅުވިއެވެ.

ޝަމާލު ވިދާޅުވީ ހިލޭއެހީގެ ދަށުން އެކަހަލަ ފެސިލިޓީއެއް ގާއިމްކުރެވިއްޖެނަމަ އޭގެ ސަބަބުން ވަރަށްގިނަ ފައިދާތަކެއް ވެގެންދާނެ ކަމަށާއި އަދި އެތަން ގާއިމްކުރާނީ ބޭރުގެ ހިލޭއެހީގެ ދަށުން ދޭ ޓެކްނިކަލް އެހީތެރިކަމުގެ ދަށުން ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ހެދުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް އިޝާރާތް ކުރައްވައި ޝަމާލު ވިދާޅުވީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބޭރުގެ އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ހެދުމަށް ހުއްދަ ނުދޭނެ ކަމަށާއި އެކަމަށް އެއްވެސް ގައުމަކުން އެދިފައިވެސް ނުވާކަމަށެވެ.

އަދި އެފަދަ ކަމެއް ކުރުމުގެ ވިސްނުން އަސްކަރިއްޔާއިންވެސް އަދި ސަރުކާރުންވެސް ނުގެންގުޅޭ ކަމަށާއި ނަމަވެސް މިލިޓަރީ ކެޕޭސިޓީ އިތުރުކުރުމަށް ބޭރުގެ އެހީތެރިކަން ހޯދުމުގެ ވިސްނުން އެބައޮތް ކަމަށް ޝަމާލު ވިދާޅުވިއެވެ.