އެމްއެންޑީއެފް

ލުތުފީ ރާއްޖެއަށް ގެނައުމުގައި އެމްއެންޑީއެފްގެ އެއްވެސް ދައުރެއް ނޯންނާނެ

އިބްރާހިމް ޒަކީ

1

ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައްދިވެހިންނެއް ޝަހީދު ކޮށްލި، ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގައި ދިވެހި ގައުމުގެ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެ ފަރާތުން ބުނެފިއެވެ.

އެކަމުގައި ފުލުހުންގެ ދައުރު ހާމަކޮށް އެކަމާގުޅޭ މަސައްކަތްތައް ކުރަމުން އަންނަ އިރު އެކަމުގައި އެމްްއެންޑީއެފްގެ ރޯލަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ ރާއްޖޭން ބޭރުގައި ހުންނަ މީހަކު ރައްޖެއަށް ގެނައުމަކީ އެމްއެންޑީއެފްގެ އެއްވެސް ދައުރެއް އޮންނަ ކަމެއް ނޫން ކަމަށެވެ.

މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލުތުފީ ހުރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށުގައެވެ.

މިއަދުގެ ނޫސް ކޮންފަރެސްގައި، ރާއްޖެއަށްދިން އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީއަށް ކޮށްފައިވާ މަރުގެ ހުކުމަކީ އިންސާފުން ކޮށްފައިވާ ހުކުމެއް ނޫން ކަމަށާއި އެ ކަމުގެ ތަހުގީގުތައް ކުރިޔަށް ގެންގޮސްފައިވަނީ ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ނުދީކަމަށްބުނެ، ލުތުފީގެ ނަމުގައި ސޯޝަލް މީޑިއާތަކުގައި ދައުރުވަމުންދާ މެސެޖްތަކާ ގުޅިގެން އެމްއެންޑީއެފުން އެކަމާބެހޭ އިންޓާނަލް ތަހުގީގެއް ކުރޭތޯ، ނޫސްވެރިޔަކު ސުވާލު ދެންނެވުމުން، އެމްއެންޑީއެފުން ބުނީ، އެއީ އެމްއެންޑީއެފުން ކުރި ތަހުގީގެއް ނޫން ކަމަށެވެ.

"އޭރުގައިވެސް އަދި މިހާރުވެސް އެމްއެންޑީއެފަށް މި ތަހުގީގެއް ނުކުރެވޭނެ. ދެން އިންޓާނަލީ ކުރަންޖެހޭ ކަންކަން އިންޓާނަލީ އަބަދުވެސް ކުރަމުން ގެންދަން. މިކަމާ ގުޅުންހުރި ކަމުގައިވިއަސް އަދި އެހެންކަމަކާ ގުޅުންހުރި ކަމަށްވިޔަސް،" އެމްއެންޑީއެފުން ބުންޏެވެ.

ތިނެއް ނޮވެމްބަރުގެ ހާދިސާގައި މަރަށް ހުކުމްކޮށް، ފަހުުން އުމުރު ދުވަހަށް ހުކުމް ބަދަލު ކޮށްފައިވަނިކޮށް ބޭސްރުވާއަށް ކަމަށްބުނެ ރާއްޖޭން ބޭރަށް ދިއުމަށްފަހު ލުތުފީ ފިލާފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ޖެނުއަރީ، 16، 2010 ގައެވެ.