ޕޮލިސް

ލުތުފީ ދިވެހި އެމްބަސީގައި ހުރިކަން ލަންކާ ސިފައިންނަށް އެނގިފައިނުވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި

ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ޕްލޮޓް ޖަމައަތާއެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން ލަންކާ ސިފައިންނަށް އެނގިފައިނުވާ ކަމަށް އެ ކަމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ކަމާބެހޭ ފަރާތްތަކާ ހަވާލާތީ އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ލުތުފީއާ ގުޅޭ މައުލޫމާތު އެފަރާތްތަކަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމައްސަލައާ ބެހޭގޮތުން ލަންކާގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބިފިއިނުވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ނުވަ އަހަރު ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުމަށް ފަހު ލަންކާގައި ހުންނަ ދިވެހިި އެމްބަސީގެ ބެލުމުގެ ދަށަށް ލުތުފީ އަމިއްލަ އަށް ދިޔައީ މެއި މަހުގެ އެއްވަނަ ދުވަހު ކަމަށް ދިވެހި ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ލުތުފީ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އަންގާރަ ދުވަހު މީޑިއާ ގައި ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ތުލުފީ ގެނެވިފައެއް ނުވެއެވެ.

ލުތުފީގެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ފުރަތަމަވެސް ބަހެއް ބުނީ މިދިޔަ ބުދަ ދުވަހުއެވެ. އެކަމާ ގުޅިގެން ފޮރިން މިނސިްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުތުފީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއެކު، އެކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވަގުތުން ހިއްސާކޮށްފައިވާކަމަށެވެ.

އަދި އެހިނދުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސް، ގާނޫނީ އިމުގެ ތެރެއިން އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، އޭނާ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ގޮންޖެހުންތައް ހުރިނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަށައެޅިފައިވާ ބައިނަލްއަގްވާމީ އިޖުރާއަތްތައް ފުރިހަމަކޮށް، ސްރީލަންކާ އާއި، ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުން އަންނަ ކަމަށްވެސް ފޮއރިން މިނސިްޓްރީން ވަނީ ބުނެފައެވެ.

ތިނެއް ނޮވެމްބަރުގެ ހަމަލާއާ ގުޅިގެން މަރަން ހުކުމްކުރި، ލުތުފީ ފިލާފައިވަނީ، އެމްޑީޕީގެ ސަރުކާރުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް ފޮނުވާފައި ހުއްޓައެވެ. އޭރު އޭނާގެ ހުކުމް އޮތީ އުމުރު ދުވަހަށް ބަދަލުކޮށްފައެވެ.

އޭނާ ހޯދައި ހައްޔަރުކޮށް ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މައްޗަށް މާޗް 26، 2012 ވަނަ އަހަރުގެ މާޗް މަހުގެ 26 ގައި ކޯޓުން އަމުރެއް ވެސް ކޮށްފައިވެ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ވެސް ނެރެފަ އެވެ.