ވިޔަފާރި

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމަށް ނިކަލޯޑިއަން ތައާރަފް ކޮށްފި

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމަށް ދުނިޔޭގެ އެއްވަނަ ކުޑަކުދިންގެ ޓީވީ ޗެނަލް ކަމަށްވާ ނިކަލޯޑިއަން ތައާރަފްކޮށްފި އެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި ވައިކޮމް އިންޓަނޭޝަނަލް މީޑިއާ ނެޓްވޯކްސްގެ ދަށުން ހިންގާ ނިކަލޯޑިއަންގެ ޝޯތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑީމާންޑް (ވީއޯޑީ) ޕްލެޓްފޯމުން މިހާރު ފެންނާނެއެވެ. ދިރާގުގެ ވީއޯޑީ ހިދުމަތަކީ ބޭނުން ވަގުތަކު ބޭނުން ތަނަކުން މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބެލުމަށް މަގުފަހިކޮށްދޭ ޒަމާނީ ޕްލެޓްފޯމެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި ވީއޯޑީ ހިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިރާގު ޓީވީގެ ''ހޯމް ސްކްރީން'' ގައިވާ ''ވީއޯޑީ'' ޖަހާފައިވާ ބަޓަންއަށް ފިއްތާލުމުން ވީއޯޑީގެ ކޮންޓެންޓްތައް ބެލޭނެއެވެ. އަދި ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމަށް ހާއްސަ ދެ ޕްރޮމޯޝަނެއް މިހާރު ކުރިއަށް ދާކަމަށް ދިރާގުން މައުލޫމާތު ދިނެވެ. މި ޕްރޮމޯޝަންގެ ދަށުން "އިންޓްރޯ އޮފަރ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ފަރާތްތަކަށް ޑިސެމްބަރ 31 ގެ ނިޔަލަށް ވީއޯޑީގެ ހިދުމަތް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގު ޓީވީ އިން އަބަދުވެސް މަސައްކަތް ކުރަނީ ވީއޯޑީގެ ލައިބްރަރީ ފުޅާކޮށް، މުއްސަނދިކޮށް، ދިވެހި އަދި ބޭރުގެ ކޮންޓެންޓް ވީހާވެސް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.