މިނިސްޓަރު އަލީ ވަހީދު

އައިއެމްޓީއެމް ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އާރޯތާނާކަމެއް ލިބިގެންދާނެ : އަލީ ވަހީދު

މުހައްމަދު އައުޒަމް

އައިއެމްޓީއެމް 2019 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އާރޯތާނާކަމެއް ލިބިގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"އައިއެމްޓީއެމް 2019" ބައްލަވައިލެއްވުމަށް މިއަދު ހެނދުނު ފަރުކޮޅުފުއްޓަށް ވަޑައިގެންނެވުމަށްފަހު ވަން އޮންލައިން އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިފަދަ ފެއަރތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހުރި ފުރުސަތުތައް ބޭރުމީހުންނަށް ހުޅުވައިލުމަށް ބޮޑު ފުރުސަތުތަކެއް ލިބިގެންދާކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިވެންޓުތައް ބާއްވަން ޖެހިފައިމިވަނީ ވަރަށް ޗެލެންޖިން ހާލަތެއްގައިކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ކުރިޔަށް އޮތްތާނގައި އިވެންޓް ހޯސްޓް ކުރުމުގައި ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

"ދަރުބާރުގެވެސް މިވަނީ ދުވަސްވެ ބާވެފަ. އެހެންކަމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޕްރޮޕޯސް ކުރާނަން އިވެންޓުތައް ރާއްޖޭގައި ބޭއްވޭގޮތަށް އިތުރު ފުރުސަތުތަކެއް ފުރިހަމަ ކުރުމަށް." މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް އަލަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ މައިސް ޓުއަރިޒަމްގެ ސަބަބުން ބޭރުގެ ކުންފުނިތަކުންވެސް އެކުންފުނިތަކުގެ ހާއްސަ ޗުއްޓީދަތުރުތަކުގެ އިތުރުން އެކުންފުނިތަކުގެ ބޯޑު މީޓިންގތައް ރާއްޖޭގައި ބޭއްވޭވަރުގެ ޓުއަރިޒަމް އެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މީގެ އިތުރުން ޓުއަރިޒަމް ގަވާއިދަށް 16 އިސްލާހެއް ގެންނާން މަސައްކަތް ފަށާފައިވާއިރު މިސަރުކާރަށް އަހަރުވާއިރު އެއިސްލާހުތައް ގެނެސް އިނގިރޭސިބަހުން ވެސް ތަރުޖަމާކުރެވިގެން ނެރޭނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އައިއެމްޓީއެމް ފަދަ ފެއަރ ތަކުގެ ސަބަބުން ސަރުުކާރަށް އިތުރު ހިތްވަރުލިބި ބުންވަރު ލިބިގެންދާނެކަމަށްވިދާޅުވެ އައިއެމްޓީއެމް ޓީމަށް ޝުކުރު ދަންނަވައިފައެވެ.

ދެދުވަހުގެ މުއްދަތަކަށް ފަރުކޮޅުފުށީގައި ކުރިޔަށްދާ "އައިއެމްޓީއެމް 2019" ގައި 50 އަށްވުރެ ގިނަ ލީޑިންގ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވެއެވެ. އަދި 25 ގައުމަކުން އެކި ދާއިރާތަކުގެ ފަރާތްތައް ބައިވެރިވެ އެވެ. މި ބައިވެރީންނަށް ރާއްޖެއިން ލިބޭނެ އާ ފުރުސަތުތައް ހޯދައި ޓުއަރިޒަމް ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު އައިއެމްޓީއެމް އިން ހޯދައިދޭނެ އެވެ.

"އައިއެމްޓީއެމް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.