ދީން

އިސްލާމީ މުޖްތަމައެއް އުފައްދަވައި އާރާސްތު ކުރެއްވުން - 2

އަބްދުﷲ ފާރޫގް ހަސަން

އެހެންކަމުން އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ކުރިޔަށް ވަޑައިގެންނެވީ ހައިރާންވެ އަންތަރީސްވާފަދަ ދުރުވިސްނުންފުޅަކާއެކުގައެވެ. އަދި އެހައިމެ ޙިކްމަތްތެރިކަމާއި ރޭއްވެވުންތެރިކަމާއެކުގައެވެ. ނުހަނު ކެތްތެރިވެވަޑައިގެން ހުންނަވައި ކުރެއްވި ބުއްދިވެރި މަސައްކަތްޕުޅުން މަދީނާގެ އަހުލުވެރިންނާއެކު ސިޔާސީ މުއާހަދާތަކެއް ކުރެއްވުމުގައި ކާމިޔާބު ހޯއްދެވިއެވެ. ކޮންމެ މައްސަލައެއްގައިވެސް ފަހުބަސް ވިދާޅުވުމުގެ ބާރު އެމުއާހަދައިން ހޯއްދެވިއެވެ. މަދީނާގެ އިސްލާމީ މުޖުތަމައަށް ދައުލަތެއްގެ ސިފަ ގެންނެވުމުގައި ކާމިޔާބު ހޯއްދެވިއެވެ. މައްކާގެ މީހުންގެ ސިޔާސީ އުކުޅުތަކާއި ، ފިއްތުންތަކާއި އެބައިމީހުންގެ ހަމަލާތަކާ ކުރިމަތިލައްވައި އެބައިމީހުންގެ ވިޔަފާރީގެ މަގުތައް ބަންދުކުރެއްވުމުގެ އަރާއި ބާރު އެދައުލަތަށް ހޯއްދެވިއެވެ. މަދީނާގެ އިސްލާމީދައުލަތަކީ މައްކާގެ އިޤްތިސާދު ކަމީނާކޮށް އަނަރޫފަކޮށް އެބައިމީހުންގެ އަސްކަރީބާރު ލޮޑުކޮށް އިނދަޖައްސައިލެވޭފަދަ އުރައްޕުހުރި ދައުލަތަކަށް ހެއްދެވިއެވެ. އެމަތިވެރި މަސައްކަތްޕުޅުގެ ވާހަކަތަކަކީ ޝައްކެއްނެތް ގޮތުގައި ހިކުމަތްތެރިކަމާއި، ބުއްދިވެރިކަމާއި، ދުރުވިސްނުމާއި، ދުރާލައިމޮޅަށް ކަންކަންރޭވުމުގެ ތާރީޚެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ޝަޚްޞިއްޔަތުގެ މޮޅުކަމާއި މަތިވެރިކަމުގެ ދުވަހަކު ފިލައިގެންނުދާނެ ހެކިތަކުގެ ވާހަކައެވެ. އެވާހަކަތަކުގައި ފޮރުވިފައިވަނީ ކޮންމެ މީހަކުވެސް ކާމިޔާބު މީހަކު ކަމުގައްޔާއި އަރައިހުރި ގާއިދަކުކަމުގައި ވެގަތުމުގައި ހިނގާންވީ މަގުތަކެވެ. ހިފަހައްޓަންވީ އުސޫލުތަކެވެ. ކީރިތި ޤުރްއާނުގެ ތައުބީރަކުން ދަންނަވާނަމަ އެއީ އިންސާނިއްޔަތަށްޓަކައި ލައްވައިފައިވާ އެންމެ ރިވެތި ނަމޫނާއެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ބިނާކުރައްވަނިވި ވިސްނުންފުޅާއި އެމާތް ސާހިބާއަށް ބާވައިލެއްވެމުންދިޔަ ވަޙީން ހޯއްދެވި ނޫރާނީ އަލިކަމުގައި ބިނާކުރެއްވި އިސްލާމީ މުޖުތަމައު ނުވަތަ އިސްލާމީ ދައުލަތަށް އެދައުލަތުގެ ފުރިހަމަ ފަސްމަންޒަރާއެކު ވިސްނައިލައިފިނަމަ އެނގި ހާމަވާނީ އެދައުލަތުގެ އެންމެ ކުދި އެންމެ ކަވި ކަންކަމާއި އެންމެ ފުޅާ އެންމެބޮޑެތި ރޭއްވެވުންތައް ވެސް އިތުރުމާތް ސާހިބާގެ ހިތްޕުޅުގައި ދުރާލައި ކުރައްސަވައިފައިވާކަމެވެ. އެހެންކަމުން އެމާތް ސާހިބާ އެއިޖްތިމާއީ ރޭއްވެވުމާއެއްގޮތަށް ގުނައި އަދަދުނުވާހައި ގިނަ މައްސަލަތައް ހައްލުކުރެއްވިއެވެ. މަދީނާގެ އާވެއްޓަށް ވަޑައިގެންނެވުމުން ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި މައްސަލަތަކެވެ. އެމައްސަލަތަކަކީ ކޮބައިކަމާއި ، ކައުސާހިބާ އެކަންކަން ހައްލުކުރެއްވީ ކިހިނަކުންކަމުގެ ބަހުޘް ފެށުމުގެ ކުރީން ބޭނުންވަނީ އިސްލާމީ މުޖްތަމައުގެ އޮނިގަނޑުރާއްވަވައިފައިވާ ގޮތް ދެނެގަތުމެވެ. އިތުރުސާހިބާގެ ބިނާކުރައްވަަނިވި ރޭއްވެވުންތަކާއި ޖިހާދީ މަސައްކަތްޕުޅު ރަނގަޅަށް ވިސްނައިގަނެވޭނީ އޭރުންނެވެ. ރަންމުތުންވެސް އަގުނުކުރެވޭފަދަ އެމަސައްކަތްޕުޅުތަކުގެ ތަސައްވުރެއް ހިތަށްގެނެވޭނީ އޭރުންނެވެ.

އިސްލާމީ މުޖްތަމައުގެ އޮނިގަނޑު

އަޅުގަނޑުމެން ތާއަބަދު ހަނދާންކުރާންޖެހޭ ކަމެކެވެ. އިސްލާމް ދީނުގެ ނަބިއްޔާ ސައްލަﷲ އަލައިވަސައްލަމަ އެމާތްސާހިބާގެ ނަމޫނާ އިސްލާމީ މުޖްތަމައު އާރާސްތުކުރެއްވީ ލޯބީގެ ބިންގަލުގެ މަތީގައެވެ. ކަލަކު ދެކެ ލޯބިވުމާއި ކަލާނގެ މައުރިފާކޮށްގަތުމަށް އިންސާނާގެ ހިތުގައި ލައްވައިފައިވާ ފެންބޮވައިގަތުމުގެ އަލާކެނޑޭނީ އެގޮތުން ކަމުގައި ވާތީއެވެ. އިންސާނީ ލޯބީގެ ޖޯޝާއި ފޯރި އުފެދިގެން އަންނަނީ ތިންކަމެއް އެކުވެގެންނެވެ. އޭގެތެރެއިން އެންމެ ފުރަތަމަކަމަކީ އިލާހުވަންތަ ފަރާތަށް އޭނާގެ ހިތްކިއުމެވެ. ހިތްދަމައިގަތުމެވެ. އާލަމްތަކުގެ ރަހްމަތްވަންތަ އިލާހު ދެކެ ލޯބިވުމެވެ. އަދެ، އިންސާނާ އަޅުކަންކުރާފަރާތާއި އޭނާ ލޯބިވާ އަދި އޭނާ ހޯދާންއެދޭ ފަރާތް ހޯދައިގަތުމަކީ އޭނާގެ ފިތުރަތުގައި ލައްވައިފައިވާކަމެކެވެ. އަރަހުށި މާތްﷲ ސުބުޙާނަހޫ ވަތައާލާއަކީ އެންމެ ރީތި އެންމެ ފުރިހަމަ ޒާތުފުޅެވެ. އެކަލާނގެ ކޮންމެ އެއްޗެއްމެ ހައްދަވައިފައިވަނީ އެއެއްޗެއްގެ ޒާތުގައި އެންމެ ފުރިހަމައަށެވެ. އެންމެ ރީތި ކޮށެވެ. އިންސާނާގެ ކިބައިގައިވަނީ ރީތިކަމާއި ފަށުވިކަމާއި ފުރިހަމަކަމަށް ލޯބިކުރުމުގެ ހިއްސު ވަދީޢަކުރައްވައިފައެވެ، އެހެންކަމުން އިންސާނާ ރީތިކަންދެކެ ލޯބިވެއެވެ. ހުތުރުކަމަށް ނަފްރަތުކުރެއެވެ. އިންސާނާއަކީ ކާއިނާތުގައި ލައްވައިފައިވާ އެންމެ ރިވެތި މަޚްލޫގެވެ. އެހެންކަމުން ތިމާޔާ އެއްޖިންސުގެ މަޚްލޫގުން ދެކެލޯބިވުމުގެ އެކަށޭނަކަން އެންމެ ބޮޑަށް ލައްވައިފައިވާ މަޚްލޫގަކީވެސް އިންސާނާއެވެ. ލޯބި ފުރިހަމަވަނީ އަދުލުވެރި ކަމާއި އިހްސާންތެރިކަމުންނެވެ. އެހެންކަމުން މުސްލިމުންނަކީ ހަމައެކަނި އިސްލާމީ މުޖުތަމައު ދެކެލޯބިވާ ބައެއްނޫނެވެ. އަދި ކީއްތޯއެވެ. މުސްލިމުންނަކީ އެންމެހައި މަޚްލޫގުންނަށްޓަކައިވެސް މުޅިކައިނާތަށްޓަކައިވެސް ރަހުމަތެކެވެ.

އިސްލާމީ މުޖްތަމައެއްގެ ބިންގަލުގެ ދެވަނަ އަސާސީ ނަޒަރިއްޔާއަކީ އަމަލުތަކަށް ބަދަލުލިބޭނެކަން ކަށަވަރުކުރުމެވެ. ކުރުކޮށް ދަންނަވަނަމަ ކޮންމެ އަމަލަކީވެސް އޭގެ ރައްދު އަމަލެއް އޮންނާނެކަމެކެވެ. ނުވަތަ ނަތީޖާއެއް ފެންނާނެކަމެކެވެ. ކޮންމެ މީހަކީވެސް އެމީހަކު ކުރިކަމެއްގެ ނަތީޖާއާމެދު ޒިންމާވާން ޖެހޭނެމީހެކެވެ. ހަޔާތުގެ ދަނޑުބިމުގައި އެމީހަކު އިންދި ގޮވާމެއް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކަނޑާންޖެހޭނެއެވެ. އެހެނީ އަރަހުށި މާތްﷲ އިންސާނާ ހައްދަވައިފައިވަނީ ކަންކަމުގައި ގޮތް ނިންމުމުގެ ބާރުދެއްވައިފައެވެ. ބޭނުންގޮތަކަށް ކަންކުރުމުގެ އިޚްތިޔާރު ދެއްވައިފައެވެ.

ދުނިޔޭގައިވާ ކޮންމެ އުފެއްދެވުމެއްގައިވެސް އެއެއްޗެއް ހަލާކުވާނެ ގޮތުގެ ސިއްރުވަނީ ލައްވައިފައެވެ.އެގޮތުން އިންސާއަށްޓަކައި މަރު މިންވަރުކުރައްވައިފައިވުމާއެކުވެސް މަރަކީ އިންސާނާ ނެތުމުގެ ތެރެޔަށް މުޅިން ފޮނުވައިލާ ކަމެއްނޫނެވެ. އާދެ، މަރަކީ ފަނާވުމެއްކަމުގައި ވިޔަސް ހަޔާތަކީ ފަނާވުމެއްނެތް ކަމެކެވެ. މަރުގެ ވަޒީފާއަކީ އިންސާނާގެ ހަށިގަނޑު މަރައިލުމަށްފަހު ރޫހު މިނިވަން ކުރުމެވެ. އެއަށްފަހު ޚުދު މަރު އަބަދަށްޓަކައި ފަނާވުމެވެ. ފުރާނަ މިނިވަންވެގެން ދަތުރުކުރަނީ އެފުރާނައިގެ އަސްލު މަންޒިލަށެވެ. އެމަންޒިލަކީ އާޚިރަތުގެ ގޮވަތި ނުވަތަ އަލްހަޔަވާނުގެ ތައުބީރުން ފާހަގަކުރެވޭ މަންޒިލެވެ. ދުނިޔެއަކީ އިންސާނާގެ އިމްތިހާނުގެ މަރުކަޒެވެ. އަލްހަޔަވާނަކީ ނަތީޖާފާޅުކުރެވި ޖަޒާލިބުމުގެ މަންޒިލެކެވެ. ހެޔޮކަމުގެ އަހުލުވެރީން ހުސްނުލްމައާބުގައި ކުރިއަރައިދިޔުމުގެ ދިރިއުޅުމެއް ވޭތިކުރަމުން ދާއިރު ނުބައިކަމުގެ އަހްލުވެރީންގެ ޖާގަޔަކަށްވާނީ ޝާއްރުލް މައާބެވެ. އެނބުރިދާންޖެހޭ އެންމެ ނުބައިތަނެވެ. އެތާނގައި އެއުރެން ތިބޭނީ ނުމިއި ނުދިރިއެވެ.

އިންސާނީ ހަޔާތަކީ އެކައެކެވެ. އިންސާނާވަނީ އޭނާގެ ގަސްދާއި އިޚްތިޔާރުގައި އޭނާގެ ފިކުރާއި އަމަލުގެ މިނިވަންކަމުގެ ބާރުގައި އޭނާގެ ޙަޔާތު އެކިބާވަތުގެ އެކިކުލައިގެ ވަކިވަކި ބައިތަކަކަށް ބަހައިފައެވެ. ނަތީޖާއެއްގެގޮތުން އިންސާނީ ދިރިއުޅުންވަނީ އޮޅުން ބޮޅުންވެފައެވެ. އުނދަގޫވެފައެވެ. އިސްލާމްދީން އިންސާނީ ހަޔާތުގެ އޭކަންކަމާއި ގިނަވަޅުކަން ޤަބޫލުކުރެއެވެ. ނަމަވެސް އިސްލާމްދީން އިންސާނީ ހަޔާތާމެދު ބަލަނީ ހުރިހައި ދާއިރާތަކެއް ގުޅިލާމެހިފައިވާ އެކައްޗެއްގެ ގޮތުގައެވެ. ހަޔާތުގެ އެކި ކަންކަން އެއްކަމެއް އަނެއްކަމަކާ މުޅީން އެކަހެރީންނެއް ނުބަލައެވެ. އެހެނީ އެގޮތަށްބަލާނަމަ ފިކުރާއި އަމަލުގައިމަގުއޮޅުން ލާޒިމުވެއެވެ.އިސްލާމްދީން ދެކޭގޮތުގައި އިންސާނާއަކީ އިޖްތިމާއީ ބަޝަރެކެވެ. އޭނާވަނީ ޠަބީޢީގޮތުންނާއި އޭނާގެ ބޭނުންތައް ލާޒިމުކުރާގޮތުން އިޖްތިމާއީ ދިރިއުޅުމެއް އުޅޭން މަޖްބޫރުވެފައެވެ. އޭނާ ދިރިއުޅޭން ޖެހޭނީ ފިތުރަތާއެއްގޮތަށެވެ. އިންސާނާ އަމިއްލަޔަށް ކަނޑައަޅާ ގޮތްގޮތަކަކަށެއްނޫނެވެ. އޭނާ އުޅޭންޖެހޭނީ އަރަހުށި މާތްﷲ އަންގަވައިފައިވާގޮތްގޮތަށެވެ. އެކަލާނގެ ކަނޑައަޅުއްވާ އުސޫލުތައް އެކަށައަޅުއްވައިފައިވަނީ އިންސާނާގެ ފިތުރަތާއެއްގޮތަށެވެ. އެގޮތްތަކުގެ އަސްލަކީ ލޯތްބެވެ.

ދެންބަލައިލާނީ އިސްލާމްދީނުގެ އިޖްތިމާއީ ގިއުގަނޑު އެއުސޫލުތަކަކުން އުފެދިގެން އަންނަ އުސޫލުތަކަށެވެ.

ހ. ރޫޙާނީ ދިރިއުޅުމުގެ އުސޫލު

އިސްލާމީ އުސޫލުތަކުގެ އަސްލަކީ ތަޤްވާއެވެ. އެއީ ޙަޤީޤީ އިންސާނީ ފިތުރަތުގެ ޚާއްސިއްޔަތެވެ. މާތްﷲއަށް ބިރުވެތިވުމާއި ، އިންސާނިއްޔަތުދެކެ ލޯބިވުމާއި، ކާއިނާތުދެކެ ލޯބިވުމާއި ތެދުމަގު ހޯދައިލިބިގަތުމުގެ އެދުމާއި، ހެޔޮކަމާއި އިހްސާންތެރިކަމުގެ ނިރުތައް އަރައި ކުރިލައި ހެދެނީ އެއަސްލުންނެވެ. ހަމައެފަދައިން، ޢިލްމާއި ޙިކުމަތާއި ، ހިދާޔަތާއި ، މާތްކަމާއި ކާމިޔާބީއާއި މާތްﷲ އާ، ކުއްތަންވުމުގައި ތަޤްވާއަކީ ދޫކޮށްނުލެވޭނެ ޝަރުތެކެވެ. ތަޤްވާއަކީ އިންސާނާގެ މީސްވަންތަކަން އުފެދި އާލާވެ ހިތްހަމަޖެހުން ލިބުމުގެވެސް ޒަރީއާއެވެ.
އިޖްތިމާއީ ހަޔާތެއް އާރާސްތުވެ ތަރައްޤީވުމުގެ ސިއްރަކީ އަފްރާދުން ޤައުމީ ވިސްނުމަކުން ކަންކަމާމެދު ވިސްނުމެވެ. ޤައުމީ މަސްލަހަތާއެއްގޮތަށް އަމަލުކުރުމެވެ. ރައްބާނީ ގޮތުން ކަންކަމާމެދު ވިސްނުމާއި އެގޮތަށް އަމަލުކުރުމުގެ ޝައުގުވެރިކަން އިންސާނާގެ ކިބައިގައި އުފައްދަނީ ތަޤްވާއެވެ. އަރަހުށި ހުސްތާހިރުވަންތަ މާތްﷲ އަކީ ހުރިހައި މަޚްލޫގާތު ތަކެއްގެ އިލާހެވެ. ހުރިހައި މަޚުލޫގާތުތަކެއްގެ ވެރިރަސްކަލާނގެއެވެ. އެހެންކަމުން ތަޤްވާގެ ސަބަބުން އިންސާނާގެ ވިސްނުމުގެ ދާއިރާ ތަނަވަސްވެއެވެ. އޭނާގެ ވިސްނުން ޤައުމީ ނުވަތަ މިއްލީ ދައިރާ އަށްވުރެވެސް ފުޅާވެ އިންސާނީ މުޅިހަޔާތާއި މުޅިކާއިނާތުގެ ތަނަވަސްކަމަށް ހުޅުވައިލެވެއެވެ. އިންސާނާގެ ހިތުގައި އާލަމްތަކުގެ ރަހްމަތް އުފެދި އާލާވެއެވެ. އެންމެ މާތް އަދި އެންމެ ފަހުގެ ނަބިއްޔާ އިސްލާމީ މުޖްތަމައު ތަޤްވާގެ ބިންގަލުގެ މަތީގައި ބިނާކުރެއްވީ އެހެންވެގެންނެވެ.

ނުނިމޭ