އިމާރާތްކުރުމުގެ ދާއިރާ

ގިނަ ދުވަސްވީ އިމާރާތްތައް ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްއެންއޭސީއައި އިން ގޮވާލައިފި

މާލެއާއި އަތޮޅުތަކުގައި ހުރި ގިނަ ދުވަސްވީ އިމާރާތްތައް ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓަރީ (އެމްއެންއޭސީއައި) އިން ގޮވާލައިފިއެވެ.

އެމްއެންއޭސީއައި އިން ނެރުނު ނޫސްބަޔާނެއްގައި އެކަމަށް ގޮވާލާފައިވާ މިވަނީ، އިއްޔެ ހެންވޭރު ގެއެއްގެ ދެވަނަ ފަންގިފިލާގެ ކޮންކްރީޓް ބްލޮކެއް ވެއްޓި، ހަތަރު މީހަކަށާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެފައި ވަނިކޮށެވެ.

އެމްއެންއޭސީއައި އިން ނެރުނު ނޫސްބަޔާނުގައި ބުނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތަކުގައި ހުރި އިމާރާތްތަކާއި ތަންތަނުގެ ހާލަތު ބަލައި ވަޒަންކޮށް، އެތަންތަނުގެ ތެރެއިން ރައްކާތެރި ނޫން ތަންތަނާ މެދު ފިޔަވަޅު އެޅުމަށާއި އިމާރާތްކޮށްފައިވާ ބޭނުންތަކާއި އިމާރާތް ބޭނުންކުރުމަށް ހުއްދަދީފައިވާ ގޮތާއި، ސިޑިގޮޅިތަކާއި ބެލްކަނިތަކާއި ވެންޓިލޭޝަންތަކާއި ވައިގޮޅި ފަދަ ތަންތަން ބޭނުންކުރަމުންދަނީ ހުއްދަދީފައިވާ ގޮތަށްތޯ ބަލައި، ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާ އިން މީގެ ކުރިން ވެސް ގޮވާލާފައިވާނެ ކަމަށެވެ.

މީގެ ކުރިން މަޖީދީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ އިމާރާތާއި ޖަމާލުއްދީން ސްކޫލުގެ ބާ އިމާރާތް ބަލައި ލަފާދީފައިވާނެ ކަމަށާއި ޖަމާލުއްދީން ސްކޫލުގެ ބާ އިމާރާތުގެ ސްލެބްގެ ދަށުން ބައެއް ވެއްޓުމާ ގުޅިގެން އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ލަފާދިން ނަމަވެސް އެ އިމާރާތް އަދިވެސް ބޭނުންކުރަމުންދާތީ ކަންބޮޑުވާ ކަމަށް ވެސް އެމްއެންއޭސީއައި ބުންޏެވެ.

އެމްއެންއޭސީއައި އިން ބުނީ އިއްޔެގެ ހާދިސާ ހިނގި ހ. ރުއްދޮށުގެއާއި އެފަދަ ގިނަ ދުވަސްވީ އިމާރާތްތައް ބަލައި އިންސްޕެކްޝަންތައް ހެދުމަށް ގާނޫނު ލާޒިމުކުރާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށާއި މީގެ ކުރިންވެސް އެއްބާރުލުން ދީފައިވާ ފަދައިން އެ ޖަމިއްޔާ އިން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ކޮލިފައިޑް އިންޖިނިއަރުންނާއި ޗެކަރުން އަދި ކޮންސަލްޓަންޓުންގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަން ވެސް އެ ޖަމިއްޔާ އިން ފާހަގަކުރިއެވެ.

ކޮންމެ ފަހަރަކު ހާދިސާއެއް ހިނގުމުން ހަރަކާތްތެރިވުމުގެ ބަދަލުގައި ވަކިން ހާއްސަގޮތެއްގައި މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ހާލަތު ބަލައި ވަޒަންކުރުން ވަރަށް އަވަހަށް ކުރާ ކަމެއްގެ ގޮތުގައި ކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން އިލްތިމާސްކުރެއެވެ.