އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވި ކަމަށް ބުނާ މެސެޖުތަކެއް ދައުރުވާން ފަށައިފި އެވެ. "ވަން އޮންލައިން"ގެ ބައެއް ނޫސްވެރީންނަށް ވެސް މި މެސެޖު ލިބިފައިވާ އިރު، މެސެޖު އައިސްފައި ވަނީ އެ ދެބޭފުޅުންގެ މޯބައިލް ފޯނު ނަންބަރުންނެވެ.
އޭޖީ ރިފްއަތުގެ ނަންބަރުން ލިބިފައިވާ މެސެޖުގައި ވަނީ "ބަންޑާރަ ނައިބުގެ މަގާމުގައި ހުރެގެން ޖޭއެސްސީގެ މެންބަރުކަން ކުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ ޖޭއެސްސީގެ މެންބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފިން - އިބްރާހީމް ރިފްއަތު" މިހެންނެވެ.
ހިސާންގެ ނަންބަރުން ލިބިފައިވާ މެސެޖުގައި ވަނީ، "ޖޭއެސްސީގައި އަޅުގަނޑު ކުރާން ޖެހޭ މަސައްކަތްތަކާއި އަޅުގަނޑުގެ އަމިއްލަ މަސްލަހަތު ފުށުއަރާތީ މިއަދުން ފެށިގެން ޖޭއެސްސީގެ މެންބަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފިން." ކަމަށެވެ.
އެހެން ނަމަވެސް ހިސާން އާއި ރިފްއަތުވެސް ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ނުދެއްވާކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރުވެފަ އެވެ.
އޭޖީ ރިފްއަތު ދާދި ދެންމެ ވަން އޮންލައިން އަށް ވިދާޅުވީ އޭނާ މިވަގުތު ވެސް އިންނެވީ ޖޭއެސްސީގެ ބައްދަލުވުމެއްގައި ކަމަށާއި ދައުރުވަނީ ފޭކް މެސެޖެއް ކަމަށެވެ. ހިސާން ދާދި ދެންމެ ވަން އޮންލައިން އަށް ވިދާޅުވީ އޭނާ ވެސް މި ވަގުތު އިންނެވީ ޖޭއެސްސީގެ ބައްދަލުވުމެއްގައި ކަމަށާއި ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ނުދެއްވާ ކަމަށާއި ދައުރުވަނީ ފޭކް މެސެޖެއް ކަމަށެވެ.
"މީ ކާކު ފޮނުވާ މެސެޖުތަކެއް ކަމެއް ނޭނގެ. މިހާރުވެސް މި އިނީ ޖޭއެސްސީގެ ބައްދަލުވުމެއްގައި. ޖޭއެސްސީގައި އަޅުގަނޑުމެން ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު ފެށިފަހުން ކޮންމެވެސް މީހަކު މި ފޭކު މެސެޖުތައް ކުރަމުން ދަނީ." ހިސާން ވިދާޅުވި އެވެ.