ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓާ، އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ، އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބެލުމަށްހު އޭނާ ފަނޑިޔާރުކަމުން ވަކި ކުރަންޖެހޭކަމަށް ބުނެ ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިތުރަށް ތަހުގީގު ކުުރުމަށްފަހު، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން އެ ކޮމިޓީންވެސް ނިންމައި މަޖިލީހުުގެ ތަޅުމަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.
މި ރިޕޯޓު ފާސް ކުރުމަށް ވޯޓުދީ އިބްރާހީމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސް ކޮށްފައިވަނީ، ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓުދެއްވައިގެންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.
ޖޭއެސްސީން ފޮނުވުމުން، އިބްރާހީމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ މި މައްސަލައަކީ، މީގެ ހަ އަހަރު ކުރިން 2013 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އަދި މި މައްސަލަ ބަލައި ޖޭއެސްސީން މައްސަލަ ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގައި ކަމަށާއި، މި މައްސަލަ މަޖިލީހަށް ފޮނުވަން ނިންމީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުމުގައި ބައިވެރިވެ ވަޑައިގެން މެންބަރުންގެ އިއްތިފާގުން ކަމަށް، އެ ކޮމިޝަންގައިވެސް ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ އޭނާ އުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަ ގެއެއްގައި އުޅޭ އަންހެނަކާ ހުތުރުބަހުން ޒުވާބުކުރި މައްސަލައަކާގުޅިގެން ހުށަހެޅުނު ސުލޫކީ މައްސަލައެއްް ބެލުމަށް ފަހުގައެވެ.