ބޮލީވުޑް

ޑިޕްލޮމެޓެއްގެ ރޯލުން ސައިފް

ފިލްމު އުފައްދާ ފަރާތްތަކެއް ކަމަށްވާ ސަމީރު ޑިކްސިޓް، ޖަޓިޝް ވަރްމާ އަދި ގިރީޝް ޖޯހަރު ވަނީ އިންޑިއާ ޕާކިސްތާނުގެ ލޯބީގެ ހާދިސާއެއްގެ ރައިޓްސް ހޯދައި އެއަށް ފިލްމެއް ހަދާކަން އިއުލާންކޮށްފައެވެ.

ދިއްލީގެ އަންހެނެއް ކަމަށްވާ އުޒްމާ އަހުމަދު މެލޭޝިޔާއަށް ކުރި ދަތުރެއްގައި ދިމާވާ ޕާކިސްތާނުގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ތަހީރު އަލީ އާ ލޯބީގެ ގޮތުން ގުޅެއެވެ. ދެމީހުން އެކީގައި ޕާކިސްތާނުގެ އަވަށެއް ކަމަށްވާ "ބަނާ" އަށް ދެއެވެ. އެއަވަށަށް ދެވުމުން އުޒްމާ އަށް ތަހީރު އަކީ ކުރިން ކައިވެނިކޮށް ހަތަރު ދަރިންވެސް ލިބިފައިވާ މީހެއްކަން އެނގިގެންދެއެވެ. އަދި އުޒްމާއަށް ބަޑި ދައްކައި ގަދަކަމުން އޭނާއާވެސް ކައިވެނި ކުރެއެވެ.

މި ހަގީގީ ހާދިސާއަށް ފިލްމެއް އުފައްދަން ނިންމާފައިވާއިރު ފިލްމުގައި މުހިންމު ރޯލަކުން ސައިފް އަލީ ޚާން ފެނިގެންދާނެ އެވެ. އެއީ އިސްލާމް އާބާދުގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ރޯލެވެ. އޭރު އެމަގާމުގައި ހުރީ ޖޭޕީ ސިންގް ކިޔާ މީހެކެވެ. އެމީހާއަކީ އުޒްމާ އަނބުރާ އިންޑިއާއަށް ފޮނުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެކެކެވެ. ޖޭޕީ ސިންގް އެކަން ކުރީ އޭރުގެ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޝުޝްމާ ސަވަރާޖް ގެ ބެލުމުގެ ދަށުންނެވެ.

ފިލްމު ޑައިރެކްޓް ކުރަނީ ޝިވަމް ނައިރްއެވެ. ޝިވަމް ވަނީ މީގެ ކުރިން "ނާމް ޝަބާނާ" ޑައިރެކްޓް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ޝޫޓިން އަންނަ ފެބްރުއަރީ ނުވަތަ މާރޗްގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. ފިލްމުގެ ލީޑް ތަރި ކަމަށްވާ އުޒްމާގެ ރޯލަށް އަދި ބަތަލާއެއް ނަގާފައެއް ނުވެއެވެ. ނަމަވެސް އަޑުތައް ފެތުރިފައިވާގޮތުގައި އެ ރޯލު އިލީނާ ޑި ކްރޫޒަށް ވަނީ ހުށަހަޅައިފައެވެ.

ސައިފް މިވަގުތު ހުރީ ލަންޑަނުގައި އޭނާގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ ފިލްމު "ޖަވާނީ ޖާނޭމަން" ގެ ޝޫޓިން ގައެވެ. އެ ފިލްމުގައި އޭނާއާއެކު ޕޫޖާ ބޭދީގެ ދަރި އަލައިއާ ލީޑް ރޯލުން ފެނިގެންދާނެއެވެ. އެ ފިލްމް އެއްކޮށް ޝޫޓް ކުރާނީ ލަންޑަންގަ އެވެ.