ސިޓީކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ދިގު ކުރުމަށް ގާނޫނުއަސާސީއަށާއި ގާނޫނަށް އިސްލާހު ހުށަހެޅުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މަޝްވަރާ ކޮށްފިއެވެ.
މިއަދު ބޭއްވި ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގައި ލާމަރުކަޒީ ގަނޫނަށް ގެނެސްފައިވާ އިސްލާހުތަކާބެހޭގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި، މެންބަރުން ވިދާޅުވީ ކައުންސިލްތަކަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ތިން އަހަރުގެ ދައުރަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.
އެހެންކަމުން ދެން އެންމެ އަވަހަކަށްލިބޭ ފުރުސަތެއްގައި ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރު ކުރަން ހުށަހެޅުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.
ލާމަރުކަޒީ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި، ކައުންސިލަށް އިންތިހާބުވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން އެޕާޓީއަކުން ވަކިވުން، ނުވަތަ ޕާޓީން ވަކި ކުރުމުން ކައުންސިލް ގޮނޑި ގެއްލޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށްވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
މެންބަރުން ވިދާޅުވީ، ކައުންސިލްތަކަށް ހޮވިވަޑައިގަންނަވާ މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުން އުފައްދާ ސުވާލުތަކަށް ހައްލެއް ގެނައުމަށް، އެ އިސްލާހު ގާނޫނަށް ގެނައުމަކީ މުހިއްމުކަމެއް ކަމަށެވެ.