ޚަބަރު

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 201 ބިލެއް، އޭގެ ތެރޭގައި އެންޓި ޑިފެކްޝަން ބިލު ވެސް ހިމެނޭ

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 201 ބިލެއް ހިމަނައިފިއެވެ.

ލެޖިސްލޭޓިވް އެޖެންޑާގައި ގާނޫނު އަސާސީއަށް ހަތަރު އިސްލާހެއް ހުށަހެޅުމަށް ވެސް ނިންމާފައިވެއެވެ. ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކުގެ ތެރެއިން އެއް ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ބިލެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު މަޖިލީހުން ވަނީ އަލުން އެ ގާނޫނު އުވާލައިފައެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު ރިފްއަތު ވިދާޅުވީ އެ 201 ބިލުގެ ތެރޭގައި 47 ބިލަކަށް އިސްކަންދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މި އިއުލާންކުރާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އެބައުޅޭ 201 ބިލު ނުވަތަ މިހާރު އަމަލުކުރެވޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތައް. ޖުމްލަ 201 ބިލު އެބަ ހިމެނޭ. 47 ބިލަކަށް އެބަ އިސްކަންދެން. އޭގެ މާނައަކީ އޮގަސްޓް 2019އާ ހަމައަށް އަމާޒަކީ މި ހިނގާ މަޖިލިސް ދައުރުގެ ތެރޭގައި 47 ބިލެއް މަޖިލީހަށް ވެއްދުން،" ބަންޑާރަނައިބު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ބިލުގެ އިތުރުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބައެއް ބިލްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، އިންކަމް ޓެކްސްގެ ބިލް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.