ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 4.9 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މުވައްޒަފުންގެ ތެރޭގައި ދެމަފިރިން ހިމެނެއެވެ. އެ ދެމަފިރިން ކުރިން ވެސް ތިބީ ސަސްޕެންޝަނުގައެވެ.
ބީއެމްއެލް އިން ބުނީ އެ ހިޔާނާތާ ގުޅިގެން ހިންގި އެތެރޭގެ ތަހުގީގަށްފަހު އެ މައްސަލައިގައި ޝާމިލުވާ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އިތުރު މުވައްޒަފުންތަކަކަށް އިދާރީ ފިޔަވަޅު ވެސް އަޅާފައިވާ ކަމަށެވެ.
އެ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލުތައް ހުއްޓުވުމަށް ގަވާއިދުތައް ހަރުދަނާކޮށްފައިވާނެ ކަމަށާއި މުވައްޒަފަކު ގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު ފެންމަތިވި އެ މައްސަލަ ބީއެމްއެލް އިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.