ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރުކުރަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރުކުރުމަށް މި ހަފުތާ ތެރޭ އިސްލާހު ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހަތް ފަނޑިޔާރުން ހިމެނިވަޑައިގެންނެވި ނަމަވެސް 2014 ވަނަ އަހަރު ފަނޑިޔާރުންގެ އަދަދު ފަހަކަށް ވަނީ ބަދަލުކޮށްފައެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިފްއަތު ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މި ހަފުތާ ތެރޭ ހުށަހަޅާނެ ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރުމަށް ހުށަހަޅާ އިސްލާހެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން މި ހަފްތާ ތެރޭގައި އަޅުގަނޑުމެން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅާނަން. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް ބަދަލުކުރުމަށްޓަކައި ހުށަހަޅާ އިސްލާހެއް،" ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހު ގެންނަން ޖެހޭ ބިލުތަކާއި ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަން ޖެހޭ ނުވަތަ އުވާލަން ޖެހޭ ގާނޫނުތަކެއް އެބަހުރި ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 201 ބިލު ހިމެނޭ ކަމަށް ވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު މި އިއުލާންކުރާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އެބައުޅޭ 201 ބިލު ނުވަތަ މިހާރު އަމަލުކުރެވޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތައް. ޖުމްލަ 201 ބިލު އެބަ ހިމެނޭ. 47 ބިލަކަށް އެބަ އިސްކަންދެން. އޭގެ މާނައަކީ އޮގަސްޓް 2019އާ ހަމައަށް އަމާޒަކީ މި ހިނގާ މަޖިލިސް ދައުރުގެ ތެރޭގައި 47 ބިލެއް މަޖިލީހަށް ވެއްދުން،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން ބަންޑާރަނައިބު ރިފްއަތު ވިދާޅުވީ އެ އިސްލާހުތަކުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ ޖުޑީޝަރީ ރިފޯމްކުރުން ކަމަށެވެ.

"ޖުޑީޝަރީ ރިފޯމްކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. ވަކިން ހާއްސަކޮށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި، ފަނޑިޔާރުންނާ މެދު ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ދުސްތޫރީ މަސްއޫލިއްޔަތު ހަވާލުކޮށްފައި މި އޮންނަނީ ޖުޑީޝަލް ސާވިސް ކޮމިޝަނާ. އެހެންވީމާ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ފަސޭހައިން ފަނޑިޔާރުންގެ ޝަކުވާތައް ހުށަހެޅި، އަދި އަވަސް މިނެއްގައި މައްސަލަތައް ބެލެވި، ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފަނޑިޔާރުންނާ މެދުގައި އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅޭނެ ތަނަކަށް އެތަން ވާންޖެހޭ،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ޖޭއެސްސީގެ މަސައްކަތްތައް އިންތިޒާމު ކުރެވިފައި އޮތީ އެހާ ލުއިފަސޭހަ ގޮތަކަށެއް ނޫން ކަމަށާއި މައްސަލަތައް ހުށަހެޅުމުގައި ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.