މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 15

އަބްދުﷲ ފާރޫގް ހަސަން

2

މަލިކުމީހުންގެ ހެދުން

މަލިކާމެދު ލަކްޝަދީބު އެޑްމިނިސްޓްރޭޝަނުން ލިޔާ ލިޔުންތަކާއި ބޭރުގެ ލިޔުންތެރީން ލިޔާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި މަލިކުމީހުންގެ ހެދުން އެންމެ ވައްތަރީ ދިވެހީންގެ ހެދުމާއެވެ.

މަޣުރިބުކަރައިގެ މަޝްހޫރު ދަތުރުވެރިޔާ އިބްނުބަޠޫޠާ ދިވެހީންގެ ހެދުމާ ބެހޭގޮތުން ލިޔުއްވައިފައިވާ ގޮތުގައި ދިވެހި ފިރިހެނުންގެ ހެދުމަކީ އަނދެގެން އުޅޭ ފޮށަޔަކާއި ގައިގައިލާ ފޮށައެކެވެ. ބައެއްމީހުން ފަގުޑިއެއްހެން އެފޮށާ ބޮލުގައި އޮޅައެވެ. ތާރީޚީ ލިޔުންތެރީންގެ ލިޔުންތަކާއި ތާރީޚީ ފޮޓޯތަކުން ފެންނަގޮތުގައި ދިވެހީން ފޮށާ އަނދެއުޅުނު ދުވަސްވަރު ފޮށާ އަންނަނީ ހަރުވާޅެއްލައިފައެވެ.

އިހުޒަމާނުގައި މަލިކުފިރިހެނުންވެސް ތިބެނީ ހަރުވާޅުލާފައި ފޮށާ އަނދެފައެވެ. ބޮލުގައި ރުމާއަޅައިފައެވެ. ފޮށާ އަނުމުގެ ދައުރަށްފަހު މުންޑާއި ލިބާހާއި ގަމީސްވެސް ބޭނުންކޮށް އުޅުނެވެ. މިގޮތުން ބަލާއިރު ކުރީޒަމާނުގައި ދިވެހިފިރިހެނުންނާއި މަލިކުފިރިހެނުންގެ ހެދުމުގައި އެއްވެސް ތަފާތެއް ހުއްޓެކޭ ދެންނެވޭކަށެއް ނެތެވެ.

މަލިކުފިރިހެނުން އިހުޒަމާނުގައި ފޮށައާއެކު ހަރުވާޅުލައި އުޅުމުގައި ޚާއްޞަ ގޮތްތަކެއް ހިފެހެއްޓިއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ރޭނުންފަދަ މަސައްކަތްކުރުމުގައި ބޭނުންކުރަނީ ހުދުހަރުވާޅެވެ. ކުޅިވަރު ކުޅޭއިރު ރަތްހަރުވާޅެވެ. މުސްކުޅިން ކަޅުހަރުވާޅެވެ. މިތިންކުލައިގެ ހަރުވާޅާއެކުވެސް ފޮށާ ބޭނުންކުރެއެވެ.

ކާވެނީގެ މުނާސަބާގައި އަންނަނީ ވައްތަރެއްގެ ކަޅުއަތްދުތްލީ މުންޑެކެވެ. އެމީހުން އެއަށްކިޔަނީ ހޮޅިސާޑިއެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ހޮޅިފޮށާ އަން ދުވަސްވަރެއް ދިޔަ ފަދައިންނެވެ.

ދިވެހިފިރިހެނުންގެ ހެދުން ފޮށައިން މުންޑަށް ބަދަލުވުމަށްފަހު ބޭނުންކުރި ކަހަލަ ހަރުވާޅުބުރިވެސް މަލިކުފިރިހެނުން ބޭނުންކުރިއެވެ. ހަރުވާޅުބުރިއަށް އެމީހުންކިޔަނީ ކުޑަހަރުވާޅެވެ. މިހާރަކަށްއައިސް ޖަނގިޔާއަށްވެސް ކުޑަހަރުވާޅޭ ކިޔައެވެ.

އިހުގައި މަލިކުމީހުންވެސް ބޮލުގައި އަޅައިއުޅުނީ ފޮށައެވެ. އޭގެފަހުން ރުމާލާއި ތުރުކީތާކިހަލާއި ތާކިހާވެސް ބޭނުންކޮށްފައި ވެއެވެ.

ދިވެހިއަންހެނުންގެ ހެދުމާ ބެހޭގޮތުން އިބްނުބަޠޫޠާ ލިޔުއްވައިފައިވާ ގޮތުގައި ބައެއް އަންހެނުން އަނދެގެން ހުންނަ އެތިގަނޑާ ހަމަޔަށް ފޯރާވަރުގެ ލިބާހެއްލައެވެ. ބައެއް އަންހެނުން ތިބެނީ އުޅަނބޮށީން ފެށިގެން ކުޑަހުޅާ ދެމެދު ފުރޭންދެން އުޅާއަޅާފައެވެ.

ދިވެހިފިރިހެނުންނާއި މަލިކުފިރިހެނުންގެ ހެދުމުގައި ހުރި އެއްގޮތްކަން ދިވެހިއަންހެނުންނާއި މަލިކުއަންހެނުންގެ ހެދުމުގައިވެސް އެބަހުއްޓެވެ. އިހުޒަމާނުގައި މަލިކުއަންހެނުން ލައިއުޅުނު ލިބާހާއި ދިވެހިއަންހެނުން ލައިއުޅުނު ލިބާހުގައި އެއްވެސް ތަފާތެއްނެތެވެ. އިބްނުބަޠޫޠާ ބަޔާންކުރައްވާ ވަރަށް މަލިކުއަންހެނުންވެސް އުޅާއަޅައި އުޅުނެވެ. މަލިކުއަންހެނުންގެ "ދިވެހިލިބާސް" އެހެން ލިބާހަކަށް ބަދަލުކޮށްލެއްވީ މާލޭގެ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް މަލިންގޭ ޙުސައިންދީދީއެވެ. މިހާރު މަލިކުއަންހެނުން ބޭނުންކުރަނީ އޭނާ ޑިޒައިންކޮށްދެއްވި "މައުލިބާހާއި މައުދޮޅި" އެވެ.

މަލިކުއަންހެނުން ބޭނުންކޮށް އުޅުނު ގަހަނާއަކީ:
1. އުޅާ (އަތުކުރީ އެޅުމަށް)
2. އަލިކައްތު (ކަންފަތުގައިލާ އެއްޗެއް)
3. ތަކަހޮޅި (ކަންފަތުގައިލާ އެއްޗެއް)
4. ރަންގަން (ރަންގަނޑު - ލޮކެޓެއްގެ ގޮތުގައި ކަރުގައި އެޅުމަށް)
5. ފަތިގަން (ފަތިގަނޑު - ރިހިން ހަދާފައިވާ އުނަގަނޑުގައި އަޅާ އެއްޗެއް)
6. އަގުޅި (ކަންފަތުގައިލާ އެއްޗެއް)
7. މުދި (އިނގިލީގައި އެޅުމަށް) މިއެވެ.

އިހުޒަމާނުގައި މަލިކުގައި ރަނުގެ ގަހަނާ ބޭނުން ކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި މަނިކުފާނުންނަށެވެ. އިހުގައި ރާއްޖޭގައިވެސް ރަނުގެ ގަހަނާ ބޭނުންކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ގަނޑުވަރުތެރޭގެ ބޭފުޅުންނަށެވެ.

ތިރީގައި މިދަންނަވަނީ މަލިކު މީހުން އަންނައުނުގެ އެކިބައިތަކަށް ކިޔާ ނަންތަކެވެ.

ފިރިހެނުންގެ ހެދުން

1. ހަރުވާޅު (ކަޅުކުލައާއި ރަތްކުލައާއި ހުދުކުލައިގެ)
2. ހުދުފޮށާ (އަންނަ)
3. ހޮޅި ސާޑި (ކަޅުއަތްދުތްލީ މުންޑެއް)
4. ސާޑި (ކަޅުއަތްދުތްލީ ހުދުފޮށައެއް)
5. ރުމާ (ކަޅުކުލައާއި ރަތްކުލައިގެ)
6. ތުރުކީތާކިހާ
7. ތާކިހާ
8. ކުޑަހަރުވާޅު (ހަރުވާޅުބުރި/ސޯޓު)
9. ލިބާސް
10. ގަމީސް
11. ޗައްޑި (ޖަނގިޔާ)
12. ލުންގި
13. ކަންބާޔަން (ކަމްބާ މުންޑު)

އަންހެނުންގެ ހެދުން

1. ނޫމުންޑު (ފެހިކުލައިގައި ހުންނަ ދަށުންއަންނަ އެއްޗެއް)
2. މުންޑު (ދަށުންއަންނަ އެއްޗެއް)
3. ސާލުފައްޓު (ބޮޑެތިގޮޅި ހުންނަ ފަށުއިފޮތީގެ ދަށުންއަންނަ އެއްޗެއް)
4. ކަނޑައި އުޅުނބު (ދަށުންއަންނަ އެއްޗެއް)
5. ކަސަބުމުންޑު (އަތްދުތާއި މުޅި މުންޑުގައި ކަސަބުޖަހައިފައި ހުންނަ ދަށުންއަންނަ މުންޑެއް)
6. އަންދަރުމުންޑު (އަތްދުތް ފުޅާކޮށް ހުންނަ ދަށުންއަންނަ އެއްޗެއް)
7. ރަތްލިބާސް - ދިވެހިލިބާސް (ކަރުގައި ކަސަބުބަގިޔާ އަޅައިފައިވާ)
8. ރަތްގަންދާލިލިބާސް - މޮޅު ފޮއްޗެއްގެ ދިވެހިލިބާހެއް (ކަރުގައި ކަސަބު ބަގިޔާ އަޅައިފައިވާ)
9. ފައްޓުގަން (އަންހެނުންގެ ބޮލުގައިއަޅާ ކަޅުފޮތިގަނޑެއް)
10. ބޮލުފޭލި (އަންހެނުންގެ ބޮލުގައިއަޅާ އެއްޗެއް)
11. މައުލިބާސް (މިޒަމާނުގެ ހެދުން)
12. މައުދޮޅި (މިޒަމާނުގެ ހެދުން)
13. ބޯޑި (ކިރުހިއްޕި)

މަލިކުމީހުން އަންނައުނުގެ އެކިބައިތަކަށް ކިޔާ ނަންތަކާމެދު ވާހަކަދައްކާއިރު އެމީހުން މުންޑޭ ކިޔަނީ އަންހެނުން ދަށުންއަންނަ އެއްޗެއްސަށްކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. މިހާރަކަށްއައިސް މަލިކުގެ ސްކޫލަށްދާ ޢުމުރުގެ އަންހެންކުދީން އަޅުގަނޑުމެންގެ ތެރޭގައި މިހުންނަކަހަލަ ތަންކޮޅެއް ނިވާކަން ބޮޑު، ތައްޔާރީ ހެދުން ބޭނުންކުރެއެވެ. ޚާއްޞަކޮށް އަޅުގަނޑުމެން މިކިޔާ ޕާކިސްތާނުހެދުމެވެ. މަލިކުމީހުން ދޮޕައްޓާއަށް ކިޔަނީ ތައްޓަނެވެ.

މަލިކު އޮފީސްއޮފީހުގައި އުޅޭ އަންހެންކުދީން އަޅަނީ ސާޅިއެވެ. އެމީހުން ސާޅިއެޅުމަށް ކިޔަނީ ފޭލިގަން އޮޅުމެވެ.

(ނުނިމޭ)