ފަރަށް އެރި މުދާއުފުލާ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރި 90 ފޫޓުގެ "ވައިޓް ސްޓަރ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ވ. އާރަށް ކައިރިން ފަރަކަށް އެރުމާ ގުޅިގެން، އެ ދޯނި ދިޔަވަމުންދާތީ މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ފަތިހު 4:21 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑް "ދޮށިމޭނާ" ގައި ޑައިވަރުންގެ ޓީމެއް އެސަރަހައްދަށް ގޮސް އެ ދޯންޏަށްް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ދޯނި ދިޔަވާން ފެށީ ފަަރަށް އަރައި ދޯންޏަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ކަމަށާއި އެ ދޯނި ފަރަށް އެރުމާ އެކު، ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން ދޯނި ފުންކޮށް، ވ.އާރަށު ބަނދަރަށް މިހާރު ވައްދާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ދޯންޏަށް ލިބިފައިވާ ގެއްލުންތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން މިހާރު ބަލަމުން އަންނަ ކަމަށާއި މިހާދިސާ ހިނގިއިރު އެ ދޯނީގައި، ދިވެއްސަކާއި 4 ބިދޭސީން ތިބި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.