ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު، (ރަފީ) ޖަމިއްޔާއިން ކުޑަ ކުދިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ "މިލީނިއަމް ކިޑްސް ވީކެންޑް ފަން" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ރަފީ ޖަމިއްޔާއިން މިއަދު ބުނީ، ވައިމާސް ޕްރޮގްރާމް ކުރިޔަށް ގެންދިޔަ ވަގުތު ކުޑަކުދީންނަށް ވަކިން ހާއްސަ ކުޅިވަރުތަކާއި މައުލޫމާތު ސެޝަން ހިމެނޭ ގޮތަށް މިލީނިއަމް ކިޑްސް ވީކެންޑް ފަންގެ ނަމުގައި ރަފީ ޖަމިއްޔާއިން ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި 2 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 30 ކުދިން ބައިވެރިވެފައިވާކަމަށެވެ.
މިއީ އެއްވެސް ފީއަކާ ނުލައި އާންމުކޮށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.
އެގޮތުން ވައިމާސް ޕްރޮގްރާމުގެ ބައިވެރިންގެ ދަރިންގެ އިތުރުން އާންމުކޮށް ހުޅުވާލި ފުރުސަތު ގަބޫލުކޮށް ޕްރޮގްރާމުގައި ބައިވެރިވި ކުދީންވެސް މިޕްރޮގްރާމުގައި ހިމެނޭކަން ރަފީ ޖަމިއްޔާއިން ފާހަގަ ކުރިއެވެ.
ރަފީ ޖަމިއްޔާގެ ރައީސް ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވީ މިފަހަރު އަލަށް މިފެށި މިލީނިއަމް ކިޑްސް ވީކެންޑް ފަން ޕްރޮގްރާމަކީ ޒުވާން ގިނަ މަންމައިންތަކެއް ވައިމާސް ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމާއި އެކުވެސް ޕްރޮގްރާމުގައި ބައިވެރި ނުވެވޭ ސަބަބަކަށް ދަރިން ބަލާނެ މީހަކު ނެތުން ކަމުގައި ފާހަގަކުރަމުންދާ ދިޔުމަށް ލުޔެއް ހޯދައި ދީ، އެފަދަ ފަރާތްތަކަށްވެސް ވައިމާސް ޕްރޮގްރާމުގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މީގެއިތުރުން ރަފީ ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ބޭއްވި ޔޫތު އޭޒް މިލޭނިއަމް އެސެޓްސް ސީރީޒް (ވައިމާސް)ގެ ފުރަތަމަ ޕްރޮގްރާމް ވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ.
ރަފީ ޖަމިއްޔާއިން ސިލްސިލާކޮށް ހިންގާ ވައިމާސް ޕްރޮގްރާމުގެ ފަހު ސީރީސް ގެ ފުރަތަމަ ޕްރޮގްރާމް އިއްޔެ ކުރިޔަށް ގެންގޮސްފައި ވާއިރު، މިޕްރޮގްރާމުގައި 70 ޒުވާނުން ބައިވެރިވިއެވެ.
ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލްއާއި ގުޅިގެން ހިންގާ ވައިމާސް ޕްރޮގްރާމަކީ ދިވެހި ޒުވާނުން ބާރުވެރި ކުރުވައި، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް، ރަފީ ޖަމިއްޔާއިން ހިންގާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ މުހިންމު ބައިތަކުގެ ތެރޭގައި "ހޯޕް ފޯރ އަ ބެޓަރ ލައިފް" "އެޓިޓިއުޑް ފޯރ ޗޭންޖް"، "ރެސްޕެކްޓް ފޯރ ހިއުމޭނިޓީ" އަދި "ސްޓްރައިވް ފޯރ އެކްސެލެންސް" ހިމެނެއެވެ.
މިސެޝަންތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ނަފްސު ކުރިއަރުވާ ތަރައްގީ ކުރުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަސްވުމުގެ އިތުރުން، ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ދަސްވެގެންދާނެކަމުގައި ރަފީ އިން މައުލޫމާތު ދެއެވެ.