ނޫސްވެރިޔާ މ. ޝައިނިންގ ސްޓަރ، ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން އެ މަޖިލީހުން ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.
ހިސާން އެ މައްސަލަ ހުށަހެޅުއްވީ، މިނިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިފައިވާ ރިލްވާނާ ބެހޭ ތިން މައްސަލައެއްގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ދިޔަ ބަހުސްގައެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި މި ރިޕޯޓްގައި ވާ އެއްމައްސަލައަކީ، 2014 ވަނަ އަހަރުގެއޮގަސްޓް 18 ގައި ކޮމިޓީ އަށް ހުށަހަޅުއްވާފައިވާ، ރިލްވާން އަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާ ހޯދުމުގެ މަސައްކަތާއި އަދި އެމައްސަލަ ތަހުގީގު ކުރުން ލަސްވަމުން ދާތީ ކޮމިޓީން އެމައްސަލަ ބައްލަވައި ދެއްވުމަށް އެދިފައިވާ މައްސަލައެވެ.
ދެވަނަ މައްސަލައަކީ، ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ސަލާމަތީ ބާރުތަކުން އޭނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެކެއްގައި އެ ކޮމިޓީ އަށް ހުށަހެޅި މައްސަލައެކެވެ.
ތިންވަނަ މައްސަލައަކީ، ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގެ ތަހުގީގު ހިންގުމުގައި ފުލުހުންގެ އިހުމާލުވެފައިވާ ކަމަށާއި، ގަސްތުގައި ހަގީގަތް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާންކޮށް، ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް، އެމައްސަލަ ބަލައިދިނުމަށް ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ، ރިލްވާންގެ މައްސަލަތައް މަރުތަކާބެހޭ ރިޔާސީ ކޮމިޝަނުން ބަލަމުންދާތީ ރިލްވާނާ ގުޅޭ އެ ތިން މައްސަލަ ތަހުގީގުކުރާނެ ތަނެއް ނެތް ކަމަށް ކޮމިޓީގެ އިއްތިފާގުުން ނިންމާފައިވާ ކަމަށެވެ.
ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ރިލްވާންގެ މައްސަލަ ބަލައި ދިނުމަށް އެދި އޭނާގެ އާއިލާއިން ކުރި މަސައްކަތަށް މުއައްސަސާތަކުން ބީރު ކަންފަތެއް ދީފައިވާ ކަމަށެވެ. އަދި އެކަމަށް އެދި މަޖިލީހުގެ ދޮރުގައި ޖެހި ޓަކީގެ އަޑު އަހަން ޖެހޭ ކަމަށްވެސް ހިސާން ވިދާޅުވިއެވެެ.
އަދި އެ މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތާއި އެމައްސަަލަ ތަހުގީގު ނުކޮށް ދޫކޮށްލި ކަންތައް ފާހަގަކޮށް ސިވިލް ކޯޓަށް މީގެ ކުރިން ހުށަހަޅާފައިވާނެ ކަމަށާއި، އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައި މިހާރު އޮތީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ހިސާންގެ ހުށަހެޅުމުގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އެމައްސަލައިގައި އަމަލުކުރި ގޮތް ބެލުމަށްވެސް ހިމަނާފައިވެއެވެ.
ހިސާންގެ މި ހުށަހެޅުން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.