ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން

އިސްލާމިކް ޔުނިވަސިޓީގެ މަސައްކަތް ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި މާރަނގަޅަށް ކުރެވޭނެ: ހިސާން

އިބްރާހިމް ޒަކީ

3

އިސްލާމިކް ޔުނިވަސިޓީއެއް ވަކީން ހިންގުމަށް ވުރެ، ގައުމީ ޔުނީވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރެއްގައި އެ ކަން މާރަނގަޅަށް ކުރެވޭނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔަ ގައުމީ ޔުނިވަސިޓީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

"ގައުމީ ޔުނީވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރެއްގައި އެ ފެކަލްޓީ އުފެދިގެން އައިސް، ކަންކަމާމެދު ވިސްނައި ފިކުރުކުރާ، ދިރާސާކުރަން އެނގޭ ޖީލެއް ބިނާ ކުރުމަކީ ހަގީގަތުގައި އިސްލާމްދީނަށް އިހުތިރާމް ކުރުމާއި، ދީނަށް ލޯބި ކުރުމާއި، ދީނުގައި ހުރި ކަންތައްތައް އެނގި، ދެނެގަނެ، އެކަންތައްތަކުގެ މަތީގައި ތަބާވެ ތިބުމަށް ކޮންމެހެން މުހިއްމުކަމެއް،" ހިސާން ވިދާޅުވިއެވެ.

ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި ޔުނިވާސިޓީން ކިޔަވައިދޭ ކޮންމެ މާއްދާއަކަށް ވަކި ކޮލެޖެއް، ނުވަތަ ވަކި ޔުނީވާސިޓީއެއް އެޅުމަކީ އެކަން ކުރަންޖެހޭނެ ގޮތެއްނޫން ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ސިޔާސީ ނުފޫޒުން މެނޭޖްމެންޓް ކޮރަޕްޓް ވެގެންގޮސް، އަތޮޅުތަކުގައި ހަދާފައިހުރި ފެކަލްޓީތަކާއި ކެމްޕަސްތަކުން ތައުލީމު ނުދެވި އެތަންތަން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އިސްލާމީ ތައުލީމު ވަރަށް ފުރިހަމަ ގޮތެއްގައި ދެވޭނެ ފެކަލްޓީއެއް ޔުނިވާސިޓީއެއްގައި ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށާއި، އެއް ޔުނިވާސިޓިއެއްގެ ގޮތުގައި ހިންގައިފިނަމަ އިސްލާމީ ތައުލީމް މާ ފުރިހަމައަށް ދެވޭނެ ކަމަށެވެ.