ފުރާނަދަންދެން

ފުރާނަދަންދެން - 22

ސަލްމާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ކޮއްކޮގެ ހަޔާތަށް އަންބެއްގެ ގޮތުގައި އަންނަ އަންހެން ކުއްޖާއަކީ ނަސީބެއްނެތް ކުއްޖެކެވެ. އޭނާގެ ކޮއްކޮގެ ފަރާތުން އަންބަކަށް ވަފާތެރި ލޯތްބެއް ދީފާނެ ކަމާއިމެދު އޭނާއަށް ޝައްކެވެ. އެއީ އޭނާއަށް ކުރިން ބުރުހާނުއްދީންގެ ދިރިއުޅުން ފެނިފައިވާތީއެވެ.

ބުރުހާނުއްދީން ސަލްމާއަށް ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ.

"ދައްތާ...! ތިހެރީ ރަނގަޅު ވާހަކައެއް ދެއްކީމަވެސް ދައްތަ ވިސްނާގޮތް" ބުރުހާނުއްދީން ބުނެލިއެވެ.

"ކީއްކުރާނީ... އަހަރެންގެ ކޮއްކޮއަށް އަހަރެންނަށް އިތުބާރު ނުކުރެވެނީ" ސަލްމާ ބުނެލިއެވެ.

"މިފަހަރު މިހުރީ ރަނގަޅު ހިތަކައިގެން އައިސް. އިންނަން މިއުޅެނީ އިނާޝާ އާ" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

އިވުނު ވާހަކަތައް ޤަބޫލުނުކުރެވިގެން ސަލްމާއަށް އިންތަނުން ފުންމައިގެން ތެދުވެވުނީ ފޫކޮޅަށް ކައްޓެއް ހެރުމުން މީހަކު ތެދުވާނެހާ އަވަހަށެވެ.

"ރަނގަޅަށް ތިއިވުނީ. ދައްތަ ބޭނުމެއްނުވޭތަ އަހަރެންގެ އާއިލާ ފުރިހަމަވާން" ބުރުހާނުއްދީން އަހައިލިއެވެ.

"އަލްހަމްދުލިއްލާހް... އަހަރެންގެ ކޮއްކޮއަށް ހެޔޮ ވިސްނުން ދެއްވައިފި..... ތިއީ ކޮންއިރަކު ނިންމި ނިންމުމެއް" ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލާފައި ސަލްމާ ވާހަކަދެއްކިއެވެ.

"ރޭގައި. އިނާއާއި ބައްދަލުވެސް ކުރިން. އެކަމަކު ދަރިފުޅެއް ނުދެކެން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ދައްތަ ދުޢާކޮށްދޭނަން ކޮއްކޮއަށް ހެޔޮ ވިސްނުން ލިބިގެން ނިންމުމެއް ކަމުގައި ވަންޏާ ތިކަމުގައި ކާމިޔާބު ދެއްވާތޯ. އަމިއްލަ އެދުމެއް އޮވެގެން ނިންމި ނިންމުމެއް ނަމަ ތިކަން ނާކާމިޔާބު ކޮށްލާތޯ" ސަލްމާ ވާހަކަދެއްކިއެވެ.

"ނުބައި ނިޔަތެއްނެތް.... އެކަމަކު އިނާ ހުރީ ކުޑަކޮށް އަހަރެންދެކެ ހިތްހަމަނުޖެހިފައި. އަހަރެން ޖެހޭނީ އޭނަ ސެޓްކުރަން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ. ސަލްމާ ހީލިއެވެ. ބުރުހާނުއްދީންގެ މޫނުމަތިން އޭނާއަށް ފެންނަނީ އެހެންޏާ ނުފެންނަ ހިނިތުންވުމެކެވެ. އޭނާގެ ވާހަތަކުގައި ޙަޤީޤަތެއް ވާކަން މިފަހަރު ސަލްމާއަށް ޔަޤީންވިއެވެ.

ނާހިދްގެ ދެބަފައިން އިޝާނަމާދަށްފަހު މިސްކިތުން ފައިބައިގެން ހިނގާފައި ސައިކަލާއި ދިމާލަށް ދިޔައީ އެކީގައެވެ. ސައިކަލް ސްޓާޓް ކޮށްލުމާއެކު ފަހަތުގައި އިން މޯހަންދާސް ވާހަކަދައްކަން ފެށިއެވެ.

"ހިނގާބަލަ ބައްޕަ ގޮވައިގެން ކޮފީއަކަށް އަރަން. ދަރިފުޅު ކިހާ ދުވަހެއް ބައްޕައާއި އެކީގައި ކޮފީއެއް ބޯލަން ނުދާތާ" މޯހަންދާސް ވާހަކަދެއްކިއެވެ.

"އޭރުން ގެއަށް ގޮއްސަ ނުއެއް ކެވޭނެއްނު. މަންމައާއި އިޝީ ރުޅިއަންނާނެ" ނާހިދް ބުނެލިއެވެ.

"ރުޅިއަންނާނީ ނުކެއިއްޔާއެއްނު. ވަރަށް އަވަހަށް ނިންމާލާފައި ގެއަށް ދާނީއޭ" މޯހަންދާސް ބުނެލިއެވެ. އޭނާގެ އެ ޖަވާބުން ވަރަށް ދާހިތްވެފައި އިންކަން ނާހިދަށް އިނގުނެވެ. އެހެންކަމުން މޯހަންދާސްގެ އެ އެދުމަށް ނޫނެކޭ ބުނަން ނާހިދަށް ނުކެރުނެވެ.

ގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ކެފޭއަކަށް އަރާފައި ދެބަފައިން ކޮފީއަށް އޯޑަރ ދިނުމަށްފަހު މަޑުކޮށްލިއެވެ.

"ރޭގައި މަންމައަށް ކަމެއް ދިމާވީތަ...؟" ނާހިދް އަހައިލިއެވެ.

"އާނ... މަންމަ ކިޔައިނުދޭތީ ބައްޕަ ހުރީ ނާހަން. އަމިއްލައަށް ކިޔައިދީފި. އެކަމު މިހާރު މަންމަ ވަރަށް ބްރޭވް.... އަމިއްލައަށް ރަނގަޅުވާން ވަރަށް މަސައްކަތްކުރޭ. އެވަރުގެ ކަމެއް ރެސްޓޯރަންޓް ތެރެއިން ދިމާވިއިރުވެސް އަމިއްލައަށް ޙައްލު ހޯދީ..." މޯހަންދާސް ވާހަކަދެއްކިއެވެ.

"ކޮންކަމެއް ދިމާވީ އެތަނުން...؟" ތުނބުގައި ޖެހި ކޮފީތަށި ދުރުކޮށްލަމުން ނާހިދް އަހަލައިލިއެވެ.

"މީހަކު ފެނުނީމަ އަބަދުވެސް މަންމަ ބިރުގަނެއެއްނު. އެމީހާ ރޭގައި މަންމަގެ އަތުގައި ހިފީއޯ... ބުނި ވަރަށް އެހެންކަހަލަ ވާހަކަތަކެއްވެސް ދެއްކިއޭ..." މޯހަންދާސް އޮޅުންފިލުވައިދިނެވެ.

"ކިހާ ދެރަކަމެއްތަ...؟ އެއީ ކާކުތަ ބައްޕާ...؟ އެމީހާ ފެނުނީމަ މަންމަ ކީއްވެތަ ބިރުގަންނަންވީ..." ހިތްހަމަނުޖެހިފައިވި އަޑަކުން ނާހިދް އަހައިލިއެވެ.

ވަގުތުން މޯހަންދާސްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނާހިދަށް އެ ހިތި ޙަޤީޤަތް ކިޔައިދޭން އޭނާ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ފަސްޖެހުނެވެ. ހިމޭންކަމާއެކު ނާހިދްގެ މޫނަށް ބަލަން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ޙަޤީޤަތް ކިޔައިދީގެން ނާހިދްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުކޮށްލަން އޭނާ ބޭނުމެއްނުވިއެވެ.

"ބައްޕައަށް އިނގޭތަ އެއީ ކާކުކަން.... މަންމަގެ ފެމެލީ މީހެއްތަ... މިހެން މިއެހީ އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެވެސް ތިބުނާ މީހަކު ފެނުނީމަ މަންމައަށް އުނދަގުތަކެއްވާތީ. ތިބުނާ މީހެއް ދުވަހަކުވެސް އަޅުގަނޑު ނުދެކެން؟" ދެވަނަ ފަހަރަށް ނާހިދް އަހައިލިއެވެ.

"އެއީ ކާކުކަން އެންމެ ރަނގަޅަށް ކިޔައިދެވޭނީ މަންމައަށް. މިވަގުތު ބައްޕައަށް ބުނެވޭނީ އެއީ ދަރިފުޅު ކުޑައިރު މަންމައާއި ދިމާވެފަ ހުރި މީހެކޭ" މޯހަންދާސް ކިޔައިދިނެވެ.

"ނޫން.. މިދަނޑިވަޅުގައި މަންމަ ކައިރީގައި މިކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެހުން މުހިންމެއްނޫން. ޑޭ ބައި ޑޭ މަންމަ އިމްޕްރޫވް ވަމުން އެ އަންނަނީ.... އެހެންވީމަ މަންމަ ހިތަށް ފެނިގެން ކިޔަންދެކަށް މަޑުކޮށްލާނީ" ނާހިދް ވާހަކަދެއްކިއެވެ.

ކޮޓަރި ތެރޭގައި އިސްތިރި ކުރަން ހުރި ނައިޝީ ބަލައިލީ އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެވެ. އިސްތިރިކޮށް ނިމުނު ނާހިދްގެ ގަމީސް ކޮނޑެއްގައި އަޅުވާފައި އަލަމާރީގެ ތަޅުގައި އަޅުވާލިއެވެ. ނާހިދް ފެންވަރާ އަޑު އިވެމުން ދިޔައެވެ. އޭނާ ފޯނު ނަގާފައި ބަލައިލިއިރު އެ ކޯލް އިނީ މިސްވެފައެވެ. ނުދަންނަ ނަންބަރަކުން ގުޅާފައި އިނުމުން ކޯލްބެކް ކުރަން އޭނާ ބޭނުމެއްނުވިއެވެ. އަލަމާރި ތެރޭގައި ހުރި ބޭގް ނަގައިގެން އައިސް އެނދުގައި އިށީނީ ނާހިދް ނުކުންނަންދެން ހެޑް ސެޓުން ލަވަ އަޑުއަހާލުމަށެވެ. ދަބަސް ތެރެއިން އޭނާގެ އަތުގައި ޖެހުނު ކާޑެއް ނަގާ ބަލައިލިއިރު އެއީ ކުރީ ދުވަހު އޭނާއަށް މާހިލް ދިން ކާޑު ކަން އިނގުނެވެ. އޭނާއަށް އެ ކާރޑަށް ބަލަން އިނދެވުނީ ކީކޭ ހިތަށް އަރާފަކަމެއް ނޭނގެއެވެ. އޭނާ ފޫހިކަމާއެކު ކާޑު ހިފައިގެން ދިޔައީ ކޮޓަރީގައި ހުރި ޑަސްބިނާއި ދިމާއަށެވެ. ނަމަވެސް ނޭނގޭ ބާރަކުން އެހެން ނެހެދުމަށް އޭނާއަށް މަޖުބޫރު ކުރިއެވެ. އޭނާ ކާޑު ހިފައިގެން އައިސް އަލުން ދަބަހަށް ލިއެވެ. ނާހިދް ފާހާނާއިން ނިކުތީ އެވަގުތުއެވެ.

"އިނގޭތަ ކުރިން ރެއަކުވެސް އެއްކަލަ މާހިލްއާއި ދިމާވެއްޖެއެއްނު. އެހެންވެގެން ބިރުން ހުރީ" ނާހިދާއި މެދު ސިކުނޑި ތެރޭގައި ނުބައި ޝައްކުތަކެއް އެނބުރެމުންދާތީ އެކަން ހަނދާން ނައްތާލުމުގެ ބޭނުމުގައި ފެށުނު ވާހަކައާއި މެދު އޭނާއަށް ވިސްނާނުލެވުނެވެ.

"ކީއްވެ ތިވާހަކަ ކުރިން ނުބުނީ. އެރޭގައި އަހާލީމަވެސް ބުނީ އެއްވެސް ކަމެއް ދިމާނުވެއޭ... އިޝީ...! އާރ ޔޫ އޯކޭ..." ޑްރެސިންގްޓޭބަލް ކުރިމަތީގައި ހުރި ނާހިދް ބޮލުގެ އިސްތަށިގަނޑުގައި ހުރި ފެންތައް އަތުން ފޮޅާލަމުން ވާހަކަދެއްކިއެވެ.

"އެ....އެއީ.... ވީގޮތަކީ... އޭނަ ފެނުނީ ހަމައެކަނި.... ފަހަތުން އައިސްދާނެތީ ބިރުގަތީ...." އަވަސް އަވަހަށް ނައިޝީ އޮޅުވާލިއެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ ނާހިދް ކައިރީގައި އެއްދޮގު ހެދުނީތީ އެ ދޮގު ފޫބައްދަން މިޖެހުނީ އަނެއްކާ އަނެއް ދޮގުހަދާށެވެ.

"ބީ ކެއރަފުލް ނެކްސްޓް ޓައިމް. އިޝީއަށް ދެރަގޮތެއްވާން ބޭނުމެއްނޫން" ނައިޝީ ކައިރީގައި ހުއްޓި އެއްއަތުން ނައިޝީގެ ކޯތާފަތުގައި ފިރުމާލަމުން ނާހިދް ވާހަކަދެއްކިއެވެ. ނައިޝީ ނާހިދްގެ މޭގައި ބޯއަޅާލަމުން ނާހިދްގެ ހާމައަށް ހުރި ބުރަކަށީގައި ދެއަތް ވަށާލިއެވެ. ވަގުތުން ނާހިދްގެ ހަށިގަނޑަށް އެނގުން ވެލައިގެން ދިޔައެވެ. އޭނާ ހުރީ ހަމައެކަނި ތުވާލި އަނދެލައިގެން ކަމަށްވާތީ ހަށިގަނޑަށް އިތުރު ހަރަކާތެއް ނުގެނެސް ހުއްޓުން އެރިއެވެ. އޭނާގެ ހިތް އޭނާ ބޭނުންނުވާ މިސްރާބަކަށް ދާން ދަތުރުފަށަން އުޅޭހެން ހީވުމާއެކު ދެއަތުން ނައިޝީ ދުރުކޮށްލިއެވެ. އަދި އޭނާ ލާން ނަގާފައި އޮތް ޖީންސު ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. އޭނާ ފާހާނާ އިން ނިކުތް އިރުވެސް ނައިޝީ ހުރީ ހުރި ފިޔަވަޅުމަތީގައެވެ. ނާހިދްގެ ހަށިގަނޑުގެ ފިރިހެންވަންތަކަން އިހުސާސް ކުރެވޭހާ ގާތަށް އާދެވިއްޖެކަން އެނާއަށް އިނގިއްޖެއެވެ. އޭނާއަށް އެވަގުތުކޮޅު ދުރުނުވެވުނީއެވެ.

"ސޮރީ... ގަސްދުގައެއްނޫން. ނެކްސްޓް ޓައިމް އައި ވިލް ކޮންޓްރޯލް މައި ސެލްފް" ނައިޝީ ބުނެލިއެވެ.

"އިޓްސް އޯކޭ... އެވަރުގެ ކަމެއް ވެދާނެ..." ހިނިތުންވެލަމުން ނާހިދް ބުނެލިއެވެ. ދެމީހުންގެ ދެމެދަށް ދެން ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ.

ކަންތައް ވީގޮތުން ނާހިދް ހުރީ ހިތްހަމަނުޖެހިފައި ކަމަށް ހީކޮށް ނައިޝީއަށް ވާހަކަދައްކަން ނުކެރުނެވެ. އީވްއާއި އެކީގައި ޝޮޕިންގްއަށް ދާން ނާހިދްގެ ކައިރިން ހުއްދައަކަށް އެދެންވެސް ނައިޝީއަށް ނުކެރުނެވެ. ޑިޔުޓީ ނިންމާފައި ނާހިދް އައިސް ކޮޓަރިއަށް ވަނުމުން ސިޓިންގްރޫމް ސޯފާގައި އޮތް ނައިޝީ ތެދުވިއެވެ. އޭނާ ވިސްނާލިއެވެ. ނާހިދް އޭނާގެ ކުރިމަތިން ހުރަސްކޮށް އެދިޔައީ ފޯނަށް ބަލަހައްޓައިގެން ހުރެއެވެ. މީހަކު އޮތްތޯވެސް ބަލައިނުލައެވެ. ނައިޝީ ދެލޯ ފެންކަޅިވިއެވެ. އޭނާ މަޑުމަޑުން ތެދުވެގެން ސިޑިން އަރަން ފެށިއެވެ. އޭނާ ކޮޓަރި ކައިރީގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު މަޑުމަޑުން ތަޅު އަނބުރާލިއެވެ. އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު އެނދުގައި އުއްޑުން އޮތް ނާހިދް ފެނުނެވެ. ދެއަތް ފުޅާކޮށްގެން އޮތް ނާހިދްގެ ދެލޯ ވަނީ މެރިފައެވެ. ނައިޝީ މަޑުމަޑުން ކައިރިއަށް ގޮސް ނާހިދްގެ ބޮލާއި ދިމާލުން އެނދުގައި އިށީނެވެ. އޭނާ އިނީ ނާހިދަށް ބަލަހައްޓައިގެންނެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވީ ނާހިދް ބޯ ހިއްލާލުމަށްފަހު އޭނާގެ އުނގުގައި ބާއްވައިލުމުންނެވެ.

"މިއަދު މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާވަރުން. މަސާޖްކޮށްލަދީބާ" ލޯ މަރައިގެން އޮތް ނާހިދް ބުނެލިއެވެ. ވަގުތުން ނައިޝީގެ އޭނާގެ ހިމަ އިނގިލިތަކުން ނާހިދްގެ ބޮލުގެ ނިތްކުރިމަތިން މަސާޖްކުރަން ފެށިއެވެ. ނާހިދް ދެލޯ ހުޅުވާ ނައިޝީއަށް ބަލައިލީ އަރާމުވީ ވަރުންނެވެ.

"ކީއްވެ މާ ހިމޭންވެފަ ތިއިންނަނީ...؟" ނާހިދް އަހައިލިއެވެ.

"ހީކުރީ އަދިވެސް ނާހިދް ހިތްހަމަނުޖެހިފަކަމަށް. ވަދެގެން އައިރު ބަލައިވެސްނުލި ވިއްޔާ..." ނައިޝީ ވާހަކަދެއްކިއެވެ.

"އިޝީ ކޮންތާކު އިނީ... ގެއަށް ވަތް ގަޑީގައި އިންމަ މެސެޖްކުރަން ފެށީމަ ކިޔަމުން އައިސް ކޮޓަރިއަށް މިވަނީ. އައި ސްވިއަރ އިޝީއެއް ނުދެކެން... އައިމް ސޮރީ..." ނާހިދް ބުނެލިއެވެ.

"އިޓްސް އޯކޭ... މިހާރު ޤަބޫލުކޮށްފިން..... އަނެއް.... އިއްޔެގަ ވީ ކަންތައް.... ދެން އެކަހަލަ ކަމެއް ނުކުރާނަން...." ނައިޝީ ބުނެލިއެވެ.

އަނެއްކާ އެވާހަކަ. އިއްޔެގަ ދެމީހުން ދޭތެރޭގަ ކަމެއް ހިނގި ނަމަވެސް ކޮބާތަ މައްސަލައަކީ. ފާފާއަކަށް ނުވާނެ ދޯ... ވީ އާރ ހަޒްބެންޑް އެންޑް ވައިފް ދޯ... ކަމެއް ހިނގި ނަމަވެސް އަހަރެން އިޝީ ކުށްވެރިއެއް ނުކުރާނަން" ނާހިދް ދެއްކި ވާހަކަތަކުން ނައިޝީގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަން ފެށިއެވެ. އިއްޔެގަ އެދެމެދުގަ ކަމެއް ހިނގި ނަމައޭ އެހާ އަވަހަށް ހިތަށް އަރާ ހެވުނެވެ.

"މިރޭ ދާނަން އިނގޭ ބޭރަށް. އިންމަ މުހިންމު ވާހަކައެއް ދައްކަންވެގެންނޭ ބުނީމަ." ނާހިދް ބުނެލިއެވެ.

"އަހަރެންވެސް ބުނަންވެގެން މިއުޅެނީ. އީވްއާއި އެކުގައި ޝޮޕިންގްއަށް ދިޔަސް އެންމެ ރަނގަޅުތަ...؟ ނިމުނީމަ ނާހިދަށް ގުޅާނަން ބަލާ އަންނަން" ނައިޝީ ވާހަކަދެއްކިއެވެ.

"އެންމެ ރަނގަޅު. އެކަމަކު ދިޔުމުގެ ކުރިން މަންމަ ކައިރީގައި ބުނެލާފައި ދާތި އިނގޭ... އެންޑް ޕްލީޒް ބީ ކެއަރފުލް...." ނާހިދް ބުނެލިއެވެ.

****************

"ހުޅުމާލެ ކޮޅަށް ދޯ ދާނީ. މާލޭގައި ކޮފީ ބޯ މީހުން މިހާރު ނޫޅޭ" ބުރިޖާއި ދިމާލަށް ދުއްވާފައި ދިޔަ ސައިކަލް ދުއްވަން އިނީ އިމްރާނެވެ.

"ހިނގާބަލަ. އިންމަ ބުނާ ތަނަކަށް ގޮސްގެންވެސް ތިދައްކަން ބޭނުންވާ ވާހަކަ އެބަޖެހޭ އަޑުއަހަން" ފަހަތުގައި އިން ނާހިދް ބުނެލިއެވެ.

"ކޮބާތަ ވާހަކައަކީ...؟" ކެފޭއަކަށް ވަދެ ހަމަޖެހިލަމުން ނާހިދް އަހާލިއެވެ.

"ހާދަ ކެތްމަދުވެފަ. ކިޔާދޭނަމޭ. އިހަށް ބުނެބަލަ ދެކުދިންގެ ސުހާގު ރާތު އައިއްސިތަ...؟" މަޖާ ރާގަކަށް އިމްރާން އަހައިލިއެވެ.

"ހުން... މިއައީ މަގޭ ވާހަކަދައްކަންތަ...؟" ނާހިދް ބުނެލިއެވެ.

"މަށަށް އިނގޭ އޭރުވެސް ނުހުރެވޭނެކަން" އިމްރާން ބޭނުންވީ ނާހިދް ލައްވާ އެކަމާއި ބެހޭގޮތުން ވާހަކަދައްކުވާށެވެ.

"ތިކަހަލަ ގުޅުމެއް އަދި ނެތް އަހަރެމެންގެ. އިޝީ ނުވެސް އުޅޭ އެހާވަރަކުން...." ނާހިދް ބުނެލިއެވެ.

"އެކަމަކު.... ނާޑުއަށް ކެތްވޭތަ އެއްކޮޓަރީގަ ރީތިކަން ހުސްކޮށްގެން ހުރި އަންހެންކުއްޖެއް ގޮވައިގެން އުޅޭއިރު" ޙަޤީޤަތުގައިވެސް އިމްރާނަށް ޤަބޫލެއް ނުކުރެވެއެވެ.

"މި އުޅެނީނު... އެކަމަކު ތެދެއް ބުނަންތަ. މިހެން އުޅޭއިރު ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގާ. ދެން އިނގެއެއްނު އެއްތަނެއްގައި އުޅެންޏާ އެކަހަލަ އެކްސިޑެންޓް ހިނގާލެއް ގިނަވާނެކަން" ނާހިދް ވާހަކަދެއްކިއެވެ.

"ކެތްގަދަ އިންސާނެއް. މަށަށް އިނގެނީ މަގޭ ގޮތް.... މަށަކަށް ނުހުރެވޭނެ މަށަށް ރީތި ކުއްޖަކު މަގުމަތިން ފެނުނަސް ގަޔަށް ބޮލަށް ނާރާ. ދެން އަދި ވިސްނާލަބަ ކައިވެންޏެއް ކުރެވުނީމަ މަ އުޅޭނެގޮތް.... ހެހެހެ...." އިމްރާން ހިނިގަނޑަކާއެކު ބުނެލިއެވެ.

"މިހާރު ތިއުޅެނީ މަގޭ ވާހަކަތަކުން ނިންމާލައިގެން ކޮފީ ނިންމާފައި ދާންވެގެން.... މަ ޖެހޭނެ އިޝީ ގުޅީމަ ދާން" ނާހިދް ބުނެލިއެވެ.

ނޫން ސީރިޔަސްކޮށް ވާހަކައެއް ދައްކަން ގެނައީ... އަސްލު... މި ހިތަށް އަރަނީ މެރީކުރަންވީ ބާއޭ" އިމްރާން ތަންކޮޅެއް ސިއްރުން ބުނެލިއެވެ.

"ރަނގަޅަށްތަ މި އަޑު އިވުނީ މަށަށް...." ނާހިދް ބުނެލިއެވެ.

"ބުނެބަލަ... ރަނގަޅު ވިސްނުމެއްތަ...؟" އިމްރާން އަހައިލިއެވެ.

"ކުއްޖަކު ދެކެ ލޯބިވެވުނީތަ...؟" ނާހިދް އަހައިލިއެވެ.

"ވޭ ކަންނޭނގެ. އެއީ ވަރަށް ރީތި ކުއްޖެއް. ޔަޤީނުންވެސް އެ މަންޖެ ވަރަށް ލޯބިވޭ މަ ދެކެ. އަބަދު މެރީކުރާށޭ ކިޔަނީ" އިމްރާން ވާހަކަދެއްކިއެވެ.

"ތިއީ ކޮންއިރަކު ކުރިކަމެއް މަށަށް އަންގާވެސްނުލާ. ކޮން ނަމެއް ކިޔާ ކުއްޖެއް. ކޮން ރަށަކު..؟ އައި މީން މާލޭގައިތަ އުޅެނީ...؟" ނާހިދް އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ.

"މަޑުކޮށްބަލަ... ރިލޭޝަންޝިޕަކަށް ދިޔަތާ މިހާރު ދެމަސް މިވަނީ. ރާއްޖެއިން ބޭރުން ކިޔަވައިގެން މިހާރު އެބައުޅޭ މާލެ އައިސް. މާލޭ ކުއްޖެއް. ދިމާވީ އިންސްޓަގްރާމުން. ހުރޭ ސަޅިގޮތެއް... ދެން ދެފަރާތުން ފޮޓޯ ފޮނުވައިގެން...." އިމްރާން ކިޔައިދިނެވެ.

"ދެން ކައިވެނި ކުރަން ގަސްތުކުރަނީ ކިހާތާކު...؟" ނާހިދް އަހައިލިއެވެ.

"އަނހަ... މި އަހަނީ ރަނގަޅުކަމެއްހޭ މިއީ... މަށަށް އުޅެވިދާނެތަ...؟" އިމްރާން އަހައިލިއެވެ.

"އުޅެވޭނެކަމުގެ ޔަޤީންކަން ނެތިއްޔާ ކޮންމެހެން ތިކަން ކުރަން އުޅޭނެކަމެއް ނެތް. އަވަހަށް އެކުއްޖާ ދޫކޮށްލާ" ނާހިދް ބުނެލިއެވެ.

"މަ ވަރަށް ލައިކްވޭ... ބްލެކް ބިޔުޓީއެއް.... ހަރުދަނާ ވަޒީފާއަކަށް އެޕްލައި ކޮށްގެން އުޅެނީ. ނުހުރޭ ފޮނިގޮތެއްވެސް" އިމްރާން ބުނެލިއެވެ.

"ތިއީ ރަނގަޅުކަމެއްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލަބަލަ. އެކަނި އިނދެ ވަރަށް ފުންކޮށް ތިކަމާމެދު ވިސްނާލަބަލަ. އިންމަ ނިންމިގޮތެއް މަގޭ ކައިރީގައި ބުނީމަ މަ ބުނާނަން މަ ދެކޭގޮތް" ނާހިދް ބުނެލިއެވެ. އިމްރާން އެއްބަސްވިއެވެ.

"މަށަށް ފޮޓޯ ދައްކާލަންވީނުން ދެން... އެހެންނޫނީ ތިބުނާ ކުއްޖާއަށް އަނެއްކާ މަގޭ ހިތް ކިޔާފާނެ..." ނާހިދް ބުނެލިއެވެ. އިމްރާން މޭޒުމަތީގައި އޮތް ފޯނު ނެގިއެވެ. އެއަށްފަހު އެ އަންހެންކުއްޖާގެ ފޮޓޯ ނާހިދަށް ދައްކައިލިއެވެ. ނާހިދް ބުނާނެ އެއްޗެއް ނޭނގޭތީ އިމްރާން ދެއަތުން މޭޒުމަތީގައި މަޑުމަޑުން ތަޅާލަ ތަޅާލަ އިނީ އިސްޖަހާލައިގެންނެވެ. ނަމަވެސް އޭނާ ހީކުރި ގޮތާއި ހިލާފަށް ނާހިދްގެ ތުންފަތް މައްޗަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އިމްރާން ބަލައިލުމުގެ ކުރިން އޭނާ އަވަސް އަވަހަށް މޫނު މައްޗަށް ސީރިޔަސްކަން ގެނުވިއެވެ.

"އަނެއްހެން ގޯހެއްނޫން... ރަނގަޅު ވާނެ ކަންނޭނގެ..." ފަރުވާކުޑަ ރާގަކަށް ނާހިދް ބުނެލިއެވެ.

"ދެން މިރޭ ނުނިދާ އޮވެ ވިސްނާނީ... މާދަމާ ބުނާނަން އިނގޭ މަ ނިންމި ގޮތެއް" އިމްރާން ބުނެލިއެވެ.

*****************

ހުކުރު ދުވަހެވެ. ބަނޑުގައި ރިއްސާތީ އޮތް ނައިޝީގެ މަގަތުން ނާހިދް އިށީނދެގެން އިނެވެ. ވަގުތަކީ ހެނދުނުގެ ވަގުތެކެވެ. ނައިޝީ ބަލިކޮށް އުޅުމުން ނާހިދް ކޮޓަރިން ނިކުންނަން ބޭނުންނުވިއެވެ. އޭނާ ބޭނުންވީ އޮގާތެރި ފިރިއެއް ފަދައިން ނައިޝީއަށް ހިދުމަތްކޮށްދޭށެވެ.

"މެންދުރަށް ކައްކަންދާން ބޭނުން..." ނައިޝީ ބުނެލިއެވެ. ނަމަވެސް އެގޮތް ނާހިދް ބޭނުންނުވިއެވެ.

"އިޝީ ނުދިޔަސް މިގޭގަ މެންދުރު ކައްކާނެ. ރަނގަޅު ވަންދެން އޮވެބަލަ ބަސްއަހައިގެން" ނާހިދް ވާހަކަދެއްކިއެވެ. ނައިޝީއަށް ކައިރިއަށް ހިނިއައެވެ.

"މިއީ އަބަދުވެސް ވާގޮތޭ ނާހިދް... ދެތިން ދުވަހުން ރަނގަޅުވާނީ. ބަލިވިޔަސް މިގޮތަށް އެއްތަނެއްގައި މަޑުން އޮތުމަކީ އަހަރެން ކުރާހިތްވާ ކަމެއްނޫން" ނައިޝީ ވާހަކަދެއްކިއެވެ.

"ހެހެހެ... ހަނދާން އެބުހުރި. ކޮލެޖުގަ އުޅުނުއިރު އިޝީ ހުން އައިސްގެން ކްލިނިކެއްގަ އެޑްމިޓް ކުރި ދުވަހު އައިވީ ފުޅިއާއި އެއްކޮށް ކޮލެޖަށް އައި ދުވަސް...ހެހެހެ..." މާޒީގެ ތެރެއިން ދުވަހެއް ހަނދާންކޮށްލަމުން ނާހިދް ހީލިއެވެ.

"ހެހެހެ.. ތިއެންމެން ހޭންފެށީމަ އަސްލު ވަރަށް ލަދުގަތް. އަސްލުވެސް އެތަނުގައި އޮންނަން ފޫހިވެގެން ދިޔައީ... މަންމަ ފާހާނާއަށް ދިޔަ ވަގުތު ބަލާފައި ނައްޓާލީ..." ނައިޝީވެސް އެސަމާސާ ގައި ބައިވެރިވިއެވެ.

އާދަވެގެން ކޮންމެ ހުކުރުދުވަހަކީ ދެބަފައިން ގެތެރޭގައި މަކުނުވާ ފޮޅާލާ ތަންތަން ސާފުކުރާ ދުވަހަށްވާތީ، ނައިޝީ ކައިރީގައި ރެސްޓްކުރަން އޮތުމަށް ބުނުމަށްފަހު ނާހިދް ތިރިއަށް ފޭބީ މޯހަންދާސްއަށް އެހީވުމަށެވެ.

"ކޮބާ މިހާރު އެމަންޖެ ކިހިނެއް...؟" ނާހިދް ފެނުމާއެކު މޯހަންދާސް އަހައިލިއެވެ.

"ރަނގަޅު... ކޮބާ މަންމަ...؟ ބަދިގޭގަތަ...؟" ގޭތެރެއިން އިނާޝާ ފެންނަން ނެތުމުން ނާހިދް އަހައިލިއެވެ.

"މަންމަގެ ފަރާތުން އެހެންޏާ ނުފެންނަ ކަހަލަ ކަމެއް މިއަދު ފެނިއްޖެ..." މޯހަންދާސް ވާހަކަދެއްކިއެވެ.

"ކޮންކަމެއް...؟ ސަކަރާތް ކަމެއްތަ...؟" ނާހިދް އަވަސް އަވަހަށް އަހައިލިއެވެ.

"ބައްޕަ މިތަނުގައި ހުއްޓަ މީކާ އައީ ތަރުކާރީ ގަންނަންދާން... މީކާ ބަދިގެއަށް ފޮނުވާލާފައި މަންމަ ހިނގައްޖެ ފިހާރައަށް" މޯހަންދާސް ހިނިތުންވުމަކާއެކު ކިޔައިދިނެވެ.

"ތިއީ ރަނގަޅު ސައިންއެއް ބައްޕާ... އެކަމަކު... ވަރަށް ގިނައިރު ވެއްޖެތަ...؟" ނާހިދް މޫނުމަތިން ކަނބޮޑުވުން ފާޅުވަމުން ދިޔައެވެ.

"ތިންކް ޕޮޒިޓިވް ދަރިފުޅާ... މި ދޮރު ހުޅުވާލައިގެން ބައްޕަ މިހުރީވެސް ތިކަހަލަ އެއްޗެހި ހިތަށް އަރާވަރުން. އެކަމަކު... މިހާރު އެއީ ކުރީގެ އިނާޝާއެއް ނޫން. މިހާރު ވަރަށް ތަފާތު އެބަފެނޭ..." ނާހިދުގެ ކޮނޑުގައި ޖަހައިލަމުން މޯހަންދާސް ބުނެލިއެވެ. ނާހިދު ހީލިއެވެ. އޭނާ މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ. އޭނާ ދޭ ފަރުވާއިން އިނާޝާގެ ފަރާތުން ހެޔޮ ބަދަލުތައް ފެނުނަސް އެ މަންމައާއި މެދު އޭނާ އަބަދުވެސް ކަންބޮޑުވެއެވެ.

************

މަގުގެ އެއްފަރާތުން މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އިނާޝާ ވަނީ ގެއާއި އެންމެ ކައިރިން ހުރި ފިހާރައަށެވެ. ނަމަވެސް އޭނާ ގަންނަން ބޭނުންވި ހުރިހާ ސާމާނެއް އެފިހާރައިން ނުލިބުމުގެ ސަބަބުން އެފިހާރައިން ނިކުތެވެ. އޭނާ މިސްރާބު ޖެހީ ގެއާއި ކުޑަ ތަންކޮޅެއް ދުރުގައި ހުންނަ ފިހާރައެކެވެ.

ސައިކަލް ފަހަތުގައި މާހިލް ގޮވައިގެން ދިޔަ ބުރުހާނުއްދީނަށް މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ އިނާޝާ ފެނުމާއެކު ދުވެލި މަޑުކޮށްލިއެވެ. އޭނާ އެދިމާލަށް ބަލައިލިއެވެ. ފިޔާތޮށި ކުލައިގެ ގަޔަށް ދޫ ކުރުތާއަކާއި ކަޅު ކުލައިގެ ސްކިނީގައި ދިޔަ އިނާޝާ ފެނުމާއެކު އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. އިނާޝާގެ ފަރި ހިނގުމަށް އޭނާގެ ތައުރީފް ކޮށްލިއެވެ. މީގެ ކުރިން އިނާޝާ އޭނާގެ އަންބެއްގެ ގޮތުގައި ހުރިއިރު އޭނާގެ ހިތަށް ނުވާ ގޮތްތަކެއް މިހާރު ވަމުންދާތީ ހައިރާންވިއެވެ. އޭނާ ޤަބޫލުކުރަން ބޭނުންނުވިޔަސް އެސޫރައަށް އޭނާއަށް ލޯބިކުރެވެން ފަށައިފިއެވެ.

"ބައްޕާ....! ކީއްވެ ތިހާ މަޑުން ތިދުއްވަނީ. މިހާރު މާއްޓެމެން ނައްޓާލަފާނެ... މާބޮޑަށްވެސް ލަސްވެއްޖެ" މާހިލް ޝަކުވާކޮށްލިއެވެ. ބުރުހާނުއްދީން މަގަށް ނަޒަރު ސީދާކޮށްލީ މާހިލް ވާހަކަދެއްކި އަޑަށެވެ.

"ބައްޕައަށް ހީވަނީ ބައްޕަގެ ބަނޑު ސަކަރާތްވީ ކަންނޭނގެ... ދަރިފުޅު ޓެކްސީއެއް ނަގައިގެން ދާންވީނުން. ބައްޕަ ދާންވެއްޖިއްޔާ އަވަހަކަށް އެހިސާބަކަށް ނުފޯރާނެ" ބުރުހާނުއްދީން ވާހަކައެއް ހަދައިލިއެވެ.

"އޯކޭ... އެކަމަކު ބައްޕަ ގެއާއި ހަމައަށް ދެވޭނެތަ؟" ބުރުހާނުއްދީން ސައިކަލް މަޑުކޮށްލުމުން މާހިލް ފައިބާފައި އަހައިލިއެވެ.

"ޑޯންޓް ވޮރީ... އަވަހަށް ދޭ..." ބުރުހާނުއްދީން ބުނެލިއެވެ.

ޓެކްސީއެއް ހުއްޓުވައިގެން މާހިލް ނައްޓާލުމާއެކު ބުރުހާނުއްދީންގެ ނަޒަރު ސީދާވީ އޭނާއަށް ވުރެ މާކުރީގައި ހުރި އިނާޝާއަށެވެ. އޭނާ އިނާޝާގެ ފަސް ފަހަތުން ސައިކަލުގައި މަޑުމަޑުން ދުއްވަމުން ދިޔައެވެ. އިނާޝާ ވާތް ފަރާތު ގޯޅިއަށް އެޅުމާއެކު ބުރުހާނުއްދީން އެދިމާލުގައި ސައިކަލް ޕާކް ކުރިއެވެ. ސައިކަލުގައި ވަންވޭއާއި އިދިކޮޅަށް ދެވެން ނެތިގެން އޭނާ ފައިމަގުގައި އިނާޝާގެ ފަހަތުން ހިނގަން ފެށިއެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ފިހާރައިގެ ކުރިމަތީގައި ހުއްޓުމަށްފަހު ލޮލުގައިވާ އަވި އައިނު ނަގާފައި އިނާޝާ ފަހަތް ބަލައިލީ ފަހަތުން މީހަކު އަންނަހެން ހީވާތީއެއް ނޫނެވެ. މާދުރަށް ހިނގާލެވުމުން ދެފައިގައި ވަރުބަލިކަމެއް ހުރުމުންނެވެ.

ބޭނުންވާ ސާމާނުތައް ގަނެގެން އިނާޝާ ގެއާއި ދިމާލަށް ހިނގައިގަތުމާއެކު ފަހަތުގައި ހުރި ބުރުހާނުއްދީންވެސް ހިނގައިގަތެވެ. އޭނާގެ ބޭނުމަކަށްވީ އިނާޝާގެ އެޑްރެސް ހޯދުމެވެ. އޭނާ އެކަން ކާމިޔާބުވެސް ކުރިއެވެ. އިނާޝާއަށް ހިލަމެއްވެސް ނުވާ ގޮތަށް އޭނާ ގެއާއި ހަމައަށް އައެވެ. އޭނާ އެނބުރި ދިޔައީ އެގޭ އެޑްރެސް ބަލާފައެވެ. އެގޭގައި އުޅޭ މީހުންގެ މަޢުލޫމާތު ގޭޓު ކައިރީގައި އިން ގާޑު ކައިރީގައި އެހުމުން އޭނާއަށް ނުދިނެވެ. އެކަމާއި ބުރުހާނުއްދީން ރުޅި އިސްނުކޮށް ދިޔައީ ކުރަން ހިތުގައި އަޅައިގެން އުޅޭ ކަންތައް ފެއިލްވެދާނެ ކަމުގެ ބިރަށެވެ.

****************

ނުޝައިބާ ދެކެ ހިތްހަމަނުޖެހިފައި ހުރިވަރުން ނަތާޝާ ކިޔަވަން ނުގޮސް ދެ ދުވަހު ގޭގައި މަޑުކުރިއެވެ. އޭނާ ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅީ އިނާޝާ މަޢާފަށް އެދުމުންނެވެ.

ހޮސްޕިޓަލުގައި ދެފައި ޖެހުމާއެކު އޭނާ އެންމެ ފުރަތަމަވެސް ބެލީ އެއްވެސް ވާޑެއްގައި އަޒްކާ އެޑްމިޓް ކުރެވިފައި ވޭތޯއެވެ. އޭނާ ހިތު ހިސާބެއް ހަދާލިއިރު ޔަޤީނުންވެސް އަޒްކާ ވިހާ ދުވަސް ފަހަނައަޅާ ގޮށްސިއެވެ. އޭނާ ވަކިވަކިން ހުރިހާ ވާޑެއް ޗެކް ކުރިއެވެ. ފާއިތުވެދިޔަ ދެމަސް ދުވަހެއްހާ ދުވަހު އަޒްކާ ކިޔާ އެއްވެސް ކުއްޖެއްގެ ރެކޯޑެއް އޮތްތޯ ބެލިއެވެ. ނަމަވެސް އަޒްކާގެ އެއްވެސް މައުލޫމާތެއް ނުލިބުނެވެ. އަޒްކާގެ މޯބައިލް ފޯނަށް އެތައް ފަހަރަކު ގުޅިއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ މާޔޫސްވިއެވެ. ޑިޔުޓީ ނިމުނު ވަގުތު އޭނާ ކެންޓީނާއި ދިމާލަށް ދިޔައީ މާބޮޑަށް ބަނޑުހައިވެފައި ހުރުމުގެ ސަބަބުން އެއްޗެއް ކާލުމަށެވެ. މޭޒު ކައިރީގައި އިށީނދެފައިވެސް އޭނާ ކާހިތެއް ނުވިއެވެ. އަޒްކާ މަތިން ހަނދާންވެ މާޔޫސް ވަނީއެވެ. އަޒްކާގެ ހަބަރެއް އިނގޭނެ މީހެއް އޭނާގެ ހިތަށް އެރީ ކުއްލިއަކަށެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ހިނގައިގަތެވެ. މަގުމައްޗަށް ނިކުމެފައި ރާއިދުއަށް ގުޅުމުގެ ބަދަލުގައި މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވައިގެން އެއަށް އެރިއެވެ.

(ނުނިމޭ)