ޚަބަރު

މިފަހަރު "ދަ ލެގަސީ" ގައި ތަގުރީރުކުރައްވާނީ ޝައިޚް މަކާރިޘީ

ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ދަ ލެގަސީ" އިވެންޓުގައި މިފަހަރު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އައިރިސް ދަރިކޮޅަށް ނިސްބަތްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޞަބާހް ވިދާޅުވި ގޮތުގައި "ދަ ލެގަސީ" ގައި ޝައިޚް މަކާރިޘީ ކުރައްވާ ތަގުރީރު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައެވެ. ޝައިޚް މަކާރިޘީ ތަގުރީރުކުރައްވާނީ "ދަ ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށް ކަމަށް ޞަބާހް ފާހަގަކުރެއްވިއެވެ.

2017 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ "ދަ ލެގަސީ" އިވެންޓުގައި މީގެ ކުރިން ވަނީ ޑރ. ބިލާލް ފިލިޕްސް އަދި ޝައިޚް ހުސައިން ޔީ ފަދަ ބޭފުޅުން ރާއްޖެ ވަޑައިގެން ތަގުރީރުކުރައްވައިފައެވެ.

މިފަހަރުގެ ލެގަސީ އިވެންޓުގައި ތަގުރީރުކުރައްވާ ޝައިޚް މަކާރިޘީ އިސްލާމްވެވަޑައިގަތީ 1994 ވަނަ އަހަރުގައެވެ. އިސްލާމްވުމަށްފަހުގައި ސޫދާނަށް ކިޔަވައި ވިދާޅުވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ސައުދީ އަރަބިއާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ޝައިޚް މަކާރިޘީ ތައުލީމު ހާސިލްކުރެއްވިއެވެ.