ރިލޭޝަންޝިޕް

ބައިވެރިޔާއާ ކުރަން ނުވާ ބައެއް ސުވާލުތައް

މީހަކާ ރައްޓެހިވެގެން ނުވަތަ އިނދެގެން އުޅޭއިރު ބައިވެރިޔާ ކައިރީ ކޮންމެ ވާހަކައެއް ވެސް ދެެއްކެން ވާނެއެވެ. އަދި ދައްކާ ވާހަކައިން ތިބާ ޖަޖް ނުކުރާނެ ކަމުގެ ޔަގީންކަން އޮންނަންވާނެއެވެ. ކުރެވޭ ގޯސްކަންތަކާއި ރަނގަޅު ކަންތައް ހިއްސާކުރަންވާނެއެވެ.

ބައިވެރިޔާ އާއެކު ގިނައިން ވާހަކަ ދައްކައި ގިނަ ކަންކަން ހިއްސާކުރުމުން ގުޅުން ބަދަހި ވެގެން ދެއެވެ.

ނަމަވެސް ބައެއް ކަހަަލަ ސުވާލު ތަކަކީ ބައިވެރިޔާކުރެން އެހުމުން ދެމީހުނަށްވެސް އެއިން އުނދަގޫވެދާނެ ޖަވާބުތަކެއް ލިބިދާނެ ސުވާލުތަކެކެވެ. ހާއްސަކޮށް ބައިވެރިޔާގެ ކުރީގެ ދިރިއުޅުމާ ގުޅޭ ގޮތުން ކުރެވޭ ސުވާލު ތަކުން އަމިއްލަ އަށް ހިތްބުރަ ވާގޮތް ދިމާވެދާނެއެވެ.

އެހެންކަމުން މި އާޓިކަލުގައި މި ބަލައިލަނީ ބައިވެރިޔާއާ ކުރުން ރަނގަޅު ނޫން ބައެއް ސުވާލު ތަކަށެވެ.

ތި ހަދަނީ ތެދުތަ؟

މި ސުވާލު ކުރުމުން ގުޅުމަށް ބުރުއަރާގޮތް ވެއެވެ. ފުރަތަމަ ކަމަކަށް މިސުވާލު ކުރުމުން އިންސެކިއުއާ ކަން ހާމަވެއެވެ. އަދި ބައިވެރިޔާއަށް އިތުބާރު ނުކުރާކަންވެސް ދޭހަވެއެވެ. މީގެ އިތުރުން މިސުވާލު ކުރުމުން ބައިވެރިޔާ ދޭ ޖަވާބަކީ އަސްލުވެސް ތެދެއްތޯ އަމިއްލައަށް މާބޮޑަށް ވިސްނެންފަށައި އެ ޖަވާބަށް އިތުބާރު ކުރެވޭތޯ އަމިއްލަ ނަފްސު ސުވާލު އުފައްދައެވެ. ފަހު ކަަމަށް ތިބާއަށް އެސުވާލު އަމާޒުވެއްޖެ ނަމަ އިހްސާސް ވާނީ ކިހިނެއްތޯ ވިސްނާލަމާތޯއެވެ.

އެހެންކަމުން ތިބާ ވިސްނާ ނުވަތަ ތިބާއަށް ބައިވެރިޔާގެ ފަރާތުން ހިތްހަމަނުޖެހޭ ކަންތައްތައް އެއީ ކޮންމެ ކަހަލަ މައްސަލައެއް ނުވަތަ ޓޮޕިކަކަސް ހިއްސާކުރާށެވެ. އަދި ދެމީހުން ވާހަކަދައްކާށެވެ. އޭގެ ސަބަބުން ދެމީހުންގެ އިތުބާރު ބޮޑުވެ ގުޅުން ބަދަހިވެގެން ދެއެވެ. އަދި ކުދި ކުދި ކަންކަމުގައި ސްޓްރެސް ވުން ދުރުކޮށްދެއެވެ.

އަބަދު އަހަރެންގެ މައްސަލައަކަށް ވަނީ ކީއްވެ؟

"ބްލޭމް ގޭމް" އަކީ ބަދަހި ގުޅުމެއް ހަލާކު ކޮށްލާ އެންމެ ބޮޑު އެއް މައްސަލައެވެ. ބައިވެރިޔާ ކުރާ ގޯސްކަންތަކުގެ ވާހަކަ އަބަދު ދައްކައި، ޝަކުވާކޮށް އޭނާގެ މައްސަލަތައް ނަގައިގެން އުޅޭ ނަމަ އޭނާގެ ފަރާތުންވެސް އަންނާނީ އެހާލަތާ ގުޅުވާފައި އަންނަ ޑިފެންސިވް ޖަވާބެކެވެ.

އެންމެ ރަނގަޅު ގޮތަކީ ބްލޭމް ކުރުމުގެ ބަދަލުގައި، އަސްލު މައްސަލައާއި އެކަމާހެދި ތިބާއަށް އިހްސާސްވި ގޮތް ބައިވެރިޔާއާ ހިއްސާކުރުމެވެ. އަދި އެކަން ހައްލު ކުރެވޭނެ ގޮތެއްވެސް ހުށަހެޅުމެވެ. ބައިވެރިޔާގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެ ނަމަ ބުނުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް އަބަދު އެވާހަކަ ދެއްކުމުން އޭނާވެސް ތިބާދެކެ ފޫހިވުން މެދުވެރިވެއެވެ.

މީގެ އިތުރުން އޭނާ ކުރާ ރަނގަޅު ކަންތައް އަދި ތިބާ އުފާކުރަން އޭނާ ކޮށްދޭ ކަންތައްތައްވެސް ފާހަގަކޮށް އެކަންކަން އޭނާއާ ހިއްސާކުރާށެވެ.

ކުރީގެ ބައިވެރިޔާއަށްވުރެ އަހަރެން ރަނގަޅުތަ؟

އަމިއްލަ މީހާ އެހެން މީހަކާ އަޅާކިޔުންވެގެންދާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށެވެ. އަބަދު ބައިވެރިޔާގެ ކުރީގެ ދިރިއުޅުމުގެ ވާހަކަ ދެއްކުމުން އޭނާއަށްވެސް އެކަން އުނދަގޫވެ ދޭނެ ޖަވާބެއްވެސް ބައެއް ފަހަރު ނޭނގިދާނެއެވެ.

މިސުވާލު ކުރުމަކީ އަމިއްލަ ނަފުސަށް އިތުބާރު ނުކުރާކަންވެސް ދައްކުވައިދޭ ކަމެކެވެ. އަދި އަބަދު ކުރީގެ ބައިވެރިޔާގެ ވާހަކަތައް ކޮންނަ ނަމަ ތިބާއަކީ ޖެލަސް އަދި ޕޮސެސިވް މީހެއްގެ ގޮތުގައި ލޭބަލްވެގެން ދިޔުން އެކަށީގެންވެއެވެ.

އަހަރެން ބޭނުންވާ ގޮތަށް ކަންކަން ނުކުރަނީ ކީއްވެ؟

ތިބާ ބޭނުންވާ ގޮތަށް ބައިވެރިޔާ ކަންކަން ނުކުރާތީ އެކަމާހެދި ބްލޭމް ކުރުމަކީ އޭނަ ޑީމޯޓިވޭޓް ވާނެ ކަމެކެވެ. ގުޅުމަށް ބައިވެރިޔާ ކުރާ ކަންކަން ބަލައިގަނެ އެކަން ފާހަގަ ކުރާށެވެ. އަދި ތިބާގެ ހިތުގައި ހުންނަ ކަންކަން އޭނާ އަށް ނޭނގޭނެކަންވެސް ހަނދާން ބަހައްޓައިގެން ކަމެއް ބޭނުން ކަމުގައި ވާނަމަ ނުވަތަ ބަދަލަކަށް އެދޭނަމަ އޭނައާ އެކަން ހިއްސާކޮށް ވާހަކަ ދައްކާށެވެ.

މުހިންމީ ވާހަކަ ދެއްކުމެވެ. ޒުވާބު ކުރުމެއް ނޫނެވެ.

އަސްލުވެސް ލޯބިވަންތަ؟

ލޯބިވާކަން އެނގުން އަދި އިހްސާސް ވުމަކީ މުހިއްމު ކަމެއް ނަމަަވެސް، އެ ސުވާލު ބައިވެރިޔާއާ ކުރުމަކީ ގުޅުމަށް އަސަރު ކުރާނެ ކަމެކެވެ. ބައެއް ފަހަރު ބައިވެރިޔާ ތިބާއާއެކު ހޭދަކުރާ ވަގުތު މަދުވުން ނޫނީ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމާމެދު ތިބާއަށް ޔަގީންކަން ނެތް ނުވަތަ ހިތް ނުތަނަވަސްވާ ވަގުތު އައުން އެއީ ދިމާވާ ކަންކަމެވެ. މި ކަހަލަ ހާލަތުގައި ބައިވެރިޔާ ލޯބިވޭތޯ ސުވާލު އުފެއްދުމުގެ ބަދަލުގައި ދެމީހުންނަށް ރަނގަޅު ވަގުތާއި ހާލަތަށް ބަލާފައި އަމިއްލަ އިހްސާސްތައް އޭނާއާ ހިއްސާކުރާށެވެ. ލޯބިވޭތޯ ޔަގީން ކުރާނީ ބައިވެރިޔާގެ ދުލުން ބުނާ ބަހެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބަކީ އަޑުއަހައިލުމުން ލިބޭ ހިތްހަމަޖެހުމެއް ފިޔަވައި އިތުރު ޔަގީންކަމެއް ލިއްބައިދޭނެ ޖަވާބެއް ނޫނެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަން ޔަގީން ކުރާނީ، މުއާމަލާތްކުރާ ގޮތަށް ބަލައިގެންނެވެ. އެކަން ޖެހޭނީ ބައިވެރިޔާގެ އަމަލުތަކުން ފެންނާށެވެ. ލޯބިވާކަން އެއީ އިހުސާސްވާން ޖެހޭ އެއްޗެކެވެ.