މަޖިލީހުގެ ރައީސް

ކޮންގްރީޓުން ހަދާ ބަނދަރު ދޫކޮށްނުލައެއް ފަރަކު ނުޖެހޭނެ، ބޭނުންވަނީ ނަލަ ބަނދަރު: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ޖަޒީރާ ދިރިއުޅުންގެ ވިސްނުމަށް ދާއިރު، ރާއްޖޭގެ ރަށްރަށުގައި ކޮންކްރީޓުން ހަދާ ބަނދަރުތައް ދޫކޮށްލައި، ނަލަ ބަނދަރު ހޯދަންޖެހޭކަމަށް ރއްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕާލިސްޓިކުގެ ނުރައްކާ ފާހަގަކޮށް، ޕްލާސްޓިކް ނައްތައިލުމަށް ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ ނަމުގައި، ކުރާ އިލްތިމާސެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެރުވުމުން، އެ އިލްތިމާސާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ އަސްލު ހަމަޖެހިފައި އޮންނަނީ، އެރަށެއްގެ ވަށައި އެނބުރޭ ވަޔާއި ވެއްޔާ އެކުގައި ކަމަށެވެ. އެހެންކަމުން ރަށުގެ ތޮށިގަނޑު ކަނޑައިގެން ގުދުރަތީ އުސޫލުތަކާ އިދިކޮޅަށް ކޮންކްރީޓް ބަނދަރު ހެދުމަށް ވުރެ ނަލަ ބަނދަރު ހެދުން މުހިއްމުކަން ފާހަގަ ކުރައްވައި އެ ބަންދަރުގެ ކޮންސެޕްޓްވެސް ރައީސް ނަޝިދު ވިދާޅުވެދެއްވިއެވެ.

"ކޮންކްރީޓުން ހަދާ ބަނދަރު ދޫކޮށްނުލައެއް ފަރަކު ނުޖެހޭނެ، އެހެންކަމުން ބަދަލު ކުރާނެ އެހެންގޮތެއް ހޯދަން ޖެހޭ، މިހާރު އެބަ ހޯދަންޖެހޭ ނަލަ ބަނދަރެއް، ގުދުރަތީ ވަސީލަތްތައް ބޭނުކޮށްގެން އަޅުގަނޑުމެން ބޭނުންވާ އިންސާނީ އުއްމީދު ހޯދަން، ބަނދަރެއް ހަދައިފަ މިއޮންނަނީ މަޑު ކުރަންވެގެން. ވަށައިގެން ތޮއްޓެއްލައިގެން އެތެރެ މަޑު ކުރަންވެގެން، އެހެންވީމާ ބޭރުގަ ފަރެއް ހައްދައިފަ ފަރުގެ މައްޗަށް ފަލެއް ހައްދައިފަ އެގޮތަށް ކުރެވޭ ޑިޒައިނެއްގައި ބަނދަރުތައް ހަދަން ފެށުން. އަދި އެހެންވެސް ރަށުގައި ހިންގޭ ތަރައްގީގެ ކޮންމެ ކަމަކީ ވެސް ދެކޮޅު ޖެހޭ ކަމަކަށްވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ތަރައްގީގެ މަސައްކަތްތައް ހިންގަން ޖެހޭނެ ކަމަށާއި، ނަމަވެސް އެ މަސައްކަތްތަކަކީ ފިތުރަތާ ދެކޮޅު ގުދުރަތީ ރޭވުމާ ހިލާފަށް ހިންގޭ މަސައްކަތްކަށް ވާން ނުޖެހޭ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު އަސާސަކީ ޖަޒީރާ ދިރިއުޅުމުގެ ވިސްނުން ކަމަށްވެސް ވިދާޅުވިއެވެ.